ކެބިނެޓަކީ ގާސިމްގެ ޚިޔާލެއް، ގުޅިގެން ކުރާ މަސައްކަތަށް އަސަރެއް ނުކުރާނެ: އަމީން
ކެބިނެޓަކީ ގާސިމްގެ ޚިޔާލެއް، ގުޅިގެން ކުރާ މަސައްކަތަށް އަސަރެއް ނުކުރާނެ: އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިއްޔެ އިއުލާންކުރެއްވި ކެބިނެޓަކީ އޭނާގެ ޚިޔާލެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތަށް ހުރަހެއް ނެތް ކަަމަށް އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، ގާސިމް އިއްޔެ ވަނީ، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކެބިނެޓުގައި ތިއްބަވާނެ ބޭފުޅުންގެ ނަންތައް އިއުލާން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އެއްވެސް ބޭފުޅަކު ނުހިމަނަ އެވެ. އެކަމަކު، ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަޅީގެ ބޭފުޅުންނަށް މަގާމްތައް ދެއްވަން ނިންމަވާފައިވެ އެވެ.

އެމްޑީޕީ ނުހިމަނައި، ޖުމްހޫރީ ޕާޓީގެ ކެބިނެޓް އިއުލާންކުރުމުން ކޯލިޝަންގެ ބައެއް ބޭފުޅުން ހިތްހަމައެއް ނުޖެހެ އެވެ. އެ ނިންމުމަށް ކޯލިޝަންގެ ބައެއް ބޭފުޅުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

ގާސިމްގެ އަރިސް ބޭފުޅެއް ކަމަށްވާ އަމީން "މިހާރު" އަށް ވިދާޅުވީ އިއްޔެ އިއުލާން ކުރެއްވީ ގާސިމް ލީޑްކުރައްވާ ސަރުކާރެއްގައި ކެބިނެޓުގައި ތިއްބަވާނެ ބޭފުޅުން ކަމަށާއި އެގޮތަށް ހިޔާލުފާޅުކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެގޮތަށް ކެބިނެޓް އިއުލާން ކުރެއްވުމަކުން، ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގާސިމް ހުށަހެޅުއްވީ އެމަނިކުފާނުގެ ޚިޔާލުފުޅެއް. އެއީ ކަންބޮޑުވެ ހާސްވާން ޖެހޭ ވަރުގެ ކަމެއް ނޫން،" ރާއްޖޭގެ ސިޔާސީ ކަންކަމާ ހެދި އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާސިމް އިއުލާން ކުރެއްވީ އެއް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، ކެބިނެޓް އޮންނާނެ ގޮތް ކަން ފާހަގަކުރައްވައި، އެއް ކެންޑިޑޭޓަކު ހަމަޖެހުމާ އެކު ޖުމްހޫރީ ޕާޓީގެ ހިޔާލު ވެސް ބަދަލުވާނެ އެވެ. އެހެންކަމުން ގުޅިގެން ކުރާ މަސައްކަތަށް އަސަރެއް ނުކުރާނެ ކަމަށާއި ކޯލިޝަނުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އަމީން ވިދާޅުވި އެވެ.

އެމްޑީޕީގެ އެއްވެސް ބޭފުޅަކު ނުހިމަނައި ކޯލިޝަން އިއުލާން ކުރެއްވީ ކީއްވެތޯ އެހުމުން، އަމީން ވިދާޅުވީ "އެމްޑީޕީގެ ލީޑަޝިޕާ ދޭތެރޭގައި ވެސް ގާސިމް ގެންގުޅުއްވަނީ ޕޮޒިޓިވް ވިސްނުމެއް" ކަމަށެވެ. ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރަން އެމްޑީޕީން ތިބި ނަމަ ގާސިމް ކުރިއަށް ގެންދަވާނީ އެ އުސޫލުން ކަމަށާއި އެމްޑީޕީގައި ގާބިލް ބޭފުޅުން ތިބި ކަމަށް އަމީން ވިދާޅުވި އެވެ.

"ގާސިމް އެއްވެސް ބޭފުޅަކަށް އަދި ކެބިނެޓުގެ މަގާމެއް އޮފާއެއް ނުކުރައްވާ. އެއީ ވައިގެ ތެރޭގައި ކުރައްސަވާލެއްވި ހިޔާލުފުޅެއް،" އަމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން ވެސް މެނިފެސްޓޯ އެކުލަވާލައި، ކެންޑިޑޭޓު އިއުލާންކޮށް، އެ ޕާޓީގެ ވެރިކަމެއްގައި ބަދަލު ގެންނާނެ ސިޔާސަތުތަކާއި ނިޒާމްތައް އިއުލާންކުރަމުން އަންނަ ކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ އެ ޕާޓީގެ ނިންމުންތަކަށް ޖުމްހޫރީ ޕާޓީން ފުރިހަމައަށް އިހްތިރާމްކުރާ ކަމަށެވެ. އެ އުސޫލުން، ޖުމްހޫރީ ޕާޓީގެ އެތެރޭގެ ނިންމުންތަކަށް އެމްޑީޕީން ވެސް އިހްތިރާމްކުރާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުން ވަނީ ގުޅިގެން އެކުގައި ކުރާ މަސައްކަތް އެކީގައި ގޮސް ނިންމާލަން. ނަތީޖާއާ ހަމައަކަށް ދާން ހިޔާލުތައް ހުށަހަޅާނެ. އަޅުގަނޑު ޔަގީންކުރަނީ ޕާޓީތަކުން ގުޅިގެން މިކުރާ ދަތުރު ކާމިޔާބު ކުރެވޭނެ ކަމަށް،" އަމީން ވިދާޅުވި އެވެ.

އެމްޑީޕީ ބާކީކޮށް، ޖުމްހޫރީ ޕާޓީގެ ކެބިނެޓު އިއުލާންކުރުމާ ގުޅޭ ގޮތުން އެމްޑީޕީން ރަސްމީކޮށް އަދި ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެ ޕާޓީގެ އާއްމު މެމްބަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.