ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން ވަގުތު އިތުރުކޮށްފި
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން ވަގުތު އިތުރުކޮށްފި

ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ދިން ވަގުތު މިރޭ 10:30 އާ ހަމައަށް އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ނިންމާފައިވާ ގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ، ވީހާ ވެސް ގިނަ ބަޔަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"ވޯޓާސް ލިސްޓުގައި ހުންނަން ޖެހޭނީ ރަނގަޅު މައުލޫމާތު. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ ވީހާވެސް ގިނަ ބަޔަކު އެ ލިސްޓު ބަލައި، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭން،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެގެ ނިޔަލަށް ލިސްޓާ ގުޅޭގޮތުން 69 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ މަރުވެފައިވާ ބައެއް މީހުން ލިސްޓުގައި ހިމެނޭ މައްސަލަ އާއި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންގެ ނަން ލިސްޓުގައި ވާ މައްސަލަތަކެވެ.

އެ ލިސްޓަށް އެއްވެސް ސިޔާސީ ޕާޓީއަކުން ޝަކުވާ ހުށަހަޅާފައެއް ނުވެ އެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓުގައި، 263،000 މީހުންގެ ނަން އީސީން ހިމަނާފައިވެ އެވެ.

އެ ކޮމިޝަނުން ބުނީ ލިބިފައިވާ ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބެއް ދޭނެ ކަމަށެވެ. ޖަވާބާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައި ކޯޓަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާއިރު، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ނެރުނު ވޯޓާސް ލިސްޓަށް ވުރެ މި ފަހަރު ފުރިހަމަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އަކްރަމް ވިދާޅުވި އެވެ.

ވޯޓާސް ލިސްޓު ތައްޔާރު ކޮށްފައި ވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތުތައް އަސްލަކަށް ބަލައިގެންނެވެ. އެހެންވެ، ރާއްޖޭން ބޭރުގައި މަރުވި މީހުންގެ ނަމާއި އުމުރުން 18 އަހަރު ނުވާ ކުދިންގެ ނަން ލިސްޓުގައި އޮތުން ފަދަ މައްސަލަތައް ހުރެދާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.