20 ޖޫން 2018 - 11:26

ޖަކާޓާ (ޖޫން 20) - އިންޑޮނީޝިއާގެ ނޮދަން ސުމަތުރާގައި ފެރީއެއް ބަންޑުން ޖަހާލައި 166 މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ފެރީ ފެތިފައި ވަނީ މޫސުން ގޯސްވުމުންނެވެ. ލަކުޑި ފެރީގައި ތިބި މީހުންގެ އަދަދާއި ކާގޯއާ ބެހޭ ރަސްމީ މައުލޫމާތު ނެތުމުން އޮފިޝަލުން ބުރަވަނީ އާއިލާތަކުން ދޭ މައުލޫމާތަށެވެ. ފެތުނު ފެރީ އޮޕަރޭޓް ކުރަނީ ގަވާއިދާ ޚިލާފަށެވެ.
ނޮދަން ސުމަތުރާގެ ޑިޒާސްޓާ އެޖެންސީގެ އޮފިޝަލް މަހުލާ ތަމްބާ ބުނީ ފެރީން ގެއްލުނު މީހުންގެ ތެރޭން މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށެވެ. މިހާތަނަށް ވަނީ 18 މީހަކު ސަލާމަތް ކޮށްފަ އެވެ.
މަހުލާ ބުނީ ފެރީން 166 މީހުން ގެއްލުނު ކަމަށް ލިސްޓްކޮށްފައި ވަނީ އާއިލާތަކުން ދިން މައުލޫމާތުގެ އެހީގައި ކަމަށެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ސްޕީޑް ލަސްވުމުން ބައެއް މީހުން ދަނީ ފާޑު ކިޔަމުންނެވެ. މީހުން ހޯދަން ހުރަސް އެޅިފައި ވަނީ ވެސް މޫސުން ގޯސްވުމުންނެވެ.
އިންޑޮނީޝިއާގައި 17،000 އަށް ވުރެ ގިނަ ރަށް ހިމެނޭ އިރު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރަން އާއްމުކޮށް ބޭނުން ކުރަނީ ފެރީ އެވެ. ނަމަވެސް ފެރީތަކުގެ ސަލާމަތީ ފިޔަވަޅުތައް ދަށްވުމުގެ ޝަކުވާ ބޮޑެވެ.