20 ޖޫން 2018 - 11:09

ސޯޗީ، ރަޝިއާ (ޖޫން 20) – ބްރެޒިލްގެ ފޯވާޑް ނޭމާ ޕްރެކްޓިހުގައި ހުއްޓާ ކަނާތު ފައިގެ ކުޑަހުޅަށް ތަދުވެ ފަރުވާ ހޯދަން ޖެހިއްޖެ އެވެ.
ނޭމާ ވޯލްޑް ކަޕާ މުބާރާތާ ކުރިމަތިލީ ޕީއެސްޖީ އަށް ކުޅެނިކޮށް ފެބްރުއަރީ މަހު ވާތު ފައިތިލަ އަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް އޮޕަރޭޝަނެއް ކުރުމަށް ފަހު އެވެ. މި ފަހަރު އަނިޔާވީ ކުޑަހުޅަށެވެ.
ވޯލްޑް ކަޕުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ސްވިޒަލެންޑާ 1-1 އިން އެއްވަރުވި އިރު އެ މެޗުގައި ނޭމާގެ ފަޔަށް ގިނަ ޓެކްލްތަކެއް އެރި އެވެ. މެޗުގައި ވެސް ދޭތެރެއަކުން ތަދުވާތީ އުޅެ އެވެ.
އެ މެޗަށް ފަހު ބްރެޒިލުން ހޯމަ ދުވަހު ބޭސް ކޭމްޕަށް ދިޔައިރު އެ ދުވަހު އޭނާ ޕްރެކްޓިހެއް ނުކުރެ އެވެ. އިއްޔެ ވެސް ފަހުން ޕްރެކްޓިސް ކުރިއަށް ނުގެންދެވުނެވެ.
ބްރެޒިލް ޓީމުގެ އޮފިޝަލަކު ބުނީ އޭނާ މި ދެ ދުވަސް ހޭދަކުރީ ފިޒިއޯ ހެދުމުގައި ކަމަށާއި މާދަމާ ޕްރެކްޓިހުގައި ބައިވެރިވާނެ ކަމަށެވެ. އެހެންވެ ހުކުރު ދުވަހު ކޮސްޓާ ރީކާއާ ދެކޮޅަށް ކުޅޭނެ ކަމަށް ލަފާކުރެވެ އެވެ.
ބޮޑު އަނިޔާއަށް ފަހު ނޭމާ އެނބުރި އައީ ޖޫން 3 ވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އޭނާ އެ މެޗުގައި ގޯލެއް ވެސް ޖެހި އެވެ. އޭގެ ފަހުން އޮސްޓްރިއާ އަތުން 3-0 އިން ބްރެޒިލް މޮޅުވި މެޗުގައި ލަނޑު ޖެހި އެވެ. އެހެންވެ ވޯލްޑް ކަޕުގައި އޭނާ މޮޅު ކުޅުމެއް ދައްކާނެ ކަމަށް އޮތީ ޔަގީންކުރެވިފަ އެވެ.