ރޮނާލްޑޯ އަކީ ފުޓްބޯޅަ އަށް ލިބިފައިވާ ނަސީބެއް: ޕެޕޭ
ރޮނާލްޑޯ އަކީ ފުޓްބޯޅަ އަށް ލިބިފައިވާ ނަސީބެއް: ޕެޕޭ

މޮސްކޯ (ޖޫން 20) - ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމަކީ ޕޯޗުގަލަށް އެކަނި ލިބުނު ނަސީބެއް ނޫން ކަމަށާއި އޭނާ އަކީ މުޅި ފުޓްބޯޅަ އަށް ލިބުނު ނަސީބެއް ކަމަށް އެ ޓީމުގެ ޑިފެންޑަރު ޕެޕޭ ބުނެފި އެވެ.

ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލް ވަނީ 3-3 އިން ސްޕެއިންއާ އެއްވަރުކޮށްފަ އެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެއާ އެކު ރޮނާލްޑޯ ވެފައިވަނީ ވޯލްޑް ކަޕެއްގައި ހެޓްރިކް ހެދި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އަދި ބައިނަލްއަގްވާމީ ބޮޑު އަށް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށް ވެސް ވަނީ ވެފަ އެވެ.

"އަހަރެމެން ޓީމަށް އެންމެ މުހިއްމު ކަމަކީ ރޮނާލްޑޯ ފިޓްކޮށް ހުރުން. އެއީ އަހަރެމެންނަށް (ޕޯޗުގަލް) އަށް އޮތް ނަސީބެކޭ ގިނަ މީހުން ބުނޭ. އެކަމަކު އަހަރެންގެ ނަޒަރުގައި މުޅި ފުޓްބޯޅަ ލިބިފައިވާ ނަސީބެއް ރޮނާލްޑޯ އަކީ. އޭނާގެ ސަބަބުން ފުޓްބޯޅަ ބަލާ މީހުން އެބަތިބި. އޭނާއާ ހެދި ގިނަ ބަޔަކަށް ރަނގަޅު ކަންތައްތަކެއް ވެއްޖެ،" ޕެޕޭ ބުންޏެވެ.

ކުޅުނު ފުރަތަމަ މެޗުން މޮރޮކޯ ވަނީ ހިތްދަތި ގޮތަކަށް ފަހު ވަގުތު އީރާން އަތުން ބަލިވެފަ އެވެ. ވަރުގަދަ ކުޅުންތެރިންތަކަކާ އެކު އޮތް މޮރޮކޯ މުބާރާތުގައި ކުރިއަށްދާން ބޭނުންވާނަމަ މިއަދު ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނެރެން ޖެހެ އެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ސްޕެއިން މެޗުގައި ހާސިލްކުރެވުނު ކަންތައްތައް ރަނގަޅު ކަމަށާއި އެހެން ނަމަވެސް އޭގެ މާނަ އަކީ މޮރޮކޯ މެޗު ފަސޭހަކޮށްލުމެއް ނޫން ކަމަށެވެ. އެފްރިކާގެ ގައުމުތަކާ އަޅާކިޔާއިރު މޮރޮކޯ އަކީ މުޅިން ތަފާތު ޓީމެއް ކަމަށް ސަންޓޯސް ވަނީ ބުނެފަ އެވެ.

މޮރޮކޯގެ ކޯޗު ހާވް ރެނާޑް ބުނީ ރޮނާލްޑޯ ހުއްޓުވުމަކީ ކުރަން ޖެހިފައި އޮތް އުނދަގޫ ބޮޑު ބުރަ މަަސައްކަތެއް ކަމަށެވެ.

"ރޮނާލްޑޯ ހުއްޓުވުމަކީ ފަސޭހަ ކަމެއް ނޫން. ޕްލޭނެއް ހެދިދާނެ. އެކަމަކު އޭނަ ގޮތެއް ހޯދައިގެން ވެސް އަނެއް ޓީމަށް ގެއްލުމެއް ދޭނެ. ކުރަން ޖެހިފައި މި އޮތީ ވަރަށް އުނދަގޫ މަސައްކަތެއް،" ރެނާޑް ބުންޏެވެ.

މިއީ 1998 ވަނަ އަހަރަށް ފަހު މޮރޮކޯ ކުޅޭ ފުރަތަމަ ވޯލްޑް ކަޕް އެވެ. ރެނާޑް ބުނީ އޭނާގެ ޓީމުން މުބާރާތުގައި ކުރިއަށް ދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

މިއަދުގެ މެޗު ފަށާނީ ހަވީރު 5 ޖަހާއިރު އެވެ.