21 ޖޫން 2018 - 08:49

ވިލިއަމް ޝޭކްސްޕިއާގެ ވާހަކަތަކުގެ ތެރެއިން "ޓްވެލްތު ނައިޓް" ގެ އެޑަޕްޓޭޝަނެއް ވެސް ހަދަން ބޭނުންވާ ކަމަށާއި އެ ފިލްމްގެ ބަތަލާގެ ރޯލަށް ބޭނުން ވަނީ ޕްރިޔަންކާ ޗޯޕްޅާ ކަމަށް ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ބުނެފި އެވެ.

އޭނާ ބުނީ އެ ފިލްމާ ބެހޭ ގޮތުން ޕްރިޔަންކާއާ މީގެ ކުރިން ވާހަކަތަކެއް ވެސް ދައްކާފައިވާ ކަމަށެވެ.
"ޕްރިޔަންކާ ހޮލީވުޑަށް ދިޔަ ފަހުން ނިއު ޔޯކްގައި އޭނާއާ ތިންހަތަރު ފަހަރަކަށް އަހަންނަށް ބައްދަލުވެވުނު. އަދި ފިލްމްގެ ވާހަކަ ޕްރިޔަންކާއާ ހިއްސާ ކުރިން." މިހާރު "ޗޫޅިޔާން" ކިޔާ ފިލްމެއް ހަދަމުން އަންނަ ވިޝާލް ބުންޏެވެ. "ޓްވެލްފް ނައިޓްގެ އެޑަޕްޓޭޝަނެއް އަހަރެން ހަދަން ބޭނުން ވަނީ ޕްރިޔަންކާއާ އެކު. ވަރަށް އުންމީދު ކުރެވޭ އެ ފުރުސަތު ލިބޭނެ ކަމަށް."
އޭނާ މީގެ ކުރިން ވެސް ވަނީ ޕްރިޔަންކާއާ އެކު ދެ ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ 2009 ގެ "ކަމީނޭ" އާއި 2011 ގެ "ސާތު ހޫން މާފް" ގަ އެވެ.
ވިޝާލް ވަނީ މީގެ ކުރިން ވެސް ޝޭކްސްޕިއާގެ ވާހަކަތަކަށް ތިން ފިލްމެއް ހަދައިފަ އެވެ. ޝާހިދު ކަޕޫރާއި ޝްރަދާ ކަޕޫރާ އެކު ބެލުންތެރިންނަށް 2013 ގައި ގެނެސް ދިން ފިލްމް "ހައިދަރް" އަކީ ޝޭކްސްޕިއާގެ "ހެމްލެޓް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
އަދި ތައްބޫ އާއި އިރްފާންގެ ހާންގެ މަގްބޫލް (2003) އަކީ ޝޭކްސްޕިއާގެ "މެކްބެތު" އަށް ބިނާކޮށް ހެދި ފިލްމެކެވެ. ދެހާސް ހައެއްގައި ރިލީޒް ކުރި އަޖޭ ދޭވްގަން އާއި ކަރީނާ ކަޕޫރް އަދި ސައިފް އަލީ ހާންގެ "އޯމްކާރާ" އަކީ "އޮތެއްލޯ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ޕްރިޔަންކާ މިހާރު ރަސްމީކޮށް ސޮއިކޮށްފައި އޮތީ އެންމެ ހިންދީ ފިލްމަކަށެވެ. އެއީ ސަލްމާނާ އެކު ކުޅޭ އަދި އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" އެވެ.
އެކަމަކު ރިތިކް ރޯޝަންގެ ސްޕަހީރޯ ފިލްމް "ކްރިޝް" ގެ ހަތަރު ވަނަ ބައިގެ ބަތަލާގެ ރޯލުން ވެސް ޕްރިޔަންކާ ފެންނާނެކަން ޑައިރެކްޓަރު ރާކޭޝް ރޯޝަން ކަށަވަރުކޮށް ދީފައިވެ އެވެ.
އެ ފިލްމް ސިނަމާތަކަށް އަންނާނީ 2020 ގަ އެވެ.