21 ޖޫން 2018 - 08:49

ދެހާސް ނުވައެއްގައި ރިލީޒްކޮށް، އޭރު ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ރާޖްކުމާރް ހީރާނީގެ ކާމިޔާބު ފިލްމް "3 އިޑިއަޓްސް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.
މީޑިއާތަކަށް އެކަން ހިރާނީ ކަށަވަރުކޮށްދިން ނަމަވެސް، ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ފިލްމްގެ ދެވަނަ ބައިގެ ސްކްރީންޕްލޭގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުންޏެވެ.
އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ޗެތަން ބަގަތުގެ 2004ގެ ވާހަކަ "ފައިވް ޕޮއިންޓް ސަމްވަން" އަށް ބިނާކޮށް ހެދި "3 އިޑިއަޓްސް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ހިރާނީގެ އިތުރުން އަބިޖާތު ޖޯޝީ އާއި ޑައިރެކްޓަރު/ޕްރޮޑިއުސަރު ވިންދޫ ވިނޯދް ޗޯޕްޅާ އެވެ.
މި މަހުގެ 29 ގައި ރިލީޒް ކުރާ ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" ގެ ޓީމަކީ ވެސް މިއީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "3 އިޑިއަޓްސް" ގެ ދެވަނައި ބައި ގެނެސް ދޭނީ ހިރާނީގެ ކާމިޔާބު ފްރެންޗައިޒް "މުންނާއ ބާއީ" ގެ ތިން ވަނަ ބައި ގެނެސް ދިނުމަށް ފަހު އެވެ.
ޑިސެމްބަރު، 25، 2009 ގައި ރިލީޒް ކުރި "3 އިޑިއަޓްސް" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އާމިރް ހާނާއި އާރް މަދަވަން އާއި ޝަރްމަން ޖޯޝީގެ އިތުރުން ކަރީނާ ކަޕޫރެވެ. އަދި ފިލްމްގެ ވަރަށް ތަފާތު ރޯލެއް ބޮމަން އިރާނީ ވެސް ކުޅެފައިވެ އެވެ.
މި ފިލްމް ބިނާކޮށްފައި ވަނީ އިންޑިއާގެ ތައުލީމީ ނިޒާމުގައި ހުރި ފޫނުބެދޭ ކަންތައްތަކުގެ މައްޗަށެވެ.
ޖުމްލަ 55 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "3 އިޑިއަޓްސް" އަށް ބޮކްސް އޮފީހުގައި 459.96 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ. އަދި މި ފިލްމްވެގެން ގޮސްފައި ވަނީ ޗައިނާ އާއި ޖަޕާން ފަދަ ގައުމުތަކުގައި ދައްކައިގެން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ ފިލްމަށެވެ.
"3 އިޑިއަޓްސް" އަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ އެކު މި ފިލްމްގެ ތަމަޅަ، ތެލެގޫ އަދި މެކްސިކޯ ވާޝަންތަކެއް ވެސް ގެނެސް ދީފައިވެ އެވެ.