27 ޖުލައި 2016 - 21:24

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގައި ބާއްވާ ބައިނަލްއަގްވާމީ ބޮޑީބޯޑިން މުބާރާތެއް ކަމަށްވާ ޖެފް ވިލްކޮޒް މެމޯރިއަލްގައި ވާދަކުރުމަށް ރާއްޖޭގެ ތިން ރާޅާއެޅުންތެރިން އިއްޔެ ފުރައިފި އެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް އޮންނަ މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑާ އަލީ ހުސްރުވާން (ކުޑައައްޔަ) އާއި މުހައްމަދު އިހުސާން (ޗިކޯ) އަދި އަލީ ޖާވީދު (ޖާއްޓެ) އެވެ.
ޓީމާ އެކު އޮފިޝަލެއްގެ ގޮތުގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުގެ ރައީސް އަބްދުﷲ އަރީﷲ (ފުކޫ) ވެސް ވަނީ ފުރައިފަ އެވެ. މި ދަތުރުގައި، އެސޯސިއޭޝަން ފޯ ޕްރޮފެޝަނަލް ބޮޑީބޯޑާސް (އޭޕީބީ) އާ އެކު ބައްދަލުކޮށް ރާއްޖޭގައި މި ކުޅިވަރު އިތުރަށް ތަރައްގީކުރުމަށް ފުކޫ މަޝްވަރާކުރާނެ އެވެ.
މިއީ އޮސްޓްރޭލިއާގައި ބާއްވާ އިވެންޓެއްގައި ކުޑައައްޔަ ބައިވެރިވާ ފަސް ވަނަ ފަހަރެވެ. ޖާއްޓޭ ދެ ވަނަ ފަހަރަށް ބައިވެރިވާއިރު މިއީ ޗިކޯގެ އޮސްޓްރޭލިއާ ފުރަތަމަ އިވެންޓެވެ.
ހުޅުމާލެ-މާލެ ބްރިޖް އެޅުމަށް ރާޅުގަނޑު ބޭނުންކުރުން މަނާކޮށްފައިވާތީ ރާޅާއެޅުންތެރިން އޮސްޓްރޭލިއާ އަށް ދިޔައީ މާބޮޑު ތަމްރީންތަކެއް ނެތި އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ހަރަދު ދީފައިވަނީ ކުޅިވަރާ ބެހޭ މިނިސްޓްރީންނެވެ.