19 ޖޫން 2018 - 21:59

މޮސްކޯ (ޖޫން 19) - ސޯޅަ އަހަރަށް ފަހު އެނބުރި އައިސް ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ޕޮލެންޑްގެ މައްޗަށް 2-1 އިން ކުރި ހޯދައި ސެނެގާލުން ބޮޑު މޮޅެއް ހޯދައިފި އެވެ.

ކޮރެއާ އާއި ޖަޕާނުގައި 2002 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި މުޅިން އަލަށް ވާދަކޮށް ސެނެގާލު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އެ ފަހަރު މުބާރާތުގެ ފުރަތަމަ މެޗުން ސެނެގާލް ވަނީ އޭރުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފަ އެވެ. އެ ގްރޫޕްގައި ދެން އޮތް ޑެންމާކާއި އުރުގުއޭއާ އެއްވަރުކޮށް ސެނެގާލުން ކުއާޓާގެ ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި ސްވިޑެން ބަލިކުރުމަށް ފަހު އެވެ.
މިހާރު ސެނެގާލުގެ ކޯޗަކަށް ހުރި އަލިއޫ ސީސޭގެ ކެޕްޓަން ކަމުގައި ކުޅުނު ސެނެގާލް ޓީމު އެ ފަހަރުގެ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުގައި ތުރުކީ އަތުންނެވެ.
މިރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުގެ އެޓޭކްގައި ވެސް އެންމެ މުހިއްމު ރޯލެއް އަދާކުރަމުން ދިޔައީ ދެ ކެޕްޓަނުން ކަމަށްވާ ސެނެގާލްގެ ސަޑިއޯ މާނޭ އާއި ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ އެވެ.
ޕޮލެންޑުގެ އެންމެ ކުރިއަށް ކުޅެމުންދިޔަ އާކަންޑިއުޝް މިލިކް އަށް އެޓޭކުގައި އެންމެ ފުރިހަމަ އަށް ބައިވެރިނުވެވޭތީ އެ ޓީމުގެ އެޓޭކުން މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާނުލެވުނެވެ. މިލިކް އާއި ސެނެގާލްގެ ޑިފެންޑަރު ކަލީދޫ ކުލިބަލީ އަކީ އިޓަލީގެ ނަޕޯލީ އަށް ކުޅޭ ދެ ކުޅުންތެރިން ކަަމަށްވާއިރު، ކުލިބަލީ ދިޔައީ މިލިކް ހިފެހެއްޓުމުގައި ކުރި ހޯދަމުންނެވެ. އަދި ލެވަންޑޯސްކީ އަށް ވެސް ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާއެއް ނުއުފެއްދުނެވެ.
އަނެއްކޮޅުން ސެނެގާލަށް ކައުންޓަ އެޓޭކުގައި ރަނގަޅު ފުރުސަތުތައް ދިޔައީ ލިބެމުންނެވެ. މާނޭ އާއި މަމާ ބްރާމޭ ޑިއުފް އަށް ލިބޭ ފުރުސަތުތަކުގައި ނުރައްކާ ބޮޑުވި އެވެ. ސެނެގާލުން މެޗުގެ 38 ވަނަ މިނިޓްގައި ލީޑުނެގީ ޕޮލެންޑްގެ ތިއާގޯ ޒިއޯނެކް އަތުން ބައިކޮޅަން ވަން ގޯލަކުންނެވެ. އޭރިއާ ބޭރުން ސެނެގާލްގެ އިދްރީސާ ގޭއި ޖެހި ބޯޅަ މިސްރާބު ބަދަލުވީ ޒިއޯނެކް ފައިގައި ޖެހިފަ އެވެ. ޕޮލެންޑް ގޯލަށް އެ ބޯޅަ ވަން އިރު އެ ޓީމުގެ ކީޕަރު ވޮޒްޝިއެކް ޝެޒްނީ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުފުޅާކުރަން ސަލިފް ސާނޭ ކޯނަރަކުން ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ލެވަންޑޯސްކީގެ ފުރަތަމަ ހަމަލާ ފެނުނީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް ވަނަ މިނިޓްގަ އެވެ. ހިލޭ ޖެހުމަކުން ލެވަންޑޯސްކީ ފޮނުވާލި ބޯޅަ ސެނެގާލް ކީޕަރު ހަދީމް އެންޑިއާޔޭ ވަނީ މަތަކޮށްފަ އެވެ. އޭގެ ހަ މިނިޓް ފަހުން ޕޮލެންޑުގެ ލޫކަސް ޕިޝްޖެކް ޖެހި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.
ޕޮލެންޑުން ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް ސެނެގާލަށް ދެ ވަނަ ލަނޑު ޖަަހައިދިނީ އެމްބާއޭ ނިއާންގް އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ޕޮލެންޑުގެ ގްރެގޯ ކްރިޗޯވިއަކް ފަހަތަށް ޖައްސާލި ބޯޅަ ކީޕަރު ޝެޒްނީ އަށް ލިބުމުގެ ކުރިން ހޯދީ ނިއާންގް އެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ކްރިޗޯވިއަކް އެ ބޯޅަ ފަހަތަށް ޖައްސާލި ވަގުތު ނިއާންގް އެ ބޯޅަ ހޯދަން ދުއްވައިގަތީ އަނިޔާއަކަށް ފަރުވާ ހޯދުމަށް ފަހު ދަނޑަށް އަލުން އެރި ވަގުތުގަ އެވެ. ޕޮލެންޑު ކުޅުންތެރިން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރިއިރު، ރެފްރީ ބުނީ ނިއާންގް ދަނޑަށް އެރީ އޭނާގެ ހުއްދައާ އެކު ކަމަށެވެ.
މެޗުގެ 70 ވަނަ މިނިޓްގައި ޕޮލެންޑުގެ މިލިކަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ގޯލާ ސީދާނުވެ އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން މާސިއެޖް ރީބާސް އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ.
މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ޕޮލެންޑަށް އުއްމީދެއް ލިބުނީ ކްރޮޗޯވިއަކް ޖެހި ގޯލުންނެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ކްރިޗޯވިއަން ވަނީ ބޮލުން ގޯލުގެ ކަަނަށް އަމާޒުކޮށްލައިފަ އެވެ.
މި މެޗުން ޕޮލެންޑް ބަލިވިއިރު މިއީ ވޯލްޑް ކަޕްގައި އެންމެ ފަހުން އެފްރިކާ އަށް ނިސްބަތްވާ ޓީމުތަކާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. އަދި މި ފަހަރުގެ މުބާރާތް ވެސް ބައްޔަކުން ޕޮލެންޑަށް ފަށަން ޖެހުނުއިރު، އެ ޓީމު އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުތަކަށް ބަލާއިރު، އަށް މެޗުން ލިބުނީ އެންމެ މޮޅެކެވެ. އެ ޓީމު މޮޅުވީ 1974 ވަނަ އަހަރު އާޖެންޓީނާ އަތުންނެވެ.
މިއަދު މި ގްރޫޕުގެ ފުރަތަމަ މެޗުން ޖަޕާން ވަނީ 2-1 އިން ކޮލަމްބިއާ ބަލިކޮށްފަ އެވެ. މިއީ ވޯލްޑް ކަޕް ތާރީހުގައި އޭޝިއާގެ ޓީމަކަށް ދެކުނު އެމެރިކާ އަށް ނިސްބަތްވާ ޓީމެއް އަތުން ލިބުނު ފުރަތަމަ މޮޅެވެ. ކޮލަމްބިއާ އާއި ޕޮލެންޑަކީ މި ގްރޫޕުން ދެ ވަނަ ބުރަށްދާނެ ކަމަށް ބެލެވުނު ދެ ޓީމެވެ.