ޖަނަވާރަށް ސަލްމާން ބަޑިޖެހިތަން ދުށިން: ޑްރައިވަރު
ޖަނަވާރަށް ސަލްމާން ބަޑިޖެހިތަން ދުށިން: ޑްރައިވަރު

ހިމާޔަތްކޮށްފައިވާ ފުއްލާގެ ވައްތަރެއް ކަމަށްވާ ޗިންކާރާގެ ގަޔަށް ބަޑިޖެހީ ސަލްމާން ޚާން ކަމަށް އެ ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ސަލްމާން ދުއްވި ވެހިކަލްގެ ޑްރައިވަރު އަދި މި މައްސަލައިގެ އެންމެ މުހިއްމު ހެކިވެރިޔާ ހަރީޝް ދުލާނީ ބުނެފި އެވެ.

ޖަނަވާރަށް ސަލްމާން ބަޑިޖެހިތަން ދުށިން: ޑްރައިވަރު
ޖަނަވާރަށް ސަލްމާން ބަޑިޖެހިތަން ދުށިން: ޑްރައިވަރު

ހާދިސާ ހިނގިތާ 18 އަހަރަށް ފަހު އިންޑިއާގެ އެންޑީޓީވީއާ ވާހަކަ ދައްކަމުން ހަރީޝް އިއްޔެ ބުނެފައި ވަނީ އޭނާ މިހާ ދުވަހު ވެސް ދިރިއުޅުނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި ކޯޓަށް ހާޒިރުވާން އުޅޭ ކޮންމެ ފަހަރަކު ސަލްމާންގެ ވަކީލުންގެ ފަރާތުން ތަފާތު ބިރުދެއްކުންތަކާ ކުރިމަތިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ސަލްމާން، 50، ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ، ހިމާޔަތްކުރެވިފައިވާ ދެ ޖަނަވާރެއް ޝިކާރަކުރިކަމުގެ ދެ ދައުވާއިން ސަލާމަތް ވެފަ އެވެ. ސަލްމާން ކޮޅަށް ކުރި ހުކުމްގައި ބުނެފައި ވަނީ އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.

ފިލްމު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން 1998 ވަނަ އަހަރު ސަލްމާނާއި ފިލްމު ކުރޫ ޖޯދްޕޫރު ޖަންގަލީގައި ހޭދަކުރި ހަފުތާއެއްހާ ދުވަހު އެމީހުން ދުއްވަން ގެންގުޅުނު ވެހިކަލްގެ ޑްރައިވަރަކީ ހަރީޝް އެވެ. އަދި ސަލްމާން އެ ޖަނަވާރުންގެ ގަޔަށް ބަޑިޖެހިތަން ފެނުނު ކަމަށް ބުނެ ބަޔާން ދީފައިވަނީ ވެސް ހަރީޝް އެވެ. ނަމަވެސް ސަލްމާނާ ދެކޮޅަށް ކޯޓުގައި މައްސަލަ ހިނގިއިރު ހަރީޝް އެންމެ ފަހަރަކު ވެސް ޝަރީއަތަށް ހާޒިރުވެފައެއް ނުވެ އެވެ.

އެހެންވެ އޭނާ ދީފައިވާ ބަޔާނުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ކޯޓުން ނިންމީ ސަލްމާންގެ ވަކީލުންނަށް އޭނާއާ އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތު ލިބިފައި ނުވާތީ އެވެ.

"މީގެ 18 އަހަރު ކުރިން އަހަރެން މެޖިސްޓްރޭޓެއްގެ ކުރިމަތީގައި ދީފައިވާ ބަޔާނުގައި ވާ ވާހަކަތައް އެއީ ތެދެއްކަމަށް އަދިވެސް އަހަރެން މި ބުނަނީ. އަހަންނަކީ ދޮގުހަދާ މީހެއްނޫން. އަހަރެންގެ ބައްޕައަށް އިންޒާރުތައް ލިބިފައިވޭ. އެހެންވެ އަހަރެން ބިރުން ގެއިން ނުކުމެގެން ދިޔައީ. ފުލުހުން އަހަންނަށް ހިމާޔަތް ދިން ނަމަ އަހަރެން ކޯޓަށް ގޮސް ހެކި ބަސް ދޭނަން. އެއީ އަހަރެން އަބަދުވެސް ބޭނުންވި ގޮތަކީ،" ހަރީޝް ބުނެފައިވެ އެވެ.

ސަލްމާނާ ދެކޮޅަށް ކޯޓުގައި އަދި އެއް މައްސަލަ އެބައޮތެވެ. ބްލެކްބަކް ކިޔާ ޖަނަވާރެއް ހަމަ އެ ދުވަސްވަރު ޝިކާރަކުރިކަމުގެ ދައުވާ އެކެވެ. ހަރީޝް ބުނަނީ އެ މައްސަލައިގައި ކޯޓަށް ހާޒިރުވެ ބަޔާން ދޭން އޭނާ ތައްޔާރަށް ހުރި ކަމަށެވެ. ނަމަވެސް އޭނާ ވަރަށް ބިރުގަނެ އެވެ.

"އަހަރެން އެންޑީޓިވީގައި މި އިލްތިމާސްކުރަނީ އަހަރެންގެ ފުރާނައަށް ނުރައްކާ އެބައޮތޭ. އަހަރެން ކޯޓަށް ދާން ތައްޔާރޭ. ނަމަވެސް އަހަންނަށް ހިމާޔަތް ދޭންޖެހޭނޭ." ހަރީޝް ބުންޏެވެ.

ސަލްމާނާ ދެކޮޅަށް އުފުލާފައިވާ ދެ ދައުވާ ސާބިތުވާ ކަމަށް ޖޯދްޕޫރުގެ ދަށު ކޯޓަކުން ވަނީ 2007 ގައި ހުކުމް ކޮށްފަ އެވެ. ނަމަވެސް މި ހުކުމް ހައިކޯޓުގައި ސަލްމާން އިސްތިއުނާފުކުރުމުން މިދިޔަ ހޯމަ ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ މަރުވެފައި އޮއްވާ ފެނިފައިވާ ދެ ޖަނަވާރު މަރުވީ ސަލްމާން ބަޑިޖަހައިގެން ކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.

މި މައްސަލައިގައި 2007 ވަނަ އަހަރު ސަލްމާން ވަނީ އެއް ހަފުތާ ޖަލުގައި ހޭދަކޮށްފަ އެވެ.

ސަލްމާން ދުއްވި ވެހިކަލްގެ ވެރިމީހާ ވަނީ ހަމަ އެ ދުވަސްވަރު ހަރީޝް ޑްރައިވަރެއްގެ ވަޒީފާއިން ވަކިކޮށްފަ އެވެ. ހަރީޝް ބުނި ގޮތުގައި އޭގެ ފަހުން މި ފާއިތުވީ އަހަރު ތަކުގައި އޭނާ ދިރިއުޅެމުންދަނީ އެކި ފަހަރު އެކި ގޭގޭގަ އެވެ. އަދި އޭނައަކީ ކާކުކަން ފާހަގަކުރެވިދާނެތީ އެއްވެސް ކަހަލަ ވަޒީފާއެއް ވެސް އަދާކުރަން ނުކެރުނު ކަމަށް ހަރީޝް ބުނެފައިވެ އެވެ.