19 ޖޫން 2018 - 20:31

އިދިކޮޅު ދެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ފުލުހުން މިއަދު ކުރި ޓްވީޓުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ކޮށްފައިވާ ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާތީ، އެ ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން މިއަދު ޗިޓު ފޮނުވީ ޓްވިޓާ މެދުވެރިކޮށެވެ. ފުލުހުން ވަނީ ޓުވިޓާ މެދުވެރިކޮށް، ނަޝީދާއި ގާސިމްގެ ޗިޓު އެ ދެ ބޭފުޅުންނަށް ޓެގްކޮށްފަ އެވެ. އަދި އެއާއެކު އެ ޗިޓުގައި އެ ބޭފުޅުންގެ އައިޑީކާޑު ނަމްބަރާއި އެހެން ވަނަވަރުތައް ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.
މިކަން ކުށްވެރިކޮށް، ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އައިޑީ ކާޑު ނަމްބަރު ފަދަ މީހުންގެ ޒާތީ މައުލޫމާތު އާއްމުކުރުމަކީ ޓްވިޓާގެ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ. އަދި މީހަކު އެކަން ރިޕޯޓު ކުރުމުގެ ކުރިން ފުލުހުން އެ ގަވައިދު އަވަހަށް ކިޔުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ފުލުހުންގެ މި ޓްވީޓާ ގުޅިގެން ބައެއް މީހުން އަންނަނީ، ޓްވިޓާގެ ގަވައިދުތައް ފުލުހުންނަށް އެނގޭތޯ ސުވާލު ކުރަމުންނެވެ. އަދި އެ ގަވައިދު ބައެއް މީހުން ޓްވިޓާގައި ޕޯސްޓް ކުރަމުން އަންނައިރު، ފުލުހުންގެ ޓްވިޓާ އެކައުންޓް ބައެއް މީހުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު، ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެން އަދި ފަހުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން ޖެހެނީ ހޯމަ ދުވަހުގެ މެންދުރު 2:00 އަށެވެ.
ދެ ބޭފުޅުން ވެސް ހާޒިރުކުރާ ސަބަބެއް ކަމަށް ޗިޓުގައި ބުނެފައި ވަނީ ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވައި، އެކަމަށް ދިން މުއްދަތު ހަމަވުމުން، އެނބުރި ރާއްޖެ ވަޑައިނުގެން ހުކުމަށް ފިއްލަވައިގެން އުޅުއްވުން ކަމަށެވެ. އަދި، ނަޝީދާއި ގާސިމް ހާޒިރު ކުރަނީ އެ މައްސަލަ ތަހުގީގުކޮށް ބަޔާން ނެގުމަށް ކަމަށް ވެސް ޗިޓުގައި ވެ އެވެ.