ދެކުނު އެމެރިކާ ޓީމެއް ބަލިކުރި އޭޝިއާގެ ފުރަތަމަ ޓީމަކަށް ޖަޕާން
ދެކުނު އެމެރިކާ ޓީމެއް ބަލިކުރި އޭޝިއާގެ ފުރަތަމަ ޓީމަކަށް ޖަޕާން

ސަރަންސްކް، ރަޝިއާ (ޖޫން 19) - އެކަކު މަދުކޮށް ކުޅުނު ކޮލަމްބިއާ 2-1 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕުގައި ދެކުނު އެމެރިކާގެ ޓީމެއް ބަލިކުރި އޭޝިއާގެ ފުރަތަމަ ޓީމުގެ ޝަރަފް ޖަޕާނުން ހޯދައިފި އެވެ.

މި މެޗުގެ ތިން ވަނަ މިނެޓުގައި އޭރިއާ ތެރެއިން ގަސްދުގައި ބޯޅައިގައި އަތްލުމުން ކޮލަމްބިއާގެ ކާލޯސް ސަންޗޭޒަށް ރަތްކާޑު ދައްކައި ޖަޕާނަށް ރެފްރީ ޕެނަލްޓީއެއް ދިނެވެ. އެ ޓީމުގެ ޔޫޔާ އޮސާކާ ފޮނުވާލި ޝޮޓެއް ކޮލަމްބިއާ ގޯލްކީޕަރު ޑޭވިޑް އޮސްޕިނާ މަތަކޮށް ފޮނުވާލި ވަގުތު ޝިންގީ ކަގާވާ ގޯލަށް އަމާޒުކޮށްލުމުން ސަންޗޭޒް ވެއްޓިގެންވެފައި އެ ބޯޅަ އަތުން ބްލޮކްކުރީ އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ޖަޕާނަށް ލީޑު ހޯދައިދިނީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ކަގާވާ އެވެ.

އެ ރަތްކާޑާ އެކު މެޗުގެ ބޮޑުބައި ކޮލަމްބިއާ އަށް ކުޅެން ޖެހުނީ އެކަކު މަދުކޮށެވެ. މިއީ ވޯލްޑް ކަޕުގެ ތާރީހުގައި ފެނިގެން ދިޔަ ދެ ވަނަ އަށް އެންމެ އަވަސް ރަތްކާޑެވެ. ރެކޯޑް އޮތީ 1986 ވަނަ އަހަރުގެ މުބާރާތުގައި އުރުގުއޭ އާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗުގެ ފުރަތަމަ މިނެޓުގައި ރަތެއް ހޯދި އުރުގުއޭގެ ހޯސޭ ބަޓިސްޓާގެ އަތުގަ އެވެ.

ކުޅުންތެރިއަކު މަދުވި ނަމަވެސް ކޮލަމްބިއާ އިން ދިޔައީ ޖަޕާނަށް ނުރައްކާކުރަމުންނެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ރަޑަމެލް ފަލްކާއޯ ނުރައްކާތެރި ދެ ހަމަލާ ފޮނުވާލި އެވެ. ވޯލްޑް ކަޕުގައި އަލަށް ކުޅޭ ތަޖުރިބާކާރު ފޯވާޑް އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ބޯޅައެއް އަދި ވެއްޓިގެންވެފައި ޖެހި ބޯޅައެއް ޖަޕާން ގޯލްކީޕަރު އީޖީ ކަވާޝީމާ މަތަކުރި އެވެ.

އެކަމަކު 39 ވަނަ މިނެޓުގައި ކޮލަމްބިއާ އިން ކުރި ހޯދި އެވެ. އެ ޓީމުގެ ހުއާން ފެނާންޑޯ ކީންޓެރޯ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ރޮނގު ހުރަސްކުރި ވަގުތު ޖަޕާން ކީޕަރު އަތަށް ނެގި އެވެ. އެ ބޯޅަ ގޯލަށް ނުވަންނަ ކަމަށް ބުނެ އޭނާ މައްސަލަ ޖެއްސި ނަމަވެސް ގޯލް ލައިން ޓެކްނޮލޮޖީން ކަށަވަރުކޮށްދިނީ ހުރަސްކުރިކަމެވެ.

ކޮލަމްބިއާގެ އެކަކު މަދުވުމުގެ ފައިދާ ނެގުމަށްޓަކައި ޖަޕާނުން ދެ ވަނަ ހާފުގައި ދިޔައީ ވަރަށް ބޮޑަށް އެޓޭކްތައްކުރަމުންނެވެ. މި ހާފުގައި ކޮލަމްބިއާ އަށް މާ ރަނގަޅު ފުރުސަތެއް ނުލިބެ އެވެ. ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ހަމެސް ރޮޑްރިގޭޒް އަދި ފޯވާޑް ކާލޯސް ބަކާ އަރުވައި އެޓޭކް ވަރުގަދަކުރަން ކޯޗު ހޯސޭ ޕެކަމަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. ޖަޕާނުން އެންމެ ފަހުން ލީޑު ނެގީ 73 އޮސާކޯ ޖެހި ގޯލުންނެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ޝޮޓެއް ކޮލަމްބިއާ ކުޅުންތެރިއެއް ގައިގައި ޖެހި ބްލޮކްވެ ކޯނަރެއް ލިބުނުއިރު އޭނާ ގޯލް ޖެހީ އެ ކޯނަރުން ކެއިސުކޭ ހޮންޑާ ހުރަސްކުރި ބޯޅައިންނެވެ. އެ ބޯޅަ ގޯލަށް ވަންއިރު ކޮލަމްބިއާ ކީޕަރު ހުރީ ކުރިއަށް ނުކުމެ އެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ ސެނެގާލާއި ޕޮލެންޑެވެ.