ނިއުގެ ކޮންޓްރެކްޓް ބާތިލްކުރަން ދަގަނޑޭ އެފްއޭއެމަށް
ނިއުގެ ކޮންޓްރެކްޓް ބާތިލްކުރަން ދަގަނޑޭ އެފްއޭއެމަށް

ނިއު ރޭޑިއަންޓާ އެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރަން އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެފްއޭއެމް އަށް ހުށަހަޅައިފި ކަމަށް "މިހާރަ"ށް އިތުބާރުހުރި ގޮތަކަށް ކަށަވަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ދަގަނޑޭ ކޮންޓްރެކްޓް ބާތިލްކުރަން ހުށަހެޅީ މުސާރަ މައްސަލައަކާ ގުޅިގެންނެވެ.

ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) ވިދާޅުވީ ދަގަނޑޭ އެފަދަ މައްސަލައެއް ހުށަހެޅިކަން އެނގިފައިނުވާ ކަމަށާއި އެކަމަކު އޭނާގެ މުސާރަ ދިނުމުގައި ލަސްވުންތަކެއް އުޅޭ ކަމަށެވެ.

"މިދިޔަ އަހަރު ވެސް ދޭން ޖެހޭ ފައިސާތަކެއް ނުދެވި ލަސްވި. އެކަމަކު އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން އެ ފައިސާ ދައްކައި ހަލާސްކުރިން. މި އަހަރު ވެސް ދަގަނޑޭގެ އިތުރުން ސެންޓޭ (އަލީ ފާސިރު) އަދި އިމްރާންގެ ވެސް ޑިލޭތަކެއް އެބައުޅޭ،" ޓެޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަގަނޑޭ ނިއު އަށް ކުޅެނީ ކްލަބް ލޯބި ވެސް ޖެހިގެން ކަމަށާއި ފައިސާގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދަގަނޑޭ އަށް ޝުކުރު ވެސް އަދާކުރަން އޭނާ ކްލަބަށް ކޮށްދޭ ހިދުމަތްތަކަށް. ދަގަނޑޭ އަކީ ކްލަބް ލޯބީގައި ކުޅޭ ކުޅުންތެރިއެއް. މި މައްސަލަތައް ހައްލުކުރެވޭނެ،" ޓެޑް ވިދާޅުވި އެވެ.

ދަގަނޑޭ ނިއުއާ ތިން ވަނަ ފަހަރަށް ގުޅުނީ މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާ ހަމައިންނެވެ. މިދިޔަ އަހަރުގެ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު މިއު ކާމިޔާބުކުރުމުގައި ދަގަނޑޭ މުހިއްމު ދައުރެއް އަދާކުރި އެވެ.

މާލޭ ލީގުގައި ނިއު ކުޅޭ ފަހު މެޗު މިރޭ މާޒިޔާއާ ދެކޮޅަށް އޮންނައިރު މިރޭގެ މެޗަށް ފަހު ލީގުގެ އައްޑަނަ ހަވާލުކުރާނެ އެވެ. މިރޭ ދަގަނޑޭ ފެނިދާނެ ކަމާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ކްލަބް ވެލެންސިއާ އިން 2001 ގައި ކެރިއަރު ފަށައި އެ ކްލަބަށް ހަތަރު އަހަރު ކުޅުމަށް ފަހު ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ގަ އެވެ. އެ ސީޒަނުގައި އެ ކްލަބާ އެކު އެފްއޭ ކަޕާއި ދިވެހި ލީގު ކާމިޔާބުކުރިއިރު ޖެހިގެން އައި އަހަރު އެ ޓީމަށް އެފްއޭ ކަޕް މިލްކުކޮށްދިނެވެ. އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު އެނބުރި ނިއުއާ ގުޅުނީ 2012 ވަނަ އަހަރެވެ. އެ އަހަރު މެޗަކުން ބަލިނުވެ ދިވެހި ލީގު ކާމިޔާބުކޮށް އަދި ޕްރެޒިޑެންޓްސް ކަޕް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ މުހިއްމު ދައުރެއް އަދާކުރި އެވެ.

ޖެހިގެން އައި 2013 ވަނަ އަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނެވެ. އެ ފަހަރު ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ ވަނީ 50 އަށް ވުރެ ގިނަ ގޯލް ޖަހައި ރެކޯޑް ހަދައިފަ އެވެ. އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ނިއު ގެންގޮސްދިނެވެ.