20 ޖޫން 2018 - 08:17

އާދިއްތަ ދުވަހާ ގުޅޭ
"މަންމަ ނުކުމެގެން ހިނގައްޖެ!" ޝާޒްލީ ހުރީ ހާސްވެފައެވެ.
"ތީ އާ ކަމެއް ނޫނެއްނު!" ޖިނާ ފޫހިކަމާ އެކުގައި ބުންޏެވެ. "ހުރެ ބައްޕަގެ ފޯނުން ގުޅާނަން."
ޝާޒްލީ ބުނަން އޮތް އެންމެ މުހިންމު ވާހަކަ ނުބުނެވިގެން އުޅެނިކޮށް ޖިނާ ފޯނު ކަނޑައިލިއެވެ. ސަމަދު އަތަށް ފޯނު ދީފައި ކޮޓަރިއަށް ގޮސް ޖިނާގެ ފޯނުން ގުޅިއެވެ.
"އެއްކޮށް ނުކުމެގެން ދިޔައީ! ގޯން!" ޝާޒްލީ އަޑަށް ބާރުލައިފައި ބުންޏެވެ. "ފޯ އެވަރ!"
އެނދުގައި އިށީނދެގެން އިން ޖިނާއަށް ތެދުވެވުނެވެ. ވާގަނޑަށް ވާންވާން ފެށުމުން ފޯނު ޗާޖަރުން ނައްޓައިލިއެވެ.
"ކިހިނެއް ދަރިފުޅަށް އެނގުނީ އެއްކޮށް ދިޔައީކަން؟" ޖިނާ އެހިއެވެ. "މަންމަ ބުނީ؟"
"ހެދުންތައް ވެސް ހިފައިގެން ދިޔައީ. މަންމަ ވެސް ބުނި،" ޝާޒްލީ ކިޔައިދިނެވެ. "ފޮށްޓަށް ނޭޅުނު ބަޔެއް އެއްޗެހި އެބަހުރި. ބުނީ ފަހުން ބަލާ އަންނާނަމޯ! ދެން ކިހިނެއް ހަދާނީ؟"
"ހާސްނުވޭ ހާސްނުވޭ!" ކޮންމެވެސް ގޮތެއް ވިސްނަން ޖިނާ މަސައްކަތް ކުރިއެވެ. "ކޮބާ ބޭބެމެން؟"
"އެކަކު ވެސް ނެތް. އަހަންނާ ޗަންދުރާޔާ އެކަނި ތިބީ. މާމަ ކޮޓަރީގަ ކަންނޭނގެ ވީ. އަޅެ ބައްޕަ އަވަހަށް އާދެބަލަ!" ޝާޒްލީ ކުސްތަޅަން ފެށިއެވެ. "އާދެވޭނެތަ؟"
ޝާޒްލީ ވާހަކައިގައި އިންދައި އަޒީޒާ ވަނެވެ. އަޒްރާ ގެއިން ނުކުމެގެން ދިޔައީ އަޒީޒާ ފެންވަރަން ވަން ދަނޑިވަޅު ބަލައިފައެވެ. ވީމާ، ވެގެންއުޅޭ ގޮތެއް އަޒީޒާއަކަށް ނުވެސް އެނގެއެވެ.
"މިހާރު ހަމަ ދާންވެގެންނޭ މި އުޅެނީ،" ޖިނާ ވަރަށް ޔަގީންކަން ދިނެވެ. "ޗުއްޓީ ވެސް ހީވަނީ ހަމަޖެހިއްޖެހެން."
"އަބަދުވެސް ބައްޕަ ބުނާނެ ތިހެން،" ޝާޒްލާ ހިތްހަމަނުޖެހިފައި ބުންޏެވެ. "އަތުވެއްޖެ މާމަ ވެސް."
ޝާޒްލީ ވަރަށް ކަންބޮޑުވެގެން ވާހަކަދައްކާތީ ވެގެންއުޅޭ ގޮތް އޮޅުންފިލުވަން އަޒީ××ޒާ ބޭނުންވިއެވެ. އަތުގެ އިޝާރާތުން ސުވާލުކުރިއެވެ.
"ވެގެން މި އުޅޭ ގޮތަކީ ދަރިފުޅާ މި ތަނުގަ އެބައުޅޭ ވަރަށް އެހެންކަހަލަ ކަމެއް ދިމާވެގެން އުޅޭ ކުއްޖެއް. އޭނަ.. " ޖިނާއަށް ބުނެވުނީ އެ ހިސާބަށެވެ.
"ޒޫނާތަ؟" ޝާޒްލީ ވަގުތުން ބުންޏެވެ.
ޖިނާ ހައިރާންވިއެވެ. ދަރިފުޅު ސީދާ ނަން ދިމާކުރީމައެވެ.
"ކިހިނެއް ދަރިފުޅަށް އެނގުނީ؟" ޖިނާ ސުވާލުކުރިއެވެ.
"މަންމަ ބުނީ!" ޝާޒްލީ ޖަވާބުގައި ބުންޏެވެ.
ޙަޤީޤަތް އެނގުމުން ޖިނާ ވަކިން ބޮޑަށް ހިތްހަމަނުޖެހުނެވެ. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް އެއީ ވަކި މައްސަލައެކެވެ. އޭގެ ތެރެއަށް ކޮންމެހެން ދަރިން ވައްދާކަށް ނުޖެހެއެވެ. އެކުގައި އުޅެން ބޭނުން ނޫން ނަމަ އަޒްރާ ދިޔުމަކީ ވެސް ޖިނާއަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. އެކަމަކު ދަމުން ޖިނާ ބަދުނާމުވާ ކަހަލަ ދޮގު ވާހަކަ ދަރިން ގާތުގައި ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
"ކަމުގެ ދެކޮޅު ނުބަލައޭ މަންމަ ރުޅިއަންނަނީ ދަރިފުޅާ!" ޖިނާ ބުންޏެވެ. "ޒޫނާއަކީ ބަލި ކުއްޖެއް. އޭނަގެ ފިރިމީހާ އެކްސިޑެންޓެއްގަ ނިޔާވެގެން ސިކުނޑިއަށް ލިބުނު ޝޮކެއްގެ ސަބަބުން ބޯސަކަރާތްވީ! ތިން އަހަރު ދުވަހު އެ ފަކީރު ވަރަށް ހާލުގަ އުޅެފަ އަދި ކިރިޔާ އެ ރަނގަޅުވީ! އަދިވެސް ސަތޭކަ ޕަސަންޓު ޔަގީނެއް ނޫން. އެހެންވެ ދެތިން ދުވަހަކު ވާނުވާ ބަލައިލަން މި މަޑުކުރަނީ. އެހެންވެ މާލެ ނުދެވިގެން މި އުޅެނީ ވެސް. ބައްޕަ ދެކެނީ އެއީ ބައްޕައަށް ލިބުނު ކާމިޔާބެއް ކަމަށް. ދެން މަންމަ ފާޑުފާޑުގެ ވާހަކަ ހަދައިގެން ދަރިފުޅުމެން ގާތުގަ.. ކީކޭ ދެން ބުނާނީ؟ ދީބަލަ މާމަ އަތަށް ފޯނު."
ޖިނާއަށް މާލެދެވެންދެން ކަންތައް ގެންދަންވީ ގޮތް މަންމައަށް ޖިނާ ކިޔައިދިނެވެ. ހަމަ އެހެންމެ ޒޫނާ ގެއަށް އަންނަންވާއިރަށް ކުރަންވީ ކަންތައްތައް ގާދިރު ކުރިޔަށް ގެންދިޔައެވެ. ކޮންމެ ރެޔެއްގެ ވެސް ދެ ނަމާދު ދޭތެރޭގައި ގާދިރު އިންނަނީ ފެންތަށްޓެއް ހިފައިގެން ކިޔަވާށެވެ. ހަމައެކަނި ފަންޑިތަވެރިޔާއަށް ބަރޯސާވެގެނެއް ގާދިރު ނީނދެއެވެ. އެތައް ބަޔެއްގެ ޚިޔާލު ހޯދައި އެ ގޮތަކަށް ކަންތައް ކުރިއެވެ. ޒޫނާގެ ކޮޓަރިއަށް ފެން ބުރުއްސަމުން ގާދިރު ނުކުތެވެ. ބޮޑުކޮޓަރިއަށް ވެސް ދެ ފަހަރަކު ފެން ބުރުއްސައިލިއެވެ. ސަކީނާ ހުރީ އިސްތިރިކުރާށެވެ.
"އަދި ކިތައް ރޭ؟" ސަކީނާ އެހިއެވެ.
ގާދިރު އަތުގެ އިޝާރާތުން ހަތަރެއް ދައްކައިލިއެވެ. އަދި އިރުކޮޅަކު ތުން ތަޅުވައިލިއެވެ.
"އަދި ހަތަރު ރޭ!" ބޮލުގައި އޮތް ތާކިހާ ނަގަމުން ގާދިރު ބުންޏެވެ. "ހަތަރު ރޭ ކިޔަވާފަ އެ މަންޖެ ގެނެވޭނީ. ގެންނަތާ މާ ގިނަ ދުވަސް ނުކޮށް ޖެހޭނެ ކައިވެނީގެ ވާހަކަދައްކަން. އެހެންނޫނީ އެކަނި އިނދެގެން ބޭކާރު ކަންތަކާ ވިސްނާވިސްނާ.."
"ގާދިރަށް ހީވޭ އަހަރުމެން ހަމަ ބުނާއިރަށް ޒޫނާ މީހަކާ އިންނަން އެއްބަސްވާނެހެން؟" ސަކީނާ ސުވާލުކުރިއެވެ. "މަށަކަށް ހިޔެއްނުވޭ! އެއްބަސް ވިޔަސް އިންނާނެ މީހަކު ވެސް ނެތެއްނު! އަނެއްކޮޅުން ގާދިރަށް ކަށަވަރުތަ އޭނަ ރަނގަޅުވެއްޖެކަން؟"
ގާދިރު ސޯފާގައި އިށީނެވެ. ކައިރީގައި ހުރި ތަބަށް ނަގައި ރަނގަޅަށް ދުފައިލިއެވެ.
"މީހަކު ހޯދިދާނެ،" ވަރަށް ހަމަޖެހިލައިފައި ގާދިރު ބުންޏެވެ. "ސަކީނާ ވެސް ހިނގާބަލަ އެ ކޮޅަށް ޖައްސައިލަން. އޭރުންތާ އެނގޭނީ އެ މަންޖެ މިހާރު ކިހާ ރަނގަޅުވެއްޖެކަން. ދަތުރެއް ރާވާލަންތަ؟"
ސަކީނާ ވަކި ޖަވާބެއް ނުދިނެވެ. އިސްތިރިކުރަން ހުރީއެވެ. ޢަލީއަކަށް ވެސް ވަކި ޖަވާބެއް ނުލިބުނެވެ. ގެސްޓުހައުސްގެ ދޮރުމަތީގައި ހުރެގެން ޒުލްފާއަށް ގުޅާތާ ކިތަންމެ އިރެކެވެ. ފޯނު ކެނޑުމުން އަނެއްކާ ވެސް ޢަލީ ގުޅިއެވެ.
"ހަލޯ!" ޒުލްފާ ފޯނު ނެގިއެވެ. "ބޭބެ ތީ ރަނގަޅު މީހެއް. ގުޅާ ވެސް ނުލާ!"
"ކިހާ އިރެއް ވެއްޖެ ގުޅާތާ!" ޢަލީ ބުންޏެވެ. "ފޯނު ކެނޑޭއިރު ވެސް ނަގަނީކީ ނޫން."
ޒުލްފާ ހުރީ ރިހަތެލި އުނދުންމައްޗަށް އުދައިގެން ރިހަ ހޫނުކުރާށެވެ. ޖެހިގެން ހުރި އުނދުންމަތީގައި ހުރި ގަރުދިޔަ ތެލި ބަލަހައްޓަނީ ވެސް ޒުލްފާއެވެ.
"މަންމަގެ ހާސަރު ދިގުވެގެން ނުނެގުނީ،" ޒުލްފާ ބުންޏެވެ. "މިހެން އަހައްޗޭ، އެހެން އަހައްޗޭ! މަށަކަށް ދެން ނޭނގެ. މަންމަ ނުވޭ ގުޅައިގެނެއް. މިހާރު ކިހިނެއްތަ ވީ؟"
ޢަލީ ޖީބުން ޗުވިންގަމެއް ނަގައިފައި އަނގަޔަށް ލިއެވެ.
"ކޮންކަމެއް ކިހިނެއްވީ؟" ޢަލީ ނުވެސް ދެނަހުއްޓެވެ.
"ކޮންކަމެއް ކިހިނެއްވީހޭ؟" ޒުލްފާ ގާތަށް އައި ރުޅިޔަށް ވުރެ ހައިރާންވި ވަރު ބޮޑުވިއެވެ. "އެހެންތަ؟ ބަލަ މަންމަ ބުނެގެން ވަކި ކަމަކު ނޫންތަ ބޭބެ މާލެދިޔައީ؟ ހަނދާން ވެސް ނެތް؟"
ޢަލީ ހުރީ އެ ވާހަކަދައްކަން ވެސް ފޫހިވެއެވެ.
"ތެދަށް ބުނަން؟" ޢަލީ ބުންޏެވެ. "ހަނދާން ހުރި. އެކަމަކު އެ ކަމާ އުޅޭހިތް ނުވެގެން އަޅައެއްނުލަން."
"އެކަމަކު ސާބަސް!" ތަންކޮޅެއް މަޑުމަޑުން ޒުލްފާ ބުންޏެވެ. "މިކޮޅުން މަންމަ އެ ހުންނަނީ ބޭބެ ނުގުޅައިގެން. ކޮންމެ ދުވަހަކު އަހާ ކީއްވެހޭ ބޭބެ ނުގުޅަނީ. ދެން ކީކޭ އަހަރެން ގޮސް ބުނާނީ؟"
ޒުލްފާ ބުނަންވީ ކީކޭކަމެއް ޢަލީއަކަށް ނޭނގެއެވެ. އެ ކަމާ ވިސްނާކަށް ވެސް ޢަލީ ބޭނުމެއް ނޫނެވެ. ދުރުން އައި ސައިކަލު ޢަލީ ގާތަށް މަޑުކޮށްލިއެވެ. އޭގައި އިން ޖަޢުފަރު އިނީ ޢަލީގެ އިންތިޒާރުގައެވެ. ޢަލީގެ ވާހަކަ ހައްތާ ވީ އޮލައެވެ.
"މީ އަހަރުމެން އުޅޭ ރަށެއް ނޫނޭ ޒުލޭ!" ވިސްނައިދޭން ޢަލީ މަސައްކަތްކުރިއެވެ. "އަހަރެން ވީ ފަހަރަކު މީހަކު ގާތުގަ އަހަމުން ހިނގަން. ބައްޕައަކީ ކާކުކަން އެނގޭ މީހަކާ މިސާލަކަށް ދިމާވީޔޯ! އޭނަ އަހާނެ ދޯ ކަލޭގެ ބައްޕަ ފިލައިގެންހޭ އުޅެނީ. ކިހާ ރީތިވާނެ އޭރުން. ބައްޕަޔާ ހެދި އަހަންނަށޭ މީހުން ހުރިހާ މަލާމާތެއް ކުރާނީ. މަންމަޔަކަށް ނުވިސްނޭނެ."
"އޯކޭ!" ޒުލްފާ އިތުރަށް އާދޭސްކުރާކަށް ބޭނުމެއް ނުވިއެވެ. "މަންމަޔަށް ބޭބެ ގުޅާފަ ތިހެން ބުނޭ! މަށެއް ނުބުނާނަން. ބުނެފިއްޔާ މަށަށް ހުރިހާ ސަޔެއް ލިބޭނީ. ހަމަ ރަނގަޅަށް މި ބުނީ. ދޮގުހަދާހަދާ ވަރުބަލިވެއްޖެ! އަދި އެބައޮތް އެހެން ގޮތެއް. ބޭބެ ތި ދެއްކި ވާހަކަ ހަމަ ތި ރާގުގަ އަހަރެން ގޮސް މަންމައަށް އަކުރުން އަކުރަށް ކިޔައިދީފާނަން. ވާނެ ގޮތެއް ވެދާނެއްނު! މި ރަށުގަ ސަހަރާގަ ތަން އެބަހުއްޓޭ!"
ޢަލީ ވިސްނައިލިއެވެ. ޒުލްފާ ބުނީ ތެދެކެވެ. މަންމައަށް ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެއެވެ.
"އަދި ދެތިން ދުވަސް ދީ!" ޢަލީ އެދުނެވެ. "ބުނޭ އަހަރެން ވަރަށް އެބަ ޓްރައިކުރެޔޭ! އުހުނ! މި ފަހަރު ހަމަ އަސްލުގަ ވެސް ޓްރައި ކުރާނަން."
ޢަލީ ފޯނު ޖީބަށް ލައިފައި ސައިކަލަށް އެރިއެވެ. ޖަޢުފަރު ސައިކަލު ދުއްވައިލިއެވެ.
"ތި ވާހަކައިން ވާދެމޭނެ!" ޖަޢުފަރު ބުންޏެވެ. "އޮލައީ އޮލަކަމަކަށް ނޫން ވިއްޔަ!"
"ބޯހަލާކު! ޝަހާދެއް މިބުނީ!" ޢަލީ ފުން ނޭވައެއް ބޭރުކޮށްލައިފައި ބުންޏެވެ. "ދޫކަމެއް ނުޖެހޭނެ. އެ މީހަކު އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލީމަ ނިމުނީނު. ކަލޭ މީގެ ތިން އަހަރު ކުރިން ކޮންތާކު އުޅުނީ؟"
ސައިކަލު މިސްރާބުޖަހައިފައި ހުރީ ކާނިވާ ސަރަޙައްދާ ދިމާއަށެވެ. ޖަޢުފަރު ފަރިތަކަމާ އެކު ސައިކަލުގެ އިސްޕީޑު ބާރުކުރިއެވެ.
"ހިސާބުގަނޑު ކުޑައަށްލާ ދުވީ!" ޖަޢުފަރު ބުންޏެވެ. "ހިސާބުގަނޑުގެ ހުރިހާ ބިޓުންގެ ނަންބަރު ހޯދިން. ކާކުގެ ނަންބަރެއް ބޭނުމީ؟"
"ބިޓެއް ނުލިބިގެނެއް ނޫނޭ މި އުޅެނީ،" ޢަލީ ޖަވާބުދިނެވެ. "ދަންނަންތަ އިހުސާން ކިޔާ މީހެއް؟"
ޖަޢުފަރު ވިސްނައިލިއެވެ. އެ ނަމުގައި އިވިފަރިތަ ގޮތެއް ހުއްޓެވެ.
"އިހުސާން.. އިހުސާން.." ޖަޢުފަރު މަޑުމަޑުން އެ ނަން ކިޔައިލިއެވެ. "ނަމުގަ އެބަހުރި ގޮތެއް. ހުރެ ޗެކެއްޖަހައިލާނަން. ހުންނާނެ ތި ކަހަލަ ކަންކަމަށް ނިކަން ފަރިތަ ސޮރެއް."
ކާނިވާ ސަރަޙައްދަށް ސައިކަލު މަޑުކުރުމަށް ފަހު ޖަޢުފަރު ފޯނުން މީހަކާ ގުޅައިލިއެވެ. އަދި އެ ނަން ބުނުމުން ޖަޢުފަރަށް ވެސް ކުރިމަތިވީ ސުވާލެކެވެ.
"ތެދެއް އިހުސާން އަޙްމަދުތަ؟" ޖަޢުފަރު ޔަގީންކޮށްލިއެވެ.
އާނއެކޭ ބުނުމުގެ ގޮތުން ޢަލީ ބޯޖަހައިލިއެވެ. ޖަޢުފަރު ދެއްކި ވާހަކައެއް ދައްކައިފައި ފޯނު ކަނޑައިލިއެވެ. ކޮފީޝޮޕާ ދިމާއަށް ހިނގައިގަތެވެ.
"އެނގިއްޖެ!" ޖަޢުފަރު ބުންޏެވެ. "ގެވެސް ދަންނަން. ޔަގީނެއް ނޫން އެއީ އައްޔަ ހޯދަން ތި އުޅޭ އިހުސާން ކަމެއް."
ނުނިމޭ