މެކްސިކޯ ކޯޗުގެ ދަތުރު: ހުރިހާ ވެސް އެއްޗަކީ ޝައުގު!
މެކްސިކޯ ކޯޗުގެ ދަތުރު: ހުރިހާ ވެސް އެއްޗަކީ ޝައުގު!

މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ހައިރާންކުރަނިވި އެއް ނަތީޖާ އަކީ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު އަތުން މެކްސިކޯ ހޯދި މޮޅެވެ. ތިރީސް ތިން އަހަރަށް ފަހު ޖަރުމަނުގެ މައްޗަށް މެކްސިކޯ އަށް މި މެޗުން ހާސިލްކުރެވުނީ ހަމައެކަނި މޮޅެއް ނޫނެވެ. މުބާރާތުގައި ކުރިއަށްދާން އެ ޓީމަށް ހިތްވަރު ވެސް ލިބުނެވެ. މިއީ އެ ޓީމާ ހަވާލުވެގެން ހުރި ކޯޗު ހުއާން ކާލޯސް އޮސޯރިއޯ އަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. މި ހިތްހަމަ ޖެހުން އޮސޯރިއޯ އަށް ލިބުމުގެ ކުރިން އޭނާގެ ހަޔާތުގައި ކުރި ތަޖުރިބާތައް މުޅިން ތަފާތެވެ.

މެކްސިކޯ ކޯޗުގެ ދަތުރު: ހުރިހާ ވެސް އެއްޗަކީ ޝައުގު!
މެކްސިކޯ ކޯޗުގެ ދަތުރު: ހުރިހާ ވެސް އެއްޗަކީ ޝައުގު!

ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި ކޮލަމްބިއާގެ ކްލަބްތަކަށް ކުޅުނު އޮސޯރިއޯ އަށް އެ ގައުމުގެ ގައުމީ ޓީމަށް ކުޅުމުގެ ނަސީބު ނުލިބެ އެވެ. ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ އަށް ޖެހުނީ އުމުރުން 26 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލާށެވެ.

މެކްސިކޯ ކޯޗުގެ ދަތުރު: ހުރިހާ ވެސް އެއްޗަކީ ޝައުގު!
މެކްސިކޯ ކޯޗުގެ ދަތުރު: ހުރިހާ ވެސް އެއްޗަކީ ޝައުގު!

ކުޅުން ހުއްޓާލުމަށް ފަހު އެމެރިކާގެ ސައުތާން ކަނެޓިކަޓް ޔުނިވާސިޓީން އެކްސައިސް ސައިންސް އިން ޑިގްރީ ހާސިލްކުރުމަށް ފަހު އޮސޯރިއޯ އަމިއްލަ ގައުމަށް އައީ މަސައްކަތެއް ފެށުމުގެ އުއްމީދުގަ އެވެ. އެކަމަކު އޭގެ އިން އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބޭތީ އަމިއްލަ އަށް ހުޅުވި ކުޑަ ޖިމް ވިއްކާލުމަށް ފަހު ލިބުނު ފައިސާ ހިފައިގެން އޮސޯރިއޯ އިންގްލެންޑަށް ދިޔައީ އަނބިދަރިން ދޫކޮށްލުމަށް ފަހު އިތުރަށް ކިޔަވާށެވެ.

އޭނާ އެ ފަހަރު ކިޔަވަން ދިޔައީ ލިވަޕޫލްގައި ހުންނަ ޖޯން މޫސް ޔުނިވާސިޓީ އަށެވެ. އޮސޯރިއޯ ކިޔެވީ ސައިންސް އެންޑް ފުޓްބޯލް އިން ޑިގްރީ އެކެވެ. ޔުނިވާސިޓީގައި ކިޔަވަން ފެށުމާ އެކު އޮސޯރިއޯގެ ހިތުގައި އުފެދުނީ އިންގްލެންޑްގެ ފުޓްބޯޅަ ދެނެގަތުމުގެ ޝައުގެވެ. އޮސޯރިއޯ ކިޔަވަން ދިޔަ ޔުނިވާސިޓީ ކައިރީގައި އިންގްލެންޑްގެ މަޝްހޫރު ކްލަބް ލިވަޕޫލްގެ ޓްރެއިނިން ދަނޑު ކަމަށްވާ މެލްވުޑް ޓްރެއިނިން ސެންޓަރު ހުރިއިރު، އޮސޯރިއޯ ބޭނުންވީ އޭރު ލިވަޕޫލުގެ ކޯޗުންނަށް ތިބި ޖެރާޑް ހޫލިއޭ އާއި ރޯއީ އެވަންސްގެ ޓްރެއިނިންތައް ބަލާލުމަށެވެ. އެކަމަކު އޭނާ އަށް އެ ފުރުސަތު ދޭން ކްލަބުން ބޭނުމެއް ނުވި އެވެ.

އޮސޯރިއޯ އަށް ނަސީބު އެހީވީ ލިވަޕޫލްގެ އަވައްޓެރި ކްލަބް އެވަޓަން އަށް ނިސްބަތްވާ އާއިލާ އަކުން އޭނާ އަށް ދިން ފުރުސަތަކުންނެވެ. އެވަޓަން އަށް ނިސްބަތްވާ މެކްމެނަސް ކިޔާ އާއިލާ އަކުން އެ މީހުންގެ ގެއިން އޮސޯރިއޯ އަށް ކޮޓަރި އެއް ދިނެވެ. އެ ގެ ހުންނަ ސަރަހައްދުގެ ގޮތުން އޮސޯރިއޯ އަށް ލިބުނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެއީ އެގެއިން ލިވަޕޫލްގެ މެލްވުޑް ޓްރެއިނިން ސެންޓަރުގެ މަންޒަރުތައް ފެނުމެވެ..

"މާސްޓާސް އަށް ކިޔަވަމުން ދިޔައިރު އަހަރެން ބޭނުންވީ ލިބޭ ހުސް ވަގުތުތަކުގެ ބޭނުން ރަނގަޅަށް ހިފަން. އެހެންވެ އަހަރެން ދިޔައީ ކުޑަ ދޮރުންނާއި ޓެރަހަށް އަރައިގެން ލިވަޕޫލްގެ ޓްރެއިނިންތައް ބަލަމުން. ކޮންމެ ދުވަހަކު ބެލިން. ވިއްސާރަ ދުވަހެއް ވިއްޔާ ކުޑަދޮރުން އެހެން ނޫނީ ޓެރަހަށް އަރައިގެން،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އޮސޯރިއޯ ބުންޏެވެ.

އޭރު އުމުރުން 35 އަހަރުގެ އޮސޯރިއޯ ދެ އަހަރު ވަންދެން ކޮންމެ ދުވަހެއް ހޭދަކުރީ އެ ގޮތަށެވެ. ކިޔެވުމަށް ފަހު ދެން އޮންނަ ވަގުތުތަކުގައި ކޮންމެ ދުވަހަކު ވެސް ގަަވާއިދުން އޮސޯރިއޯ ދިޔައީ ލިވަޕޫލްގެ ފަރިތަކުރުންތައް ބަލަމުންނެވެ. ލިވަޕޫލްގެ ސީނިއާ ޓީމާއި ޔޫތު ޓީމުގެ ފަރިތަކުރުންތައް ވެސް ގަވާއިދުން ބެލި އެވެ.

"ކޮންމެ ހަފްތާ ބަންދެއްގައި މެޗުތައް ބަލަން ވެސް ދަން. ލިވަޕޫލް އެކަންޏެއް ނޫން އެވަޓަން މެޗުތައް ވެސް. އަހަންނަށް ފެނުނީ އިންގްލެންޑްގެ ފުޓްބޯޅަ މުޅިން ތަފާތުކަން. ދެކުނު އެމެރިކާ އިން ކުދި ޕާސްތަކެއް ކޮށްގެން ކުޅޭއިރު އިންގްލެންޑްގައި ފެނުނީ މުޅި ގޭމް ތަފާތުކޮށް،" އޮސޯރިއޯ ބުންޏެވެ.

ލިވަޕޫލްގެ އެ ޓްރެއިނިންތަކާއި މެޗުތައް ބަލަމުންދިޔައިރު، ގަވައިދުން އޮސޯރިއޯ ދިޔައީ އެއް ކަމެއް ކުރަމުންނެވެ. ފެނުނު ހުރިހާ ޓްރެއިނިން އެއް ލިޔުމުން ރައްކާކުރުމުގެ މަސައްކަތް ވެސް އޭނާ ކުރި އެވެ. ލިވަޕޫލުން 1997-1998 ވަނަ އަހަރުގެ ސީޒަނުގައި ކުޅުނު ހުރިހާ މެޗެއްގެ ލިޔުންތައް އޮސޯރިއޯ އެއްކޮށް ދިރާސާކުރި އެވެ. އޭގެން އޭނާ އަށް ފެނުނީ އިންގްލެންޑާއި ފްރާންސް ފުޓްބޯޅައިގެ އެއްގޮތް ކަންތައްތަކެވެ.

ލިޔެކިޔުންތަކާ ހުރިހާ ކަމަކުން އޮސޯރިއޯ ހިތުގައި އުފެދުނު ހާއްސަ ޝައުގުވެރިކަމާ އެކު އޭނާ ބޭނުންވީ ފުޓްބޯޅަ ކޯޗަކަށްވާށެވެ. އެ ހިސާބުން އާއިލާ ވެސް އޭނާއާ އެކު ދިރިއުޅުން ބަދަލުކުރި އެވެ.

އޮސޯރިއޯ ކޯޗިންގެ މަސައްކަތް ފެށީ 2000 ވަނަ އަހަރު މެޓްރޯސްޓާސް (މިހާރުގެ ނިއުޔޯކް ރެޑްބުލްސް) ގެ އެސިސްޓަންޓް ކޯޗެއްގެ ރޯލުންނެވެ. އެއް އަހަރު އެ ޓީމުގައި އޭނާ ކުރި މަސައްކަތް ކަމުދިއުމުން އޭރު މެންޗެސްޓާ ސިޓީގައި ހުރި ކޯޗު ކެވިން ކީގަންގެ އެސިސްޓަންޓް ކޯޗަކަށްވުމުގެ ފުރުސަތު އޮސޯރިއޯ އަށް ދިނެވެ.

ސިޓީގެ އެސިސްޓަންޓް ކޯޗެއްގެ އޮސޯރިއޯ ހޭދަކުރި ހަތަރު އަހަރަކީ އޭނާގެ ކޯޗިން ކެރިއަރު ބިންގަލެވެ. އެ މަގާމުގައި އޮސޯރިއޯ ހުރި ދުވަސްވަރު އޭރު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަންއާ ބައްދަލުކުރެވުމަކީ އޮސޯރިއޯ އަށް ލިބުނު އެންމެ ބޮޑު އުފަލެވެ. ފިލާވަޅުތަކެއް ވެސް ލިބުނެވެ،

"އަހަރެން އެންމެ ފުރަތަމަ ސިޓީ އަށް އައިއިރު 2001 ގައި ސިޓީ އޮތީ ދެ ވަނަ ޑިވިޝަނުގައި. ދެން އަހަރެން ބޭނުންވީ ހުސް ވަގުތުތަކުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޓްރެއިނިންތައް ބަލަން. އެ ފުރުސަތު ލިބުމުން ކޮންމެ ދުވަހަކު އަހަރެން ދަން،" އޮސޯރިއޯ ބުންޏެވެ.

ހަމައެކަނި ޕްރެކްޓިސްތައް ބަލާލުމަށް ދިން ފުރުސަތުން އޮސޯރިއޯގެ ހިތެއް ނުފުރުނެވެ. އޭނާ އިތުރަށް އުނގެނެން ބޭނުންވުމުން ފާގަަސަންއާ ބައްދަލުކުރަން ވެސް ބޭނުންވި އެވެ.

"އަހަރެން ދެ ގަޑިއިރު ވަންދެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަޑުކުރިން ފާގަސަން އާ ވާހަކަ ދައްކާލަން ލިބޭ ފަސް މިނިޓަށް ޓަކައި. އެއީ އެ ވަގުތު ކޮޅުގެ ތެރޭގައި ވެސް އަހަންނަށް ގިނަ އެއްޗެހިތަކެއް ދަސްވޭ. އޭގެ ބޭނުން ކުރިމަގުގައި ޖެހޭނެކަން އެނގޭ،" އޮސޯރިއޯ ބުންޏެވެ.

ފާގަސަން ކައިރިން އޮސޯރިއޯ އަށް ދަސްވި އެންމެ ބޮޑު އެއްޗަކީ އެކި ހާލަތްތަކަށް ޓީމު ތައްޔާރުކުރުމަށް ތިބޭ ކުޅުންތެރިން ރޮޓޭޓް (ބަދަލު) ކުރުމެވެ. ފާގަަސަން އަކީ ލިބިފައިވާ ކުޅުންތެރިން އެކި ހާލަތްތަކުގައި ބޭނުންކޮށްގެން ކާމިޔާބު ހޯދުމުގައި މާހިރެކެވެ.

ފާގަސަންގެ ފަރާތުން ދަސްވި ކަންތައްތަކަށް ފަހު އޮސޯރިއޯ އެކި ޓީމުތަކާ ހަވާލުވި އެވެ. އޭނާ ގިނައިން ފެނުނީ ދެކުނު އެމެރިކާ ކްލަބްތަކުންނެވެ. މެކްސިކޯ ގައުމީ ޓީމާ 2015 ވަނަ އަހަރު ހަވާލުވުމުގެ ކުރިން އޭނާ އެންމެ ފަހުން ކޯޗުކޮށްދިނީ ބްރެޒިލްގެ މަޝްހޫރު ކްލަބް ސައޮ ޕައޮލޯ އަށެވެ.

އޮސޯރިއޯ އަކީ އެކި ކަހަލަ ކަންތައްތަކުން އިލްމު އުނގެނިގެން އެކަން ތަޖުރިބާކުރާ ކޯޗެކެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް އޮސޯރިއޯ ތައްޔާރުވިއިރު، އޭނާ ވަނީ ނިއު ޒީލެންޑުގެ ރަގްބީ ޓީމު ނަފްސާނީ ގޮތުން މެޗުތަކަށް ތައްޔާރުވުމަށް ގެންގުޅޭ އުސޫލުތައް ދަސްކޮށްފަ އެވެ. ފުޓްބޯޅަ އާއި ރަގްބީ އަކީ ތަފާތު ދެ ކުޅިވަރަށްވީ ނަމަވެސް އޮސޯރިއޯގެ ނަޒަރުގައި މެންޓަލީ ކޮންމެ ކުޅިވަރަކަށް ވެސް ތައްޔާރުވުމުގައި ގެންގުޅެން ޖެހޭނީ އެއް ކަންތައްތަކެވެ. އެއީ ކޮންމެ ކުޅިވަރެއްގެ ވެސް އެންމެ ބޮޑު ޓާގެޓަކީ މޮޅުވުން ކަމަށްވާތީ އެވެ.

މެކްސިކޯ އަށް މިހާތަނަށް ވޯލްޑް ކަޕްގައި އެންމެ ދުރަށް ދެވުނީ ކުއާޓާ ފައިނަލަށެވެ. އެ ޓީމުން ކުއާޓާ ފައިނަލުގައި ކުޅުނު ދެ ފަހަރަކީ ވެސް އަމިއްލަ ގައުމުގައި ވޯލްޑް ކަޕް ބޭއްވި ދެ ފަހަރު އެވެ.

އޮސޯރިއޯގެ ނަޒަރުގައި އެކަން އޭނާ އަށް ކުރެވިދާނެ އެވެ. އެއީ އޭނާގެ ދިރިއުޅުމުގައި އަދިވެސް އޭނާ ހުއްޓާނުލައި އޮތް ކަމަަކީ ދަސްކުރުމެވެ. ފުޓްބޯޅަ ކޯޗިންގައި ވެސް އޭނާ އަކީ އަދިވެސް ދަސްކުރަމުން އަންނަ މީހެކެވެ.

"ދިރިއުޅުމުގައި އަހަރެން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރާ ކަމަކީ އުނގެނުން. ޝައުގުވެރިކަން ހުންނަ ކޮންމެ އެއްޗެއް އުނގެނެއް މަސައްކަތް ކުރަން. ފުޓްބޯޅައިގައި ވެސް އަހަރެން އެންމެ ފުރަތަަމަ އިސްކަމެއް ދެނީ އިދިކޮޅަށް ނުކުންނަ ޓީމު ދަސްކުރަން. ކާމިޔާބު ހޯދޭނީ ތައްޔާރުވެގެން،" އޮސޯރިއޯ ބުންޏެވެ.