19 ޖޫން 2018 - 12:15

ޖިއްދާ (ޖޫން 19) - ފިތުރު އީދާ ގުޅުވައިގެން ސައުދީ އަރަބިއާގައި ސިލްސިލާ ކޮންސެޓްތަކެއް ބާއްވަމުން އެބަދެ އެވެ.
މި ކޮންސެޓްތަކުގައި ސައުދީ އާއި ކުވޭތުގެ ލަވަކިޔުންތެރިން ވެސް ބައިވެރިވެ އެވެ. ސައުދީ ޖެނެރަލް ކަލްޗާ އޮތޯރިޓީ (ޖީސީއޭ) އިން އިންތިޒާމް ކުރާ މި ކޮންސެޓްތަކުގައި ފިރިހެން ނުވައެއް އަދި އަންހެން ހަ ތަރިން ބައިވެރިވެ އެވެ. ސައުދީގެ ބޮޑު ތިން ސިޓީގައި 10 ކޮންސެޓް ބާއްވާނެ އެވެ. ވެރިރަށް ރިޔާޒް، ޖިއްދާ އަދި ދައްމާމްގައި ކޮންސެޓްތައް ކުރިއަށް ގެންދަނީ މި މަހު 16-23 އަށެވެ.
ސައުދީ އަރަބިއާ އިން މިހާރު ދަނީ މުނިފޫހިފިލުމުގެ އިންޑަސްޓްރީ ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ ތަރައްގީ ކުރުމަށް ކުރިއަށް އޮތް 10 އަހަރު 64 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ވަނީ ނިންމައިފަ އެވެ.
ސައުދީގައި މި އަހަރު އެކަނިވެސް ވަނީ މުނިފޫހިފިލުވުމުގެ 5،000 އިވެންޓް ބާއްވަން ރާވައިފަ އެވެ.
ސައުދީގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ ތަރައްގީ ކުރަނީ އިގްތިސާދީ އިސްލާހީ ޕްރޮގްރާމް، ވިޝަން 2030 ގެ ދަށުންނެވެ.
ސައުދީން މިހާރު ވަނީ ވަރަށް ގިނަ ދޫތައް ދޭން ފަށައިފަ އެވެ. މި ގޮތުން އަންހެނުން ސްޓޭޑިއަމްތަކަށް ގޮސް ކުޅިބެލުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި އަންނަ ހަފުތާ އިން ފެށިގެން ސައުދީގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދޭގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.