"ސަލާ މިރޭ ކުޅޭނެ، އޭނާގެ ސަބަބުން ތާއީދު ބޮޑުވެއްޖެ"
"ސަލާ މިރޭ ކުޅޭނެ، އޭނާގެ ސަބަބުން ތާއީދު ބޮޑުވެއްޖެ"

ސެއިން ޕީޓާސްބާގް، ރަޝިއާ (ޖޫން 19) - މިސްރުގެ ތަރި މުހައްމަދު ސަލާހު މިރޭގެ މެޗުގައި ރަޝިއާއާ ދެކޮޅަށް ކުޅޭނެ ކަމަށާއި އޭނާގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުން އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް މިސްރުގެ ކޯޗު ހެކްޓަ ކޫޕާ ބުނެފި އެވެ.

އަށާވީސް އަހަރަށް ފަހު މިސްރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ފަހު ވަގުތު ވަނީ ހިތްދަތި ގޮތަކަށް އުރުގުއޭ އަތުން 1-0 އިން ބަލިވެފަ އެވެ. އެ މެޗުގައި ސަލާހު އަށް ކުޅެވޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް ފަހު ވަގުތު އޭނާގެ ބޭނުން ނުކުރަން ނިންމީ އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.

ގްރޫޕް އޭގެ ތިން ވަނައިގައި މިސްރު އޮތްއިރު، މިރޭ ރަޝިއާއާ ދެކޮޅަށް ކުޅޭ މެޗަކީ އެ ޓީމަށް މޮޅުވުން މަޖުބޫރު މެޗެކެވެ.

"ސަލާހު ހުރީ ފިޓްކޮށް. އެކަމަކު އަހަރެމެން ކޮންމެ މެޗެއް ފެށުމުގެ ކުރިން ފިޒިކަލް ޓެސްޓްތަކެއް ހަދަން. ސަލާހު ވެސް ބައިވެރިވާނެ. ޔަގީނުން ވެސް އެނގޭ ކަމަކީ މި މެޗުގައި ސަލާހު ކުޅޭނެ. އޭނާ އަކީ އެންމެންގެ އުއްމީދުތައް ގުޅިފައިވާ ކުޅުންތެރިއާ. އޭނާގެ ސަބަބުން މިސްރުގެ ސަޕޯޓަރުން އެތައް ގުނައެއް ގިނަވެއްޖެ،" ކޫޕާ ބުންޏެވެ.

އުރުގުއޭ އަތުން ބަލިވި މެޗުގައި އެ ޓީމުން ފަހު ވަގުތު ލަނޑު ޖެހުމުން ސަލާހު ވަރަށް ބޮޑަށް މާޔޫސްވެފައިހުރި މަންޒަރު ފެނުނެވެ. އެ މެޗުގައި ސަލާހު ނުކުޅޭ ނަމަވެސް މެޗަށް ފަހު އުރުގުއޭގެ ތަރި އެޑިސަން ކަވާނީ ވަނީ ސަލާހުގެ ޖޯޒީ ހޯދަން ގޮސްފަ އެވެ. މެޗަށް ފަހު ކަވާނީ ބުނީ ސަލާހުގެ ޖޯޒީ ހޯދީ އޭނާގެ ދަރިފުޅަށްވީ ވައުދެއް ފުރިހަމަ ކުރަން ކަމަށާއި މިފަހަރުގެ މުބާރާތުގައި އޭނާގެ އާއިލާގެ ދެ ވަނަ ޓީމަކީ މިސްރު ކަމަށެވެ.

މި ސީޒަނުގައި ލިވަޕޫލަށް 44 ލަނޑު ޖަހައިދިން ސަލާހު މިރޭގެ މެޗަށް ނުކުންނައިރު، އޭނާ ހުއްޓުވަން ތައްޔާރަށް އޮތް ކަމަށް ރަޝިއާ އިން ވަނީ ބުނެފަ އެވެ. ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެސޯފް ބުނީ ސަލާހު ހުއްޓުވަން އެ ޓީމުގެ ޕްލޭނެއް އެބައޮތް ކަމަށެވެ.

"ސަލާހު ކުޅޭނެ ލެވެލެއް ބުނަން އެނގޭނީ އޭނަ އާއި އެ ޓީމުގެ ކޯޗަށް. އެކަމަކު އަހަރެެމެންގެ އެބައޮތް ރޭވުމެއް. އެކަން އަހަރެމެން ކާމިޔާބު ކުރާނަން،" ޗެރްޗެސޯފް ބުންޏެވެ.

މިރޭގެ މެޗުން މޮޅުވެއްޖެނަމަ ރަޝިއާ އަށް ގާތްގަނޑަކަށް މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވާނެ އެވެ. ޗެފްޗެސޯފް ބުނީ މި މެޗުން މޮޅުވެގެން ރަޝިއާ އަށް އަނެއް ބުރުގެ ފުރުސަތު ބޮޑުވާނެ ކަަމަށާއި އެކަމު އޭނާ ބޭނުންވަނީ މިސްރުގެ ޓީމު އެންމެ ފުރިހަމަކޮށް އޮއްވައި މެޗުން މޮޅުވާން ކަމަށެވެ.

"ސަލާހު ފަދަ ކުޅުންތެރިން ކުޅެގެން ޖެހޭ. މި ކަހަލަ މުބާރާތެއް ފުރިހަމަވާނީ އޭރުން. އަހަރެމެން ބޭނުންވަނީ މޮޅު ޓީމުތައް ބަލިކޮށްގެން ކުރިއަށްދާން،" އޭނާ ބުންޏެވެ.

މިސްރާއި ރަޝިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.