19 ޖޫން 2018 - 12:05

ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ދިޔަ ޖޭޖޭ ސްޕޯޓްސް ކްލަބާއި މާލޭ ލީގުގެ ފުލަށްދިޔަ ވެލެންސިއާ އަދި ހަތް ވަނަ އަށް ދިޔަ ޔުނައިޓެޑް ވިކްޓަރީ އަށް ރެލިގޭޝަން މެޗުތަކަށް ފަހު ދެން ކަންތައްތައް ވާނެ ގޮތެއް ވެސް އަދި ބުނަން ނޭނގޭ ކަމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.
ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންގެ ގޮތުގައި އަންނަ ސީޒަނުގައި ފުރަތަަމަ ޑިވިޝަނުގެ ޖާގައެއް ދަ ގޭންގުން ވަނީ ޔަގީންކޮށްފަ އެވެ. އަނެއް ޖާގަ ލިބޭނީ ޖޭޖޭ އާއި ޔުނައިޓެޑް ވިކްޓަރީ އަދި ވެލެންސިއާ ތެރެއިން ޓީމަކަށެވެ.
އެސްޓީއޯ މާލޭ ލީގުގައި އިއްޔެ ޔުނައިޓެޑް ވިކްޓަރީ ކުޅުނު ފަހު މެޗުން ވަނީ 3-1 ވެލެންސިއާ އަތުން ބަލިވެފަ އެވެ. ނަޒީހު ބުނީ އެ މެޗުގެ ނަތީޖާ ސަބަބުން ކުރިއަށް އޮތް ރެލިގޭޝަން މެޗުތަކަށް އެއްވެސް އަސަަރެއް ނުކުރާނެ ކަމަށެވެ.
ނަޒީހު ބުނީ އެފްއޭއެމުން އަހަރުގެ ފުޓްބޯޅަ ފޯމެޓްގެ ކަންތައްތައް ނިންމާއިރު ހުރިހާ ކަމެއް ސާފުކޮށް އެނގިފައި އޮންނަ ޖެހޭ ކަމަށެވެ.
"އަޅުގަނޑަށް ނޭނގޭ މާދަމާ ކިހިނެއް ކަމެއްވާނީ. މި ކަހަލަ ވާހަކަ ދެއްކީމަ ނޭނގޭ އޮގަނައިޒޭޝަނުން އަޅުގަނޑާ ދޭތެރޭ އަޅާނެ ފިޔަވަޅެއް. ހަމަ ބުއްދި ހުރި މީހެއްވެއްޖިއްޔާ އެބަ ވިސްނަން ޖެހޭ. ކުރިން ނިންމާފައި އޮތް އެއްޗެއް. ރެލިގޭޝަނަކީ ވެސް އަސްލު ކުޅެން ޖެހޭ އެއްޗެއް ނޫން. ރެލިގޭޝަނަކީ ވެސް އެންމެ ފުލަށްދާ ޓީމު އޮޓަމެޓިކުން ވެއްޓޭ ގޮތަށް ކުރިން އޮތް އެއްޗެއް ސާފުކޮށް އެހެން ލިޔެފައި އޮތް އެއްޗެއް. ކުއްލިއަކަށް ބަދަލުވީ،" ނަޒީހު ބުންޏެވެ.
މިއީ ވަކި ޓީމަކަށް ކަމެެއްދިމާވެގެން އައި ބަދަލެއްތޯ ނޫސްވެރިން ސުވާލުކުރުމުން ނަޒީހު ބުނީ މިއީ ވަކި ޓީމަކަށް ނިސްބަތްކޮށް އޭނާ ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.
"އަދި ވެސް އަޅުގަނޑަކަށް ނޭނގޭ ރެލިގޭޝަންގެ އެއް ވަނަ އަޅުގަނޑުމެން ހޯދިޔަސް އޮންނާނެ ކަމެއް ވެސް. އެއީ މާދަމާ ވެސް ބުނެދާނެ މިހާރު އޮތީ ހަތް ޓީމަށް ހަދާ ގޮތަށޭ. އެ ކަަމަށް އޮތް ހައްލަކީ އަސްލު އެބަޖެހޭ އެންމެން އިށީދެގެން ވާނުވާ އެނގޭ ގޮތަށް ކަންތައްތައް ނިންމަން،" ނަޒީހު ބުންޏެވެ.
މިހާރު ރާއްޖޭގެ ޓްރާންސްފާ މާކެޓް ހުޅުވިފައި އޮތްއިރު 22 ވަނަ ދުވަހު މުއްދަތު ހަމަވާނެ އެވެ. އޭގެ ފަހުން ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީގައި ތިބި ކުޅުންތެރިންނަށް ސީޒަން ނިމުނީ އެވެ. ނަޒީހު ވަނީ އެއީ އެ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުނެފަ އެވެ.
"މީގެ ތެރޭގައި އެބައުޅޭ އަތޮޅު ތެރޭގެ ކޮންމެ ޓީމަކަށް (ޕްރިމިއާ ލީގުގައި ކުޅޭ ކޮންމެ ޓީމަކަށް) ދިޔަސް ކުޅެވޭ ވަރުގެ ކުޅުންތެރިން. ޓޮޕް ޓީމެއްގައި ކުޅެވޭނެ ވެސް ކުޅުންތެރިން. މި ކުޅުންތެރިން ހަމަގައިމުވެސް ފަސް މަސް ދުވަހަށް ބާކީވީ ފުޓްބޯޅައިން،" އޭނާ ބުންޏެވެ.
ރެލިގޭޝަން ކުޅޭ ދުވަސް ބަދަލުކޮށްލުމަކީ އޮތް ހައްލެއް ކަމަށާއި އެކަމު އެކަން ވެސް ކުރެވޭނީ އެކުގައި މަސައްކަތްކޮށްގެން ވާހަކަތަކެއް ދެކެވިގެން ކަމަށް ނަޒީހު ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު މާލޭ ލީގު ކޮލިފިކޭޝަން/ ރެލިގޭޝަން ކެންސަލްވީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޒެފްރޯލާއި ރަނަރަޕަށްދިޔަ ކުޑަހެންވޭރު ޔުނައިޓެޑަށް މާލީ ހާލަތުގެ ސަބަބުން ކުޅެވެން ނެތުމުންނެވެ.