20 ޖޫން 2018 - 08:19

ތިން އަހަރު ފަހުން މަޝްހޫރު ޑައިރެކްޓަރު ސެމް މެންޑޭޒް ބޮޑު ފިލްމެއްގެ މަސައްކަތް، މަޝްހޫރު ޕްރޮޑިއުުސަރު/ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގާ ގުޅިގެން ފަށަން ތައްޔާރުވެއްޖެ އެވެ.

ސްޕީލްބާގްގެ އެމްބްލިން އެންޓައިޓައިންމަންޓުން ޕްރޮޑިއުސްކޮށް، ޔުނިވާސަލް ސްޓޫޑިއޯ އިންޑިސްޓްރިބިއުޝަނާ ހަވާލުވެފައިވާ ފިލްމަށް ދީފައިވާ ނަމަކީ "1917" އެވެ. މިއީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ވާހަކަތަކެއް ކިޔައިދޭ ފިލްމެކެވެ.
ފިލްމްގެ އެންމެ ހާއްސަ އެއް ކަމަކީ "1917" އަކީ 52 އަހަރުގެ މެންޑޭޒަށް ރައިޓިން ކްރެޑިޓް ވެސް ލިބޭ ގޮތަށް އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމަށްވުމެވެ. ފިލްމާ ބެހޭ ގޮތުން މެންޑޭޒް ބުނީ މީގެ ސްކްރިޕްޓަށް އޭނާ މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސްވެއްޖެ ކަމަށެވެ.
ސްކްރީންޕްލޭގައި އޭނާއާ އެކު ކްރިސްޓީ ވިލްސަން ވެސް ހިއްސާވެ އެވެ.
"އެންމެ އުފާވާ ކަމަކީ މި ފިލްމް ސްޕީލްބާގާއި ޔުނިވާސަލްއާ ގުޅިގެން ބެލުންތެރިންނަށް ގެނެސް ދޭން ފުރުސަތު ލިބުނީތީ،" އެމެރިކަން ބިއުޓީ (1999) އިން އޮސްކާ އާއި ގޯލްޑެން ގްލޯބް އެވޯޑް ވެސް ހާސިލް ކުރި މެންޑޭޒް ބުންޏެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2015 ގައި ނެރުނު ޖޭމްސްގެ ބޮންޑްގެ 24 ވަނަ ފިލްމް "ސްޕެކްޓާ" އެވެ. އަދި 2012 ގައި ރިލީޒް ކުރި އެ ސިލްސިލާގެ 23 ވަނަ ފިލްމް "ސްކައިފޯލް" ވެސް ޑައިރެކްޓް ކުރީ މެންޑޭޒެވެ.
އަންނަ އަހަރުގެ ޑިސެމްބަރުގައި ރިލީޒް ކުރަން ނިންމާފައިވާ "1917" އާ ބެހޭ ގޮތުން ސްޕީލްބާގް ބުނީ މި ފަހަރު ވެސް މެންޑޭޒް ކިޔައި ދޭނީ ވަރަށް ފުރިހަމަ ވާހަކައެއް ކަމަށެވެ.
"އަހަރެމެންގެ ސްޓޫޑިއޯގެ ދޮރު އަބަދު ވެސް އޭނާ އަށް ހުންނާނީ ހުޅުވިފައި. އަހަރެން ވަރަށް އުފާވެފައި މި ހުންނަނީ ޒަމާންގަނޑަކަށް ފަހު އަނެއްކާ ވެސް މެންޑޭޒާ އެކު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރެވޭތީ،" އޭނާ ބުންޏެވެ. "މި ފަހަރުގެ ފިލްމަކީ ވެސް ވަރަށް އުންމީދީ ފިލްމެއް."
އަންނަ އަހަރުގެ އެޕްރީލްގައި ޝޫޓިން ފަށާ "1917" ގެ ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.