އާޖެންޓީނާ ޓީމަށް ބަދަލުތަކެއް؟
އާޖެންޓީނާ ޓީމަށް ބަދަލުތަކެއް؟

މޮސްކޯ (ޖޫން 19) – ވޯލްޑް ކަޕުގައި ބުރާސްފަތި ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަށް ކޯޗު ޖޯޖް ސަމްޕައޮލީ ޓީމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އެކަމަކު އަދިވެސް ޕައޮލީ ޑިބާލާ އާއި ގޮންޒާލޯ ހިގައިން އަށް ފުރުސަތެއް ނެތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައިސްލެންޑާ 1-1 އިން އާޖެންޓީނާ އެއްވަރުވި މެޗުގައި ކޯޗު ނެގި ޓީމަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ދެ ޑިފެންސިވް މިޑްފީލްޑަރުން ކަމަށްވާ ލޫކަސް ބިޖްލިއާ އާއި ހަވިއޭ މަޝެރާނޯ އަރުވާފައި ތިބިއިރު، އައިސްލެންޑް ކުޅުންތެރިން ލިއޮނަލް މެސީ ބައްދާލުމުން އެޓޭކްތަތައް އުފައްދާނެ މަގުތައް ބަންދުވި އެވެ. ފަހުން ވެސް ކްރިސްޓިއަން ޕަވޮން އެރުވި ނަމަވެސް ޑީބަލާ އަށް ފުރުސަތެއް ނުލިބުނެވެ. ހިގުއައިން އަށް ފުރުސަތު ލިބުނީ ފަހު ވަގުތެވެ.

ކޮންމެވެސް މޮޅުވާން ޖެހޭ މެޗެއްގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭއިރު އާޖެންޓީނާ އިން ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވޭއިރު ބިލްޖިއާގެ ބަދަލުގައި އަރުވާނެ ކަމަށް ލަފަކުރެވެނީ ރިވަޕްލޭޓުގެ މިޑްފީލްޑަރު އެންޒޯ ޕެރޭޒް އެވެ.

އެ މެޗުގައި 4-4-1-1 ގެ ފޯމޭޝަނަށް ކުޅުނުއިރު ކްރޮއޭޝިއާ މެޗުގައި ބޭނުންކުރާނެ ކަމަށް ލަފާކުރެވެނީ 3-4-3 ފޯމޭޝަނެވެ. މާނައަކީ މެސީ ކުރިއަށް ޖެހި ސާޖިއޯ އަގުއޭރޯ އާއި ޕަވޮންއާ އެކު ފޯވާޑް ލައިނުގައި ކުޅުމެވެ.

ޑީބަލާ އަށް ފުރުސަތެއް ނެތްއިރު މި ފަހަރުގެ ސްކޮޑުގައި އޭނާ ހިމަނާނެ ކަމާ މެދު ވެސް ޝައްކު އުފެދުނެވެ. ސަމްޕައޮލީގެ ސިލެކްޝަނާ މެދު ސުވާލުތަކެއް އުފެދުނީ އިޓާލިއަން ލީގުގައި މޮޅު ކުޅުމެއް ދެއްކި އިންޓަ މިލާނުގެ ފޯވާޑް މައުރޯ އިކާޑީ އާއި ޕީއެސްޖީގެ މިޑްފީލްޑަރު ހަވިއޭ ޕަސްތޯރޭ އަށް ފުރުސަތު ނުދިނުމުންނެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އެއް ވަނަ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ އާއި ވެސްޓް ހޭމްގެ މިޑްފީލްޑަރު މެނުއަލް ލަންޒީނީ އަށް ފުރުސަތެއް ނުލިބުނެވެ.