19 ޖޫން 2018 - 11:12

ވޯލްޑް ކަޕުގައި ސެނެގާލްގެ އެންމެ ބޮޑު ކާމިޔާބަކީ 2002 ވަނަ އަހަރުގެ މުބާރާތުގައި ބްރޫނޯ މެޓްސޫގެ ކޯޗުކަމުގައި ނުކުމެ ޗެމްޕިއަން ފްރާންސްގެ މައްޗަށް ކުރި ހޯދުމުގެ އިތުރުން ކުއާޓާ ފައިނަލުގައި ވާދަކުރުމެވެ. މި ފަހަރުގެ މުބާރާތުގައި ސެނެގާލް ވާދަކުރާއިރު ކޯޗަކީ އޭރު އެ ޓީމުގެ ކެޕްޓަން އަލިއޫ ސީސޭ އެވެ. އޭނާ ބުނީ އޭރު ދެއްކި ކުޅުމުން މި ފަހަރު ހިތްވަރު ހޯދިދާނެ ކަމަށެވެ.
ސެނެގާކްގެ ފުޓްބޯޅަ ތާރީހުގެ އެންމެ ބޮޑު އެއް ކާމިޔާބީ ހޯދައިދިން ކޯޗު މެޓްސޫ 2012 މަރުވީ ކެންސަރާ ހަނގުރާމަ ކުރަމުންދަނިކޮށެވެ. ސީސޭ ބުނީ މެޓްސޫ އަކީ އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ ފަރާތް ކަމަށެވެ.
"ބްރޫނޯ މަތިން ސެނެގާލް ފުޓްބޯޅައިގެ އެންމެން ހަނދާން ކުރާނެ. އޭނާ އަހަރެމެން ގާތުގައި ނެތަސް އޭނާގެ ހަނދާންތަކުން އަހަރެމެންނަށް ހިތްވަރު ލިބޭ،" ސީސޭ ބުންޏެވެ.
ސެނެގާލްގެ ޒުވާން ޓީމުން ކޯޗިން ކެރިއަރު ފެށި ސީސޭ ސީނިއާ ޓީމާ ހަވާލުވީ 2015 ވަނަ އަހަރު އެވެ. އުމުރުން 42 އަހަރުގެ ސީސޭގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެފްރިކާ ޓީމަކަށް މުބާރާތުގެ ތަށީގައި އަތްލުމުގެ ނަސީބު ލިބިފައިނެތުމެވެ.
ވޯލްޑް ކަޕްގައި އެފްރިކާ ޓީމުތަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ތިން ފަހަރެއްގެ މަތިން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުމެވެ. އެއީ 2002 ވަނަ އަހަރު ސެނެގޯލް އާއި 1990 ވަނަ އަހަރު ކެމަރޫން އަދި 2010 ވަނަ އަހަރު ގާނާ އެވެ.
"އަހަންނަށް އުއްމީދު އެބައޮތް ކޮންމެވެސް އެއް ދުވަހެއްގައި އެފްރިކާގެ ޓީމަކުން ވޯލްޑް ކަޕް ތަށި އުފުލާލާނެ. މީގެ 25 އަހަރު ކުރިއަށް ބަލާއިރު އެފްރިކާ ޓީމުތަކުން ވޯލްޑް ކަަޕަށް އަންނަނީ ހަމައެކަނި ކުޅެލަން. އެކަމަކު ފުޓްބޯޅަ ތަރައްގީ ވެގެން ގޮސް އެކަން ބަދަލުވެއްޖެ،" ކުރިން ޕީއެސްޖީ އަށް ކުޅުނު ސީސޭ ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ސެނެގާލް އޮތީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގަ އެވެ. އެއީ ޕޮލެންޑާއި ޖަޕާން އަދި ކޮލަމްބިއާއާ އެއް ގްރޫޕެއްގަ އެވެ.
ސެނެގާލްގެ ސަރުކާރުން ވަނީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ގެންގޮސްދީފިނަމަ ސީސޭ އަށް ބޯނަސް ދޭން ނިންމައިފަ އެވެ. އެކަމަކު އޭނާ ވަނީ ބޯނަސް ނުނަގަން ނިންމައިފަ އެވެ. އެއީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އެ ބޯނަސް ދޭން ސަރުކާރުން އެއްބަސްނުވުމުންނެވެ.
ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި ވެސްޓް ހޭމްގެ ޗެއިކް ކޮޔާޓޭގެ އިތުރުން ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިން ސެނެގޯލް ޓީމުގައި ހިމެނެ އެވެ.
ސެނެގޯލް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.