28 ޖުލައި 2016 - 12:46

ވޮޝިންޓަން (ޖުލައި 28) - އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަން އަވަރާކޮށްލަން ބަޑި ޖެހި ޖޯން ހިންކްލީ 35 އަހަރަށް ފަހު މިނިވަން ކުރަން ކޯޓުން ނިންމައިފި އެވެ.
ވޮޝިންޓަނުގެ ހޮޓަލެއްގެ ބޭރުގައި ރޭގަން ހިންގަވާފައި ވަޑައިގަންނަވަނިކޮށް، މާޗް 1981 ގައި ރޭގަން އަވަހާރަކޮށްލަން ދިން ހަމަލާގައި ރޭގަންގެ އިތުރުން ތިން މީހުން ވަރަށް ބޮޑަށް ޒަޚަމްވި އެވެ. އެމެރިކާގެ ރައީސަކު އަވަހާރަކޮށްލަން ހަމަލާ ދިން ނަމަވެސް ހިންކްލީ ކުށްވެރި ނުވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި އެއީ ސިކުނޑި ހަމަނުޖެހޭ މޮޔައެއް ކަމަށް ސާބިތުވުން އޭނާ ވަނީ ފަރުވާ ދިނުމަށް ވޮޝިންޓަނުގެ ހޮސްޕިޓަލަކަށް ހަވާލުކޮށްފަ އެވެ.
ހަރުކަށި ޝަރުތުތަކެއްގެ ދަށުން ހިންކްލީ އަށް މިހާރު ވެސް ވާޖިނިއާގައި ހުންނަ އޭނާގެ މަންމަގެ ގޭގައި ކޮންމެ މަހަކުވެސް 17 ދުވަސް ހޭދަކުރެވެ އެވެ. ފަނޑިޔާރު ނިންމާފައި ވަނީ އަންނަ މަހު 5 ވަނަ ދުވަހުން ފެށިގެން ހިންކްލީގެ ފަރުވާ އަށް ފަހު ދާއިމީކޮށް ގޭގައި ހުރެވޭ ގޮތަށެވެ. އެކަމަކު ޝަރުތުތަކަކާ އެކު އެވެ. އޭގެ ތެރޭގައި އޭނާ އަށް މީޑިއާއާ ވާހަކަ ދެއްކުން ވަނީ މަނާކޮށްފަ އެވެ.
ރޭގަން ރައީސްކަމާ ހަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ ދިން މި ހަމަލާއާ އެކު މުޅި ދުނިޔެ އަށް ބޮޑު ސިހުމެއް ލިބިގެން ދިޔަ އެވެ. ހަމަލާގައި ރޭގަންޑެ މެޔަށް ވަޒަން އެރި ނަމަވެސް އެ މަނިކުފާން ސަލާމަތްވެވަޑައިގެންނެވި އެވެ. ރޭގަންގެ ޕްރެސް ސެކްރެޓަރީ ޖޭމްސް ބްރެޑްލީގެ ބޮލަށް ވަޒަން އަރާ ސިކުނޑި ވަނީ ހަލާކުވެފަ އެވެ. އޭނާގެ ހަޔާތުގެ ބާކީ ބައި އުޅެން ޖެހުނީ ފުރޮޅުލީ ގޮނޑީގަ އެވެ. ބްރެޑްލީ ވަނީ 2014 ވަނަ އަހަރު އުމުރުން 73 އަހަރުގައި އަވަހާރަވެފަ އެވެ. މި ހަމަލާގައި ސަލާމަތީ އިތުރު ދެ އޮފިޝަލަކު ވެސް ވަނީ ޒަޚަމްވެފަ އެވެ.