އަނޫރާގް ބާސޫގެ ފިލްމަކަށް ކަންގަނާ ރަނާވަތު އަނެއްކާ ވެސް ސޮއިކޮށްފި
އަނޫރާގް ބާސޫގެ ފިލްމަކަށް ކަންގަނާ ރަނާވަތު އަނެއްކާ ވެސް ސޮއިކޮށްފި

ކަންގަނާ ރަނާވަތު ބޮލީވުޑަށް ނެރެދިން ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމަކަށް އޭނާ އަނެއްކާ ވެސް ސޮއިކޮށްފި އެވެ.

މިހާރު ބޮލީވުޑްގެ އެންމެ މޮޅު އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަންގަނާ ބޮލީވުޑަށް ނުކުތީ އަނޫރާގް 2006 ގައި ގެނެސް ދިން ފިލްމް "ގޭންގްސްޓާ" އެވެ. އޭގެ ފަހުން ދެ މީހުން ވަނީ 2007 ގެ ލައިފް އިން މެޓްރޯ އާއި ކައިޓްސް (2010) ގައި ވެސް މަސައްކަތްކޮށްފަ އެވެ.

މުމްބާއީ މިރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަންގަނާ މި ފަހަރު ސޮއި ކުރީ އަނޫރާގް ޑައިރެކްޓް ކުރާ "އިމާލީ" ކިޔާ ލޯބީގެ ފިލްމަކަށެވެ. މި ފިލްމްގެ ތައްޔާރީތައް އަންނަ އޮގަސްޓް މަހު ފަށާ އިރު، ޝޫޓިން ފަށާނީ އަހަރުގެ ފަހުކޮޅު ކަމަށް ބުނެފައިވެ އެވެ. އަދި ފިލްމަށް އެކްޓަރަކު ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ.

ކަންގަނާ މި ވަގުތު އަންނަނީ ލަންޑަންގައި "މެންޓަލް ހޭ ކިޔާ" ގެ މަސައްކަތް ކުރަމުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ފިލްމަކީ އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ ތާރީހީ ފިލްމް "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ. މިއީ އިންޑިއާގެ ތާރީހުގައި ފާހަގަކޮށްލެވުނު އަންހެން ހަނގުރާމެވެރިއެއް ކަމަށްވާ ރާނީ ލަކްޝްމީ ބާއީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އެ ފިލްމްގެ ޝޫޓިން މިހާރު ނިންމާލައިފައިވާ އިރު، ކަންގަނާ ބުނި ގޮތުގައި މި ފިލްމް މި އަހަރު ސިނަމާތަކަށް ގެންނާނެ އެވެ.

އަނޫރާގްގެ ފިލްމްގެ އިތުރުން ކަންގަނާ ވަނީ އަޝްވިނީ އައްޔަރްގެ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެކަމަކު އެ ފިލްމްގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.

ކަންގަނާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ސިމްރަން" އެވެ.

"ބަރްފީ" އާއި "މާޑާ" ވެސް ޑައިރެކްޓް ކުރި އަނޫރާގް އެންމެ ފަހުން ޑައިރެކްޓްކޮށް، މިދިޔަ އަހަރު ނެރުނު "ޖައްގާ ޖާސޫސް" އަކީ ބޮޑު ފްލޮޕެކެވެ. އެ ފިލްމްގެ ތަރިންނަކީ ރަންބީރް ކަޕޫރާއި ކެޓްރީނާ ކެއިފެވެ.