20 ޖޫން 2018 - 08:18

އިންޑިއާގައި އެކްޝަން ފިލްމްތައް ކުޅޭ އެކްޓަރުންގެ ތެރެއިން، އެކްޝަންތަކަށް އެންމެ މޮޅީ ޖޯން އަބްރަހަމް ކަމަށް އޭނާ ބުނެފި އެވެ. އަދި ޒުވާން އެކްޓަރު ޓައިގާ ޝްރޮފަކީ ވެސް އޭނާއާ އެއް ފެންވަރުގެ އެކްޝަން ތަރިއެއް ކަމަށް ޖޯން ބުންޏެވެ.
ޖޯން ބުނި ގޮތުގައި ޓައިގާ އާއި އޭނާ އެކްޝަން ހީރޯއިންގެ ގޮތުގައި ލޭބަލް ވެސް ކުރެވިފައިވާ އިރު، ދެ މީހުންގެ ސްޓައިލް ވަރަށް ތަފާތެވެ.
"އިންޑިއާ އަށް ބަލާ ކަމަށް ވަންޏާ އަހަރެން ފިޔަވައި އެކްޝަން ރޯލްތަކަށް މިހާރު އެންމެ މޮޅީ ޓައިގާ. އެކްޝަން ފިލްމްތަކަށް އިންޑިއާގައި ވަރަށް ޑިމާންޑް ވެސް އެބަ އޮތް. އެކަހަލަ ފިލްމްތައް ބެލުންތެރިންނަށް މިހާރު ވަރަށް ކަމުދޭ،" ދާދި ފަހުން ރިލީޒް ކުރި "ޕަރްމަނޫ" ގައި ވެސް އެކްޝަން ރޯލެއް ކުޅުނު ޖޯން ބުންޏެވެ.
އޭނާ ވަރުގަދަ އެކްޝަން ރޯލްތައް ފެނިގެން ގޮސްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި "ފޯސް" އާއި "ފޯސް 2"، "ދޫމް"، "ޝޫޓް އައުޓް އެޓް ވަޑާލާ"، "ޑިޝޫމް" އަދި "މެޑްރާސް ކެފޭ" ފަދަ ފިލްމްތައް ހިމެނެ އެވެ.
ޖޯންގެ ކުރިއަށް ހުރި ފިލްމްތަކަަށް ބަލާ އިރު ވެސް ގިނައިން ހުރީ އެކްޝަން ޖޯންރާގެ ފިލްމަތަކެވެ. އޭގެ ތެރޭގައި ސަތިޔަމޭވް ޖަޔަތޭ (އެސްއެމްޖޭ)، ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އަދި ބަޓްލާ އަދި މޮރިޔާ ރޭ ހިމެނެ އެވެ.
ޖޯން ބުނި ގޮތުގައި އޭނާގެ އެކްޝަން ފިލްމެއް ނަމަ ބެލުންތެރިން އެ ފިލްމަކާ ދޭތެރޭ ކުރާ އުންމީދުތައް ވެސް މިހާރު ބޮޑެވެ.
"އެހެންވެ އެއީ އެފަދަ ފިލްމްތަކަށް ބުރަކޮށް މަސައްކަތް ކުރަން ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އަބަދު ވެސް އަހަރެން ބޭނުންވީ އެކްޝަން ހީރޯއެއްގެ ގޮތުގައި ބެލުންތެރިން އަހަރެން ބަލައި ގަންނަން،" 2003 ގައި ފިލްމް "ޖިސްމް" އިން ބޮލީވުޑަަށް ނުކުތް އެކްޓަރު ބުންޏެވެ. "ބައެއް އެކްޓަރުން ލަވަ ކިޔާފައި ނަށާ ފިލްމްތަކަށް ލޯބިކުރާ ގޮތަށް އަހަރެން ގަޔާވަނީ އެކްޝަން ރޯލްތައް ކުޅެން."
ޖޯން، 45، ބުނި ގޮތުގައި މިހާތަނަށް ކުޅޭ އެންމެ ޗެލެންޖިން ފިލްމަކީ މިހާރު ޝޫޓިން ފަށާފައިވާ "ރޯ" އެވެ.
އޭނާ ބުނި ގޮތުގައި ހޮލީވުޑަށް ބަލާ އިރު، އެންމެ މޮޅު އެކްޝަން އެކްޓަރުންނަކީ ބުރޫސް ވިލިސް، ޑްވޭން (ރޮކް) ޖޯންސަން އަދި އާނޮލްޑް ޝްވެޒްނެގާ އެވެ.
ޓައިގާގެ އެންމެ ފަހުގެ ފިލްމް "ބާގީ 2" ގައި އޭނާ ކުޅެފައިވާ ވަރުގަދަ އެކްޝަން ރޯލުން އޭނާ ވަނީ އެތައް ބަޔަކު ސިއްސުވާލައިފަ އެވެ. އަދި އަކްޝޭ ކުމާރާއި ރިތިކް ރޯޝަން ފަދަ އެކްޓަރުން ވަނީ ޓައިގާ އަށް ވަރަށް ބޮޑަށް ތައުރީފު ވެސްކޮށްފަ އެވެ. އެ މީހުން ބުނެފައިވާ ގޮތުގައި މިހާރު ބޮލީވުޑްގެ "އެކްޝަން ހީރޯ" އަކީ ޓައިގާ އެވެ.
އެކްޝަން ހީރޯއެއްގެ ގޮތުގައި މަޝްހޫރުވި އަކްޝޭ ބުނި ގޮތުގައި ޓައިގާއަކީ ބޮލީވުޑްގެ ޓޯނީ ޖާ އެވެ.