ކެޕްޓަން ކޭން ފަހު ވަގުތު އިންގްލެންޑް މޮޅުކޮށްދީފި
ކެޕްޓަން ކޭން ފަހު ވަގުތު އިންގްލެންޑް މޮޅުކޮށްދީފި

ވޮލްގޮގްރާޑް، ރަޝިއާ (ޖޫން 19) - ފަހު ވަގުތު ކެޕްޓަން ހެރީ ކޭން ވައްދާލި ގޯލާ އެކު ފީފާ ވޯލްޑް ކަޕުގައި މިރޭ ޓިއުނީޝިއާ އަތުން 2-1 އިން މޮޅުވެ އިންގްލެންޑުން 12 އަހަރަށް ފަހު މުބާރާތުގެ ފުރަތަމަ މެޗުން މޮޅެއް ހޯދައިފި އެވެެ.

ކޭން މިރޭ ދެ ގޯލް ޖެހިއިރު އިންގްލެންޑުން ވަނީ އެ ޓީމުގެ ފަރާތުން ފަހަކަށް އައިސް ނުފެންނަ ވަރުގެ ރީތި އެޓޭކިން ގޭމެއް މިރޭ ދައްކައިފަ އެވެ. އެކަމަކު ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެހެންވިޔަސް ޒުވާން ކުޅުންތެރިން ގޮވައިގެން ޒުވާން ކޯޗު ގެރެތު ސައުތުގޭޓް ކުރަމުން އަންނަ މަސައްކަތަށް، މިރޭގެ މެޗާ އެކު ސަޕޯޓަރުންގެ އިތުބާރު ވަނީ ބޮޑުވެފަ އެވެެ.

މިރޭގެ މެޗު ފަށައިގެން އިންގްލެންޑުން ކުޅެމުން ދިޔަ ހަލުވި އެޓޭކިން ގޭމުގެ ސަބަބުން ޓިއުނީޝިއާ އަށް ހަމަނޭވާ ނުލެވިދިޔަ އެވެ. އެގޮތުން ދެ ވަނަ މިނެޓުގައި ޖެސޭ ލިންގާޑް ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލްކީޕަރު މުއިއްޒު ހައްސާނެވެ. އެކަމަކު 11 ވަނަ މިނެޓުގައި ކޭން ފޮނުވާލި ހަމަލާ އޭނާ އަށް ހުއްޓުވޭ ގޮތެއް ނުވި އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ޑިފެންޑަރު ޖޯން ސްޓޮން ބޮލުން ޖައްސާލުމުން ކީޕަރު ފުރަތަމަ މަތަކުރި ނަމަވެސް ދެން ލިބުނީ ކޭން އަށެވެ. ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ވަނީ އެ ބޯޅަ ގޯލަށް ވައްދާލައި އިނގިރޭސިންނަށް ހައްގު ލީޑު ހޯދައިދީފަ އެވެ.

އޭގެ ހަތަރު މިނެޓު ފަހުން ކީޕަރު މުއިއްޒު އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި ފާރޫގު ބިން މުސްތަފާ އެރުވި އެވެ. އޭނާ އަށް ވެސް ކުރިމަތިލާން ޖެހުނީ އިންގްލެންޑުގެ އެޓޭކްތަކެވެ. އެކަމަކު އެރިތާ ދެ މިނެޓުގެ ތެރޭގައި، އިންގްލެންޑުގެ ޖޯޑަން ހެންޑްސަން ފޮނުވާލި ބާރު ޝޮޓް މަތަކުރި އެވެ. އޭގެ ފަހުން 23 ވަނަ މިނެޓުގައި އޭޝްލީ ޔަންގް އޭރިއާ ތެރެއަށް ނުރައްކާތެރި ބޯޅައެއް ހުރަސްކުރި ނަމަވެސް ލިންގާޑަށް ރަނގަޅަށް ފޮނުވައެއްނުލެވުނެވެ.

ޓިއުނީޝިއާ އިން މަޑުމަޑުން އިތުބާރު ހޯދައި ކުރިއަށް ޖެހެން ފެށުމުގެ ނަތީޖާއަކަށްވީ އިންގްލެންޑުގެ ޑިފެންސަށް ބާރުބޮޑުވުމެވެ. އެ ޓީމުގެ އަލްފަރްޖާނީ ސާސީގެ ހަމަލައެއް ނާކާމިޔާބުވެފައިވަނިކޮށް 34 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އޭނާ އެ ޓީމަށް ކުރި ހޯދައިދިނެވެ. މިއީ އަރިމަތިން ނެގި ހުރަހަކަށް ޓިއުނީޝިއާގެ ސިޔާމް ބިން ޔޫސުފް އަރައަރާ އޮއްވާ އިންގްލެންޑުގެ ކައިލް ވޯކާ އޭނާ އަށް ހުރަސް އެޅުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލުން ލީޑު ނަގަން އިންގްލެންޑަށް އަނެއްކާ ވެސް ފުރުސަތެއް ލިބުނެވެ. އެކަމަކު މި ފަހަރު ލިންގާޑް ފޮނުވާލި ބޯޅަ ކީޕަރަށް އަތުނުވެ ދިޔަ ނަމަވެސް ހުރަހަކަށްވީ ގޯލުގެ ދަނޑި އެވެ.

ފުރަތަމަ ހާފުގައި ލިބުނު ފުރުސަތަކާ ބަލާއިރު ދެ ވަނަ ހާފުގައި އިންގްލެންޑަށް އެކަށީގެންވާ ފުރުސަތުތަކެއް ނުލިބެ އެވެ. އެކަމަކު މެޗުގެ ކޮންޓްރޯލް އޮތީ އެ ޓީމުގެ އަތުގަ އެވެ. މާ ރަނގަޅަށް ކުޅުމެއް ނުދެއްކުނު ރަހީމް ސްޓާލިންގެ ބަދަލުގައި އުއްމީދީ ފޯވާޑް މާކަސް ރެޝްފޯޑް އަރައި އެޓޭކްތަކެއް އުފައްދަން މަސައްކަތްކުރި އެވެ. މެޗުގެ ފަހު ބަޔަށް އެޅުނުއިރު ވެސް ނަތީޖާއަށް ބަދަލެއް ނާންނާތީ ގިނަ ބަޔަކު ނިންމައިގެން ތިބީ އެއްވަރުވާނެ ކަމަށެވެ. އެކަމަކު އިތުރު ވަގުތުގެ ތެރޭގައި ކޭން ވަނީ އެކަން ބަދަލުކޮށްފަ އެވެ. ކިއެރަން ޓްރިޕިއާ ކޯނަރަކުން ހުރަސްކުރި ބޯޅަ ހެރީ މެގުއާ ބޮލުން ޖެހުމުން ލިބުނީ ކޭން އަށެވެ. އޭނާ އެ ބޯޅަ ބޮލުން ޖަހައި ގޯލުގެ އެތެރެކޮށްލައިފަ އެވެ.

"ކުޅުންތެރިންނާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވޭ. ފަހު ސިކުންތާ ހަމަޔަށް ވެސް ހިތްވަރުކުރި،" ކޭން ބުންޏެވެ.

މި ގްރޫޕުގެ ފުރަތަމަ މެޗުން މިރޭ ޕެނަމާ އަތުން 3-0 އިން ބެލްޖިއަމް ވަނީ މޮޅުވެފަ އެވެ. އެއް ވަނައިގައި ފައިދާ ލަނޑާ އެކު އޮތީ ބެލްޖިއަމް އެވެ. ދެން އޮންނާނީ ހޮނިހިރު ދުވަހު ބެލްޖިއަމް އާއި ޓިއުނީޝިއާ ކުޅޭ މެޗާއި އިންގްލެންޑާއި ޕެނަމާ ވާދަކުރާ މެޗެވެ.