27 ޖުލައި 2016 - 19:22

"ތާޒާ" ފެނުގެ ބައެއް ފެން ފުޅީގައި ފުސްކަމެއް ހުރުމުން އެފަދަ ފެން ފުޅި ބޭނުން ނުކުރަން އިލްތިމާސްކޮށްފައި ވިޔަސް އެފަދަ ފުޅިތަކުގައި ހުންނަ ފެނުގެ ކޮލިޓީއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އެ ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބުނެފި އެވެ.
ތާޒާ ފެނުގެ 300 މިލި ލީޓަރާއި 500 މިލި ލީޓަރާއި 1.5 ލީޓަރު ބައެއް ފުޅިތަކުގައި ހުންނަ ފެނުގައި ފުސް ކަމެއް ކުރުމާއި އޭގެ ބައެއް ފުޅިތަކުގައި އުފެއްދި ތާރީޚާއި ބެޗް ކޯޑު ވެސް ނުހުންނަ ކަން ފާހަގަވުމުން އެފަދަ ފެން ފުޅި ބޭނުން ކުރުމަށާއި ނުވިއްކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އައިބީއެމް އިން މިއަދު ނެރުނު ބަޔާނެއްގައިވަނީ ބެޗް ނަމްބަރާއި އުފެއްދި ތާރީޚުގައި ބައެއް ފުޅިތަކުގައި ނެތި، ފުޅީގެ އަސްލަށް ބަދަލު އައިސްފައި ވުމަކީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ފެނުގެ ކޮލިޓީއަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ އެ ކުންފުނީގެ ހޮޓްލައިނަށް ގުޅުމުން އެފަދަ ފުޅިތައް އަނބުރާ ގެންދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.