ވޯޓާސް ލިސްޓަށް 34 ޝަކުވާއެއް، ޕާޓީތަކުގެ ފަރާތުން ޝަކުވާއެއް ނުލިބޭ: އީސީ
ވޯޓާސް ލިސްޓަށް 34 ޝަކުވާއެއް، ޕާޓީތަކުގެ ފަރާތުން ޝަކުވާއެއް ނުލިބޭ: އީސީ

ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން މިހާތަނަށް 34 ޝަކުވާއެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.

ރިއާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވަގުތީ ލިސްޓުގައި، 263،000 މީހުންގެ ނަން އީސީން ހިމަނާފައި ވެ އެވެ. މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އާއްމު ކުރި އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

އެ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން، ސަން ޓީވީގެ "އިތުރުކާފު" ޕްރޮގްރާމްގައި އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެކަމަކު، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓީއަކުން ލިސްޓަށް ޝަކުވާ ހުށަހަޅާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ކަންބޮޑުވުން ތަކެއް ހުރި ކަމަށް ބުނެ އެމްޑީޕީން މިއަދު ވަނީ އެކަން އީސީގެ މެމްބަރުންނާ ހިއްސާ ކޮށްފަ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އީސީ އަށް ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ މަރުވެފައިވާ ބައެއް މީހުން ލިސްޓުގައި ހިމެނޭ މައްސަލަ އާއި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންގެ ނަން ލިސްޓުގައި ވާ މައްސަލަތަކެވެ.

"ރިޔާސީ އިންތިޚާބަށް ދާނީ މި ދެންނެވި ޝަކުވާތަކަކީ ސައްހަ ޝަކުވާ ތަކަކަށް ވާ ނަމަ، އެކަން ކަން ވޯޓާސް ލިސްޓުން އިސްލާހު ކުރުމަށް ފަހު. އުންމީދު ކުރަނީ ސުންގަޑި ހަމަވުމުގެ ކުރިން ސިޔާސީ ޕާޓީތަކުން ލިސްޓާ މެދު ޝަކުވާ ގެންނާނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީސީ އަށް ލިބިފައިވާ ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބެއް ދޭނެ ކަމަށެވެ. އަދި ޖަވާބާ މެދު ހިތްހަމަނުޖެހޭ ނަމަ، ހައި ކޯޓަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާއިރު، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ނެރުނު ވޯޓާސް ލިސްޓަށް ވުރެ މި ފަހަރު ފުރިހަމަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ވޯޓާސް ލިސްޓު ތައްޔާރު ކޮށްފައި ވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތުތައް އަސްލަކަށް ބަލައިގެންނެވެ. އެހެންވެ، ރާއްޖޭން ބޭރުގައި މަރުވި މީހުންގެ ނަމާއި އުމުރުން 18 އަހަރު ނުވާ ކުދިންގެ ނަން ލިސްޓުގައި އޮތުން ފަދަ މައްސަލަތައް ހުރެދާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ލިސްޓުގައި އޮތް ނަމާއި މައުލޫމާތު ނުބައި ނަމަ ޝަކުވާ ހުށަހަޅަން ޖެހެނީ، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލްތަކަށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކުރީ ގެޒެޓުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގަ އެވެ. އެ ލިސްޓު ރަށްރަށުގެ ކައުންސިލްތަކުގައި ވެސް ވަނީ އާއްމުކޮށްފަ އެވެ.