18 ޖޫން 2018 - 21:56

ސޯޗީ (ޖޫން 18) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޕެނަމާ އަތުން 3-0 އިން ހޯދި މޮޅާ އެކު ވަރުގަދަ ބެލްޖިއަމުން މި ފަހަރުގެ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މި ފަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ގިނަ ޓީމުތަކުން ކުޅުނު ފުރަތަމަ މެޗުން މޮޅުނުވެވުނުއިރު، ބެލްޖިއަމަށް ވެސް މި މެޗުގައި އުނދަގޫތަކެއް ކުރިމަތިވާނެ ކަމުގެ ބިރު އޮތެވެ. އެކަމަކު މި މެޗުން ހޯދި މޮޅާ އެކު ބެލްޖިއަމުން ވަނީ ބަލިނުވެ 20 މެޗު ހަމަކޮށްފަ އެވެ.
މި މޮޅާ އެކު ބެލްޖިއަމުން ވަނީ ގްރޫޕް ސްޓޭޖުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ސިލްސިލާ އަށް ބޮޅެއް އިތުރުކޮށްފަ އެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ބެލްޖިއަމް ކުޅުނު 10 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އަނެއްކޮޅުން މިއީ 1970 ވަަނަ އަހަރަށް ފަހު ވޯލްޑް ކަޕް ފުރަތަމަ މެޗުގައި ބެލްޖިއަމުން ދެ ލަނޑަށް ވުރެ އިތުރަށް ގޯލު ޖެހި ފުރަތަމަ ފަހަރު ވެސް މެ އެވެ.
މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު އޮތް ބެލްޖިއަމުން ވަނީ ފުރަތަމަ މިނިޓުން ފެށިގެން މެޗުގެ ކޮންޓްރޯލް ހޯދައި ޕެނަމާ އަށް ނުރައްކާ ކުރަން ފަށައިފަ އެވެ. އެ ޓީމުގެ ޑްރީސް މާޓެންސް އާއި ޔަނިކް ކަރަސްކޯ ދެ ފަޅިން ކުޅެމުންދިޔައިރު، މެދު ތެރެއިން ކެޕްޓަން އެޑެން ހަޒާޑްގެ ސްޕީޑާ އެކު ފުރަތަމަ ދިހަ މިނިޓް ތެރޭ އަވަސް އެޓޭކްތަކެއް އުފެއްދި އެވެ.
މެޗުގެ ކުރީކޮޅުގައި ޕެނަމާ ކެޕްޓަން ރަމޮން ޓޯރޭސް ފަހަތަށް ޖައްސާލި ބޯޅައެއް އޭރިއާތެރެއިން ލިބުމުން ހަޒާޑް ފޮނުވާލި ނަމަވެސް އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. އޭގެ ފަހުން މާޓެންސް އާއި ހަޒާޑް ފޮނުވާލި ހަމަލާތައް ޕެނަމާގެ ގޯލުގައި ހުރި ތަޖުރިބާކާރު ގޯލްކީޕަރު ޖެއިމީ ޕެނޭޑޯ ވަނީ މަތަކޮށްފަ އެވެ.
ބެލްޖިއަމްގެ ކުރިއަށް ކުޅޭ ރޮމެލޫ ލުކާކޫ އަށް ދޭން ގިނަ ހުރަސްތަކެއް ކުރި ނަމަވެސް އެ ބޯޅަތައް ދިފާއު ކުރުމުގައި ޕެނަމާ ޑިފެންޑަރުން ވަނީ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ފުރަތަމަ ހާފުގައި ތިބައު ކޯޓުއާ ހުރި ބެލްޖިއަމްގެ ގޯލަށް ޕެނަމާ ކުޅުންތެރިންނަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. މި ހާފުގައި ބެލްޖިއަމް އޭރިއާ ތެރެއިން ޕެނަމާ އަށް ބޯޅައިގައި ފައިޖެއްސުނީ ވެސް މަދު ފަހަރަކު އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނިޓް ތެރޭ މާޓެންސް ވަނީ ބެލްޖިއަމަށް ލީޑުނަގައިދީފަ އެވެ. ނަޕޯލީ އަށް ކުޅޭ މާޓެންސް ވޮލީ އަކުން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވީ ކީޕަރު ޕެނޭޑޯ އަތްމަތިން ގޮހެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކުރަން މެޗުގެ 54 ވަނަ މިނިޓްގައި ޕެނަމާގެ އަމިރް މަރީޗޯ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ބެލްޖިއަމްގެ ޑިފެންޑަރުންގެ ތެރެއިން އައި ބޯޅައެއް އޭރިއާ ތެރެއިން ލިބުނީ މަރީޗޯ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ބެލްޖިއަމްގެ ދެ ވަނަ ލަނޑު ޖެހީ އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ލުކާކޫ އެވެ. މެޗުގެ 69 މިނިޓްގައި ލުކާކޫ މި ލަނޑު ޖެހީ ކެވިން ޑިބްރޭނާ ނަގައިދިން ބޯޅައަކުން ބޮލުންނެވެ. ލުކާކޫ އެ ލަނޑު ޖެހިއިރު އޮފްސައިޑްގައި ހުރިތޯ ބެލުމަށް ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީހޯދައިފަ އެވެ.
އޭގެ ހަ މިނިޓް ފަހުން ލުކާކޫ ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. ހަޒާޑް ހުސްކޮށްލާފައި ލުކާކޫ އަށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ފަހުން ވެސް އިތުރު ލަނޑެއް ޖަހަން ބެލްޖިއަމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ.
މި މެޗުގައި ޕެނަމާގެ ފަސް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކިއިރު، މިއީ 2010 ވަނަ އަހަރުގެ ފައިނަލަށް ފަހު އެއް މެޗެއްގައި މި އަަދަދަށް އެއް ޓީމެއްގެ ކުޅުންތެރިންނަށް ރީނދޫ ކާޑު ދެއްކި ފުރަތަމަ ފަހަރެވެ. އެ ފަހަރު ނެދަލެންޑްސްގެ ފަސް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކި އެވެ.