18 ޖޫން 2018 - 19:02

ނިޒްނީ ނޮވްގޮރޮޑް، ރަޝިއާ (ޖޫން 18) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އޭޝިއާ އާއި ޔޫރަޕުގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރެވުނު މެޗުން މިއަދު ހަވީރު ދެކުނު ކޮރެއާ އަތުން 1-0 އިން ސްވިޑަން މޮޅުވެއްޖެ އެވެ.
މިއީ ބޮޑު މުބާރާތެއްގައި ސްވިޑަން އިން 2006 ގެ ފަހުން ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ޓީމު 12 އަހަރަށް ފަހު ވޯލްޑް ކަޕުން ޖާގަ ހޯދީ ޕްލޭއޮފުގައި ގަދަފަދަ އިޓަލީ ކަޓުވާލުމަށް ފަހު އެވެ.
ސްވިޑަންގެ މަޝްހޫރު ތަރި އަދި ކެޕްޓަން ޒަލަޓާން އިބްރަހިމޮވިޗް ރިޓަޔާކުރި ފަހުން އެ ޓީމުގެ ފުރަތަމަ ފެނިލުމުގައި މިރޭ އެ ޓީމުން ވަނީ ހުރިހާ ގޮތަކުން ވެސް ކޮރެއާގެ މައްޗަށް ޑޮމިނޭޓްކޮށްފަ އެވެ. ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނުއިރު ގިނަ ޝޮޓްތަކެއް ވެސް ފޮނުވާލި އެވެ.
ގޯލަށް އަމާޒުކޮށް ހަތަރު ޝޮޓް ފޮނުވާލި ނަމަވެސް އެ ޓީމަށް ގޯލެއް ޖެހޭގޮތްވީ ޕެނަލްޓީއަކުންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކެޕްޓަން އަންދްރެއަސް ގްރަންކްވިސްޓެވެ. ސްވިޑަންގެ ވިކްޓަ ކްލާސަން އަށް އޭރިއާ ތެރެއިން ކޮރެއާގެ ކިމް މިން-ވޫ ކުރި ފައުލަށް ރެފްރީ ފުރަތަމަ ޕެނަލްޓީ ނުދިން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކޮށްގެން އޭނާ އެ ޕެނަލްޓީ ދިނީ އެވެ.
ފުރަތަމަ ހާފުގައި ސްވިޑަން އަށް ގޯލް ޖަހަން ތިން ފުރުސަތު ލިބުނެވެ. އެގޮތުން 20 ވަނަ މިނެޓުގައި މާކަސް ބާގް އަދި 43 ވަނަ މިނެތުގައި ގްރަންކްވިސްޓް ފޮނުވާލި ހަމަލާތައް ކޮރެއާގެ ގޯލްކީޕަރު ޗޯ ޗުުން-ވޫ މަތަކުރި އެވެ.
ދެ ވަނަ ހާފު ފަށައިގެން 52 ވަނަ މިނެޓުގައި ކޮރެއާގެ ކޫ ޖާ-ޗާލް އަށް އޭރިއާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވަން ހީ-ޗާން އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު އެކަނިމާއެކަނި ހުރެ ބޮލުން ފޮނުވާލަން ލިބުނު ބޯޅަ އޭނާ އަށް ގޯލަށް އަމާޒެއް ނުކުރެވުނެވެ.
މި ގްރޫޕުގެ އެންމެ ވަރުގަދަ ޓީމު ޖަރުމަން ވަނީ ރޭ މެކްސިކޯ އަތުން 1-0 އިން ބަލިވެފަ އެވެ. މެކްސިކޯ އާއި ސްވިޑަން ޕޮއިންޓުގެ ގޮތުންނާއި ލަނޑުގެ ގޮތުން ވެސް އެއްވަރުވެފައިވާއިރު މި ވަގުތު ސްވިޑަން އެއް ވަނައިގައި އޮތީ ފެއާޕްލޭ ޕޮއިންޓުން ކުރި ލިބޭތީ އެވެ.