27 ޖުލައި 2016 - 19:11

ދިމިޝްގު (ޖުލައި 27) - ސީރިއާގައި ކުރުދީން ގިނަ އަދަދަކަށް ދިރިއުޅޭ ގަމިޝްލީ ސިޓީގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިއަދު ބޮމުގެ ހަމަލާއެއްދީ 44 މީހުން މަރާލައިފި އެވެ.

މިއީ ސީރިއާގައި 2011 ވަނަ އަހަރު ހަމަނުޖެހުންތައް ހިނގަން ފެށި ފަހުން އެ ސިޓީގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ.
އިނގިރޭސި ވިލާތުގައި ހިންގާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ މަރުވި މީހުންގެ ތެރޭގައި އަންހެނުނާއި ކުޑަ ކުދިން ވެސް ގިނަ އަދަދަކަށް ހިމެނޭ ކަމަށެވެ. ބޮމުގެ ހަމަލާގައި ވަނީ 140 މީހުން ޒަޚަމްވެފަ އެވެ.
ކުރުދީ އޮފިޝަލުން ބުނީ ބޮމުގެ ހަމަލާދީފައި ވަނީ ވެހިކަލަކަށް ގޮވާ ތަކެތި އަރުވައިގެން އައިސް ގޮއްވާލައިގެން ކަމަށެވެ. ބޮމުގެ ހަމަލާގައި ގިނަ ބަޔަކު ޒަޚަމްވުމުން ވީހާ ވެސް ގިނަ ބަޔަކު ހޮސްޕިޓަލްތަކަށް ގޮސް ލޭ ދިނުމަސް ގަމިޝްލީ ހިމެނޭ ހަސަކާހު ޕްރޮވިންސްގެ ގަވަރުނަރު ވަނީ އެދިވަޑައިގެންފަ އެވެ.
އައިއެސް އިން ބުނެފައި ވަނީ މިއީ ސީރިއާގެ ހަލަބު ސިޓީގައި އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮންނަ މަންބިޖު އަވަށަށް ކޯލީޝަނުގެ ބޯޓުތަކުން ދޭ ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށެވެ. މަންބިޖުން އައިއެސް ބޭރު ކުރުމަށް ހަނގުރާމަ ކުރާ މީހުންނާ އެކު ކުރުދީ ހަނގުރާމަވެރިން ވެސް ބައިވެރިވެ އެވެ. އަދި ކޯލީޝަނުގެ ބޯޓުތަކުގެ ވައިގެ ހަމަލާތަކުން ދަނީ އެއްގަމު ސިފައިންގެ ލަޝްކަރަށް އެހީވަމުންނެވެ.