ވޯޓާސް ލިސްޓާ ގުޅިގެން ޕާޓީތަކުން އެދޭ ކަންކަން ބަލާނެ: އީސީ
ވޯޓާސް ލިސްޓާ ގުޅިގެން ޕާޓީތަކުން އެދޭ ކަންކަން ބަލާނެ: އީސީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅިގެން ސިޔާސީ ޕާޓީތަކުން އެދޭ ކަންކަން ބަލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އާންމުންގެ ހިޔާލު ހޯދައި ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އާންމު ކޮށްފައިވާ ވޯޓާސް ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އެންމެ ބޮޑަށް ފާހަގަ ކުރަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީންނެވެ. އެ ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކޮށް، ލިސްޓުގައި ހުރި ކަންބޮޑުވުންތައް އެ ކޮމިޝަންގެ މެމްބަރުންގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީން ވަނީ ވޯޓާސް ލިސްޓާ ގުޅިގެން ޝަކުވާ ހުރި ކަމަށް ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މި މައްސަލާގައި "މިހާރު" އަށް ވިދާޅުވީ އެމްޑީޕީއާ އެކު ބޭއްވި މަޝްވަރާތަކުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް އެ ޕާޓީން ފާހަގަ ކުރީ ލިސްޓަށް ޝަކުވާ ހުށަހަޅަން ކުރު މުއްދަތެއް ދީފައި އޮތުމުން ކަމަށެވެ. އެކަމަކު، މިފަހަރު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދީފައި ވަނީ އެހެން އިންތިޚާބުތަކާ ދިމާކޮށް، ދޭ މުއްދަތަށް ވުރެ އިތުރަށް ކަމަށް އަކްރަމް ވިދާޅުވި އެވެ.

"މީގެ ކުރިން އިންތިޚާބާ ދިމާކޮށް ލިސްޓަށް ޝަކުވާ ހުށަހަޅަން ހަތް ދުވަސް ދެނީ. އެކަމަކު، މިފަހަރު ދީފައިވާނީ 10 ދުވަސް. ގާނޫނުގައި އެންމެ ގިނަ އިން ދެވެން އޮތީ 10 ދުވަސް،" އަކްރަމް ވިދާޅުވި އެވެ.

މީގެ އިތުރުން، އައިޑީ ކާޑު ނަމްބަރު ނުހިމަނައި ވޯޓާސް ލިސްޓު އާންމު ކުރުމާ ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ އަށް ރައްދު ދެއްވައި، އަކްރަމް ހަމައެކަނި ވިދާޅުވީ އެ ކޮމިޝަނުން ލިސްޓު އާންމުކުރީ އެހެން އިންތިޚާބުތަކުގައި ވެސް އަމަލު ކުރާ އުސޫލުން ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގައި، ވޯޓާސް ލިސްޓު އާންމު ކުރަންވާނީ އައިޑީ ކާޑުގެ ނަންބަރު ހިމަނައިގެން ކަމަށް ބުނެފައިވެ އެވެ. އެކަމަކު މިފަހަރުގެ އިންތިހާބުގެ ލިސްޓު އާންމު ކުރި އިރު، އެއްވެސް މީހެއްގެ އައިޑީ ކާޑު ނަންބަރު ހިމަނާފައެއް ނުވެ އެވެ.

އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓާ ގުޅިގެން ސިޔާސީ ޕާޓީތަކަށް ޝަކުވާ ހުށަހެޅޭނެ ގޮތް އޮއިރު، ޝަކުވާ ހުށަހަޅަން އިތުރަށް ކޮށްދެވޭނެ ކަމަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ.

ވޯޓާސް ލިސްޓާ މެދު ޝަކުވާ އޮތް ނަމަ، އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް އޮންނާނެ އެވެ. ވޯޓާސް ލިސްޓުގައިި ނަން އޮތްތޯ އެސްއެމްއެސް މެދުވެރިކޮށް ވެސް ބެލޭނެ އެވެ.

އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ 19 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި، 263،000 މީހުންގެ ނަން ހިމެނެ އެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ހަދާފައިވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތުތައް އަސްލަކަށް ބަލައިގެންނެވެ. އެހެންވެ، ރާއްޖޭން ބޭރުގައި މަރުވި މީހުންގެ ނަމާއި 18 އަހަރު ނުވާ ކުދިންގެ ނަން ލިސްޓުގައި އޮތުން ފަދަ މައްސަލަތައް ހުރެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.