މިއީ އަދި މާ ފުނަށް ފީނާ ޑްރޯނެއް
މިއީ އަދި މާ ފުނަށް ފީނާ ޑްރޯނެއް

ފީނާ ޑްރޯންތައް މިހާރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިއީ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތައް، މޫދަށް ނޭރި ބަލައިލެވޭނެ އެންމެ ފަސޭހަ އެއްގޮތެވެ. އާންމުކޮށް މިހާރު ގެންގުޅޭ ފީނާ ގިނަ ޑްރޯންތަކަށް ދެވެނީ އެންމެ ފުންވެގެން 100 މީޓަރު އަޑިއަށެވެ. ދައްކަން މިއުޅެނީ އެއަށްވުރެ ފުނަށް ދެވޭ ޑްރޯނެއްގެ ވާހަކައެވެ.

ޓައިޓަންއަކީ 150 މީޓަރު އަޑިއަށް ފީނަން ފަރުމާކޮށްފައިވާ ޑްރޯނެކެވެ. މީގެ ކުރިން ޑްރޯނަކަށް ނެގިފައިނުވާ މަންޒަރުތައް ނަގައި، ރައްކާކުރުމުގެ ގާބިލްކަން މި ޑްރޯނަށް ލިބިފައިވެއެވެ. ޖުމުލަ ހަ ފުރޮޅާއެކު އުފައްދާފައިވާ ޓައިޓަން، ލޮނުފެނާއި ކޯރުފެނުގައި ވެސް ބަރާބަރަށް މަސައްކަތްކުރެއެވެ. ފެނުއަޑީގެ މަންޒަރުތައް ނަގާއިރު ހުންނަ ނުސާފުކަން ކަނޑުވާލައިދޭ ދެ ކުލައިގެ ފިލްޓަރެއް މީގައި ހުރެއެވެ. ލެންސްގައި މި ފިލްޓަރު އަޅުވާލުމުން މަންޒަރުތަކުގައި އެއްވެސް ކިލަނބުކަމެއް ނުހުރެއެވެ.

ފެނުއަޑިއަށް ފީނަމުން މި ޑްރޯނުން ނަގައިދޭ ފޮޓޯތަކާއި ވީޑިޔޯތަކުގެ ފެންވަރު އެހައިމެ ރަގަޅެވެ. ޓައިޓަންގެ ރިމޯޓް ކޮންޓްރޯލަ ފަރުމާކޮށްފައިވަނީ 2.4 ގިގަހާޓްޒްގެ ފްރީކުއެންސީއާއެކުއެވެ. މި ޑްރޯނުން ނަގާ މަންޒަރުތައް ވަގުތުން ވަގުތަށް ސްމާޓްފޯނަށް ނޫން ނަމަ ޓެބްލެޓަށް ފޮނުވާލަދެއެވެ.

ޓައިޓަން ޑްރޯނަކީ މަސްވެރިކަމާއި ފީނުމާއި ކަނޑުވެގެން މީހުން ސަލާމަތްކުރުމާއި ކަނޑުއަޑީގެ ދިރާސާތައްކުރުމާއި އިލްމީ އެކި ކަންކަމުގައި ވެސް ބޭނުންކުރެވިދާނެ އިތުބާރު ހިފޭ ޑްރޯނެކެވެ.