19 ޖޫން 2018 - 12:33

ޓެކްސަސް (ޖޫން 18) - މެކްސިކޯ އިން އެމެރިކާ އަށް އެތެރެވާ މައިންބަފައިންނާއި ދަރިން ދެ ތަންކޮށް އެ ކުދިންނަށް އިހާނެތިކޮށް ހިތަމުން ދާ މައްސަލަ ހޫނުވެފައި ވަނިކޮށް، މެލާނިއާ ޓްރަމްޕާއި ކުރީގެ ރައީސް ޖޯޖް ބުޝްގެ އަނބިކަނބަލުން ލައުރާ ބުޝް އެ ބަހުސްގެ ތެރެ އަށް ވެދެވަޑައިގެންފި އެވެ،

މެލާނިއާގެ ތަރުޖަމާނު ސްޓެފަނީ ގްރިޝަން އިއްޔެ ސީއެންއެން އަށް ވިދާޅުވީ "އާއިލާތައް ބިކަވުމަކީ ފަސްޓް ލޭޑީ އެދިވަޑައިގަންނަވާ ގޮތެއް ނޫން" ކަމަށާއި އަރާރުންވުމުގެ ބަދަލުގައި ހުރިހާ އެންމެން ގުޅިގެން އެކަން ނިމުމަކަށް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް އެކަމަނާ އުންމީދު ކުރައްވާ ކަމަށެވެ.
ރެފިއުޖީންނާ ދެކޮޅަށް އޭޕްރީލް މަހު އެމެރިކާ އިން ތަންފީޒުކުރަން ފަށާފައިވާ "ޒީރޯ-ޓޮލަރަންސް" ޕޮލިސީގެ ދަށުން، އެމެރިކާ އާއި މެކްސިކޯ ގުޅޭ ސަރަހައްދީ ރޮނގު ކައިރިން މިހާތަނަށް 2000 އަށް ވުރެ ގިނަ ކުދިން އާއިލާތަކާ ވަކިކޮށް، މައިންބަފައިންނާއި ބެލެނިވެރިން ބަންދުކޮށް ޖަލަށް ލައިފައިވެ އެވެ.
އޭގެ ތެރެއިން 1500 ކުދިން ވޯލްމާޓުން ކުރިން ވިޔަފާރި ކޮމްޕްލެކްސްއެއްގެ ގޮތުގައި ބޭނުންކުރި ބާ އިމާރާތެއްގައި ބައިތިއްބާފައި ތިބި އިރު، އެ ކުދިން ގެންގުޅެނީ ޖަލެއްގައި ގައިދީން ގެންގުޅޭ އުސޫލުން ކަމަށް ބުނެ ޓްރަމްޕަށާއި އެމެރިކާ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
މި މައްސަލައިގެ ބަދުނާމު ޓްރަމްޕް ވަނީ ޑިމޮކްރެޓުންގެ ބޮލަށް ކަނޑުއްވާލައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ އާއިލާތައް ބިކަވުން ހުއްޓުމަކަށް ގެންނަވަން ބޭނުންފުޅުވާ ކަމަށާ އެކަމަކު "ސަރަހައްދީ ރޮނގުގެ ރައްކާތެރިކަމާ ބެހޭ ގާނޫނު" މިހާރު އޮތް ގޮތުން އެކަމަށް ޖާގައެއް ނެތް ކަމަށެވެ. އެ ގާނޫނު އެކުލަވައިލީ ޑިމޮކްރެޓުންގެ ވެސް ބައިވެރިވުމާ އެކުގަ އެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ޑިމޮކްރެޓުންގެ ފަރާތުން ވާހަަކަދެއްކެވި ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވިދާޅުވީ އެއީ ބުހުތާނު ދޮގު ކަމަށާއި ގާނޫނުގައި "މައިންބަފައިންނާއި ދަރިން ދެތަންކޮށް އިހާނެތިކޮށް ހިތަން ޖާގަ ދޭ އެއްވެސް މާއްދާއެއް ނޯންނާނެ" ކަމަށެވެ.
ރިޕަބްލިކަން ޕާޓީގެ ނަން ހިނގާ ބައެއް ބޭފުޅުން ވެސް ގެންދަވަނީ މި މައްސަލައިގައި ޓްރަމްޕް ވިސްނެވުން ގެންގުޅުއްވާ ގޮތަށް ފާޑުކިޔަމުންނެވެ.
އެމެރިކާ ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް ބޭނުންކުރާ ހަތިޔާރަކަށް ކުޑަކުދިން ނުހެދުމަށް ޖޯޖް ޑަބްލިއު ބުޝް ވިދާޅުވެފައި ވާއިރު، އަނބިކަނބަލުން ލައުރާ ބުޝް ވަނީ އެއީ "އަނިޔާވެރި ލާއިންސާނީ ޕޮލިސީއެއް"ގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ޓުވިޓާ މެދުވެރި ކުރައްވާ އާންމުކޮށް މި ފަދަ ކަންކަމުގައި ރައްދު ދެއްވުމުގައި ކުރީގައި އުޅުއްވާ ޓްރަމްޕް ވިދާޅުވީ "ދެންވެސް ޑިމޮކްރެޓުން ބަލަން ނުތިބެ ގާނޫނު އިސްލާހުކުރަން އުޅެންވީ" ކަމަށެވެ. އަންނަ އިންތިހާބުން ވެސް ޑިމޮކްރެޓުން ބަލިވާނެކަމަށާ އެހެންވެ ކޮންމެހެން އޭނާގެ ވެރިކަން ނިމެންދެން އެކަމާ ނޫޅެ އަތްއުރާލައިގެން ނުތިބުމަށް ޓްރަމްޕް އިލްތިމާސް ކުރެއްވި އެވެ.