ވޯޓާސް ލިސްޓަށް މިހާތަނަށް 19 ޝަކުވާ
ވޯޓާސް ލިސްޓަށް މިހާތަނަށް 19 ޝަކުވާ

އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓާ ގުޅޭ ގޮތުން މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ 19 ޝަކުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރިއާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި، 263،000 މީހުންގެ ނަން ހިމެނެ އެވެ. މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އާއްމު ކުރި އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 20 ވަނަ ދުވަހާ ހަމަ އަށް ވަނީ ހުޅުވާލައިފަ އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ޝަކުވާ ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންގެ ނަމާއި 18 އަހަރު ނުފުރޭ ބައެއް މީހުންގެ ނަން ލިސްޓުގައި އޮވެގެން ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ ކަން ހައްލުކޮށް، އާ ލިސްޓު އިއުލާނު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އެ ލިސްޓާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާތައް، އެހެން އިންތިހާބުތަކަށް ވުރެ މަދެވެ. އަދި އެއީ ކުރިއެރުމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެކަމަކު އަޅުގަނޑުމެން އަދިވެސް އެދެން، ލިސްޓު ޗެކްކޮށް އޭގައި މައްސަލައެއް އުޅޭތޯ ބެލުމަށް. އަންނަ ބުދަ ދުވަހާ ހަމަ އަށް އެ ފުރުސަތު އެބައޮތް،" އަކްރަމް ވިދާޅުވި އެވެ.

ވޯޓާސް ލިސްޓާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ އެމްޑީޕީން މިއަދު ވަނީ އެކަން އީސީގެ މެމްބަރުންނާ ހިއްސާކޮށްފަ އެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ހަދާފައިވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތުތައް އަސްލަކަށް ބަލައިގެންނެވެ. އެހެންވެ، ރާއްޖޭން ބޭރުގައި މަރުވި މީހުންގެ ނަމާއި 18 އަހަރު ނުވާ ކުދިންގެ ނަން ލިސްޓުގައި އޮތުން ފަދަ މައްސަލަތައް ހުރެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލިސްޓުގައި އޮތް ނަމާއި މައުލޫމާތު ނުބައި ނަމަ ޝަކުވާ ހުށަހަޅަން ޖެހެނީ، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނަށެވެ. އަދި ރަށްރަށުގެ ރަށު ކައުންސިލްތަކަށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކުރީ ގެޒެޓުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގަ އެވެ. އެ ލިސްޓު ރަށްރަށުގެ ކައުންސިލްތަކުގައި ވެސް ވަނީ އާއްމުކޮށްފަ އެވެ.