"1966 ގެ ވާހަކަތައް މީހުން ގަބޫލެއް ނުކުރާނެ"
"1966 ގެ ވާހަކަތައް މީހުން ގަބޫލެއް ނުކުރާނެ"

ވޮލްގޮގްރާޑް، ރަޝިއާ (ޖޫން 18) - އިންގްލެންޑުން 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު ދެއްކި މޮޅު ކުޅުމުގެ ވާހަކަތަކަށް ބުރަވެ މިހާރު ވާހަކަ ދައްކައިފިނަމަ އެކަން ގިނަ ބަޔަކު ގަބޫލުނުކުރާނެ ކަމަށާއި ފުޓްބޯޅައިގައި އެންމެ މުހިއްމީ އަބަދުވެސް ފެންވަރު ސާބިތުކޮށްދިނުން ކަމަށް އިންގްލެންޑް ގައުމީ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗެއްގެ ގޮތުގައި ތިން އަހަރު ހޭދަކުރި ސައުތުގޭޓަށް އިންގްލެންޑްގެ ސީނިއަ ޓީމުގެ ކޯޯޗުކަން ހަވާލުކުރީ 2016 ވަނަ އަހަރުގަ އެވެ. ސޭމް އެލަޑައިސް މަގާމުން ވަކިކޮށް، ސައުތުގޭޓަށް އެންމެ ފުރަތަމަ އެ ޒިންމާ ހަވާލުކުރީ ވަގުތީ ގޮތުންނެވެ. އެކަމަކު ނޮވެމްބަރު 2016 ގައި ސައުތުގޭޓަށް ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިންގްލެންޑްގެ ކޯޗުކަން ހަވާލުކޮށްފަ އެވެ. އިންގްލެންޑް ކޯޗެއްގެ ގޮތުގައި ހުރެ ސައުތުގޭޓް މިހާތަނަށް ކޮށްފައިވަނީ ކާމިޔާބު މަސައްކަތެކެވެ.

"1966 ގައި އިންގްލެންޑް ކާމިޔާބު ކޮށްފައި އޮތީ. އެ ވާހަކަ މިހާރު ދައްކައިގެން ގަބޫލުކުރާނެ މީހުން ނުތިބޭނެ. މިހާރު މުހިއްމީ ފެންވަރު ސާބިތުކޮށްދިނުން. އިންގްލެންޑުގައި މި އޮތް ޒުވާން ޓީމަށް އަހަރެން ޕްރެޝަރެއް ނުކުރާނަން. މި ކުޅުންތެރިންގެ ހުނަރު ބޭނުންކޮށްފިއްޔާ ކާމިޔާބާ ހަމައަށްދާނެ،" ސައުތުގޭޓް ބުންޏެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން އިންގްލެންޑް ކެޓިއިރު، 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އެ ޓީމަށް ނިމުނީ ދެ ވަނަ ބުރުގައި އައިސްލެންޑް އަތުން ބަލިވުމުންނެވެ.

މި ފަހަރުގެ ސްކޮޑަކީ އިންގްލެންޑުން ވޯލްޑް ކަޕަކަށް ނެގި ތިން ވަނަ އަށް އެންމެ ޒުވާން ސްކޮޑެވެ. އިންގްލެންޑުން މި ފަހަރު ނެގި ސްކޮޑުގެ އެވްރެޖް އުމުރަކީ 26 އަހަރާއި 28 ދުވަހެވެ. މީގެ ކުރިން އިންގްލެންޑުން 1958 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެގި ސްކޮޑުގެ އެވްރެޖް އުމުރަކީ 25 އަހަރާއި 81 ދުވަހެވެ. އަދި 2005 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެގި ސްކޮޑުގެ އެވްރެޖް އުމުރަކީ 25 އަހަރާއި 286 ދުވަހެވެ.

ސައުތުގޭޓް ބުނީ ސަޕޯޓަރުންގެ އިތުބާރާ އެކު މިހާރު އޮތް ޓީމަށް ތަފާތު ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ތަޖުރިބާކާރު ކުޅުންތެރިން ޓީމުގައި ނެތް ނަމަވެސް ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންގެ ލީޑަޝިޕާ އެކު ރަނގަޅު ހިސާބަކަށް އިންގްލެންޑަށް ދެވޭނެ ކަމަށް ސައުތުގޭޓް ގަބޫލުކުރެ އެވެ.

ވޯލްޑް ކަޕްގައި އިންގްލެންޑުން އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ތިން މެޗުން ބަލިވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ. މި ދެ ޓީމު ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބައްދަލުކޮށްފަ އެވެ. އެ ފަަހަރު އިންގްލެންޑް މޮޅުވީ 2-0 އިންނެވެ.

އިންގްލެންޑާއި ޓިއުނީޝިއާ މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.