28 ޖުލައި 2016 - 13:40

ބެލްފާސްޓް (ޖުލައި 28) - ނޯދަން އަޔަލެންޑުގެ ޔުނިއަނިސްޓް ޕާޓީގެ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ރޮސް ހުސޭ އަށް އޮޅިގެން ނޫސްވެރިއަކަށް ފޮނުވި ބަރަހަނާ ސެލްފީއަކާ އެކު އޭނާ ހޫނު ފެނަށް ވެއްޓިއްޖެ އެވެ.

އުމުރުން 57 އަހަރުގެ ހުސޭ ވަނީ އޭނާ އަށް ބޮޑު ގޯހެއް ހެދިއްޖެ ކަމަށް އެއްބަސްވެފަ އެވެ. އޭނާ ގެންދިޔައީ ވެބްސައިޓްތައް މެދުވެރިކޮށް ޖިންސީ އަމަލުތައް ހިންގުމަށް މީހުން ހޯދަމުންނެވެ. މި މަސައްކަތުގައި އުޅެނިކޮށް ބަރަހަނާ ސެލްފީއެއް ފޮނުވުނީ ސަންޑޭ ލައިފްގެ އަންޑަކަވާ ރިޕޯޓަރަކަށެވެ. ކައިވެނި ނުކޮށް ހުރި ހުސޭ ބުނީ އޭނާ ހީކުރީ އެ ރިޕޯޓަރު އުޅުނީ އޭނާ ދެކެ ލޯބިވެގެން ކަމަށެވެ. އެކަމަކު ނޫހުން މަސައްކަތް ކުރީ ހުސޭ ބޭޒާރުކޮށްލުމަށެވެ. މި ގޮތުން ހުސޭގެ ނަމުގައި އެހެން މީހަކު ފޮޓޯ ފޮނުވަނީ ކަމަށް ހީކޮށް އެއީ ހުސޭތޯ ޔަގީން ކުރުމަށް އޭނާ ހޮޓަލަކަށް ގެންގޮސް ވަނީ އެ ރިޕޯޓަރާ ބައްދަލު ވެސް ކުރުވައިފަ އެވެ.
"އަހަރެންގެ އާއިލާ އާއި ރަހުމަތްތެރިންގެ ކިބައިން މި ކުރެވުނު ކަންތަކަށް މައާފަށް އެދެން. އަހަރެން އެ ފޮޓޯ ފޮނުވީ ފަހުން ވެދާނެ ކަމަކާ މެދު ވިސްނާ ނުލައި،" ހުސޭ ބުންޏެވެ.
ޔޫނިއަނިސްޓް ޕާޓީގެ ތަރުޖަމާނަކު ބުނީ ގާނޫނާ ޚިލާފު ކަމެއް ހުސޭ ކޮށްފައި ނުވާ ކަމަށާއި އޭނާ އަކީ މީހަކާ ވެސް އިނގެދެން އުޅޭ މީހަކަށް ނުވާތީ ހުސޭ އެ ކުރި ކަންތަކަކީ އޭނާގެ ޒާތީ ކަމެއް ކަމަށެވެ.
ހުސޭ އަކީ ބެލްފާސްޓުގެ ޕޮލީސިން ބޯޑު މެންބަރެއް ވެސް މެ އެވެ. މި ބޯޑުގެ ގަވާއިދު ބުނާ ގޮތުން ބޯޑުގެ އަގު ވެއްޓޭ ފަދަ ކަމެއް އެއްވެސް މެންބަރަކު ކުރުމަކީ މަނާ ކަމެކެވެ.