ވޯޓާސް ލިސްޓުގެ މައްސަލަތައް އެމްޑީޕީން އީސީ އަށް ހުށަހަޅައިފި
ވޯޓާސް ލިސްޓުގެ މައްސަލަތައް އެމްޑީޕީން އީސީ އަށް ހުށަހަޅައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި އާންމު ކޮށްފައިވާ އިރު، އެ ލިސްޓުގައި ހުރި މައްސަލަތައް ފާހަގަކޮށް، އިދިކޮޅު އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.

އެމްޑީޕީން ވަނީ ވޯޓާސް ލިސްޓުގައި ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ސަމާލު ކަމަށް ގެނައުމަށް އެ ކޮމިޝަންގެ ބައެއް މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލު ކުރެއްވުމަށް ފަހު، އިލެކްޝަންސް ކޮމިޝަންގެ ބޭރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އިންތިހާބު ބިނާވެފައި އޮތް އެންމެ މުހިންމު އެއްޗަކީ ވޯޓާސް ލިސްޓު ކަމަށެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި އައިޑީ ކާޑު ނުހިމަނައި ވޯޓާސް ލިސްޓު އާންމު ކުރުމަކީ ވެސް އެމްޑީޕީގެ ކަންބޮޑުވުމެކެވެ. މި ޝަކުވާއަކީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ވެސް އެމްޑީޕީން އިލެކްޝަންސް ކޮމިޝަންގެ ސަމާލު ކަމަށް ގެނައި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒް އެހެން ވިދާޅުވި އިރު، 2013 ވަނަ އަހަރުގެ ރިއާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިންގައި، ވޯޓާސް ލިސްޓު އާންމު ކުރަންވާނީ އައިޑީ ކާޑުގެ ނަންބަރު ހިމަނައިގެން ކަމަށް ބުނެފައިވެ އެވެ. އެކަމަކު މިފަހަރުގެ ރިޔާސީ އިންތިހާބުގެ ލިސްޓު އާންމު ކުރި އިރު، އެއްވެސް މީހެއްގެ އައިޑީ ކާޑު ނަންބަރު ހިމަނާފައެއް ނުވެ އެވެ.

"އައިޑީ ކާޑު ނެތި ކިހިނެއްތޯ އެނގޭނީ މީހެއްގެ ނަން ތަކުރާރުވެފައި ހުރިތޯ؟ މީހެއްގެ ނަން ރަޖިސްޓްރީވެފައި އޮތްތޯ؟ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރިން، އެ ބޭފުޅުން ވިދާޅުވި އެކަމާ ގުޅިގެން އިތުރު ބައްދަލުވުންތައް ބާއްވައިގެން މަޝްވަރާ ކުރާނެ ކަމަށް،" ނިޔާޒް ވިދާޅުވި އެވެ.

ލިސްޓްގައި އައިޑީ ކާޑު ނުހިމަނައި އޮތް ސަބަބު ސާފު ކޮށްދޭން އެދުމުން އީސީން ބުނީ އެ މައުލޫމާތު އާންމު ނުކުރީ އައިޑީ ކާޑު ނަންބަރަކީ ޕާސަނަލް މައުލޫމާތަކަށް ވުމުން ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"ޕާސަނަލް މައުލޫމާތެއް ނަމަކީ ވެސް އެޑްރެހަކީ ވެސް، ގާނޫނަކުން މަނާ ކުރާ ކަމެއް ނޫން އައިޑީ ކާޑު ލިސްޓްގައި ހިމެނުމަކީ، އީސީ އިން ވެސް ގަބޫލުކުރޭ އެއީ ގާނޫނަކުން މަނާ ކަމެއް ނޫންކަން. ކުރީގެ ކޮމިޝަންތަކުން ވެސް އައިޑީ ކާޑު ހިމަނައިގެން ލިސްޓް ނެރެފަ އެބަހުރި،" ނިޔާޒް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ވޯޓާސް ލިސްޓަކީ، ސައްހަ ލިސްޓެއްގެ ގޮތުގައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. މިކަމަކީ، އެންމެންގެ ހައްގު ހިމެނިގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމުގައި އެންމެ ބޮޑު މަސްއޫލިއްޔަތެއް އަދާކުރަން ޖެހޭ ބަޔަކީ އިލެކްޝަންސް ކޮމިޝަން. އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތެއް، އެ ކޮމިޝަންގެ ފަރާތުން އާންމުކުރާ މައުލޫމާތަކީ ސައްހަ ލިސްޓެއްކަން ކަށަވަރު ކުރުން. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ނަން އޮންނަން ވާނެ. ވޯޓު ލުމުގެ ހައްގު ނެތް މީހުން ނަން ލިސްޓުގައި އޮވެގެން ނުވާނެ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ސައްހަކަން ކަށަވަރު ކުރަން އެމްޑީޕީން ބޭނުންވެ އެވެ. އަދި ލިސްޓުގައި މީހުންގެ ނަންތައް ތަކުރާރުކޮށްފައި ނެތްކަން ކަށަވަރު ކުރުމަށާއި ވަގަށް ވޯޓު އެޅުމުގެ ފުރުސަތު ނުދޭކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

ވޯޓާސް ލިސްޓާ މެދު ޝަކުވާ އޮތް ނަމަ، އެ ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް އޮންނާނެ އެވެ. ވޯޓާސް ލިސްޓުގައިި ނަން އޮތްތޯ އެސްއެމްއެސް މެދުވެރިކޮށް ވެސް ބެލޭނެ އެވެ.