18 ޖޫން 2018 - 11:09

ސައޮ ޕޯލޯ (ޖޫން 18) – ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދެވި ނަމަވެސް ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާގެ ހިތްޕުޅުގައި ފުޓްބޯޅައަށް އަށް އޮންނަ ލޯތްބާއި ފޯރިއަށް ކުޑަ ނަމަވެސް ބަދަލެއް ނާދެ އެވެ. އެކަމަކު މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ މެޗުތައް ބައްލަވާލެއްވުމަށް ދަނޑަށް ވަޑައިގެންނެވޭނެ ގޮތެއް ނެތެވެ. އެހެންވެ ސީދާ ޖަލުގައި ހުންނަވައިގެން މި ފަހަރު އޭނާ މަސައްކަތްކުރައްވާނީ ޓީވީ އެނަލިސްޓެއްގެ ގޮތުގަ އެވެ.
"މިއީ ޖޯކެއް ނޫން،"
އެ ޕްރޮގްރާމް ހުށަހަޅާ ބްރެޒިލްގެ ކުރީގެ ކުޅިވަރު ނޫސްވެރިޔާ ހޯސޭ ޓްރަޔާނޯ ބުންޏެވެ.
މެޗުތައް ބެއްލެވުމަށް ފަހު ލޫލާ އެމަނިކުފާނުގެ ހިޔާލުތައް ލިޔުއްވައި ފޮނުއްވާނެ އެވެ. އެއާ ޓީވީ ޕްރޮގްރާމް މެދުވެރިކޮށް އެ ވާހަކަތައް ބްރެޒިލް ރައްޔިތުންނާ ހިއްސާކުރެވިގެންދާނެ އެވެ.
ދެން އުފެދޭ ސުވާލަކީ ލޫލާ ޖަލުގައި ހުންނަވައިގެން މެޗުތައް ބައްލަވަނީ ކިހިނެއްތޯ އެވެ؟
ކުރިޓިބާގައި ހުންނަ ފެޑެރަލް ޕޮލިޒް ހެޑްކުއާޓާޒާގްގައި ލޫލާ ހުންނަވާ ގޮޅީގައި ޓީވީ ބެލޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ. ހަގީގަތުގައި އެއީ އޭނާ ލޯބިވާ ކްލަބް ކޮރިންތިއަންސްގެ މެޗުތައް ބެއްލެވުމަށެވެ.
ލޫލާގެ އެނަލައިސް ފުރަތަމަ ފަހަރަށް ޓީވީން ދައްކާނީ މިއަދެވެ. އެއީ މުބާރާތުގައި ރޭ ސްވިޒަލެންޑާ 1-1 އިން ބްރެޒިލް އެއްވަރުވި މެޗާ ބެހޭގޮތުންނެވެ.
ޖަލަށް ލުމުގެ ކުރިން މާޗު މަހު އޭއެފްޕީއާ ވާހަކަދައްކަމުން ލޫލާ ވިދާޅުވީ ބްރެޒިލުން މި ފަހަރު މުބާރާތް ކާމިޔާބުކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"ބްރެޒިލް ވަރަށް ވާދަވެރި. އަހަރެމެންގެ ރަނގަޅު ކޯޗެއް އެބަހުރި. ބައިނަލްއަގްވާމީ ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވަރަށް އެއްވަރުގެ ޓީމެއް އޮތީ،" ލޫލާ ވިދާޅުވި އެވެ.
އެކަމަކު ލޫލާ ވަނީ ޖަރުމަނާއި ފްރާންސާއި އިންގްލެންޑް އަދި ބެލްޖިއަމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ވިދާޅުވެފަ އެވެ. އަދި ޑިއެގޯ މަރަޑޯނާގެ ހިޔަނީގެ ތެރެއިން ނުކުތުމަށް އާޖެންޓީނާގެ ރައްޔިތުންގެ ކިބައިގައި ލިއޮނަލް މެސީ ދަރާފައިވާ ދަރަނި އަދާކުރަން ޖެހޭތީ އާޖެންޓީނާ ނުކުންނާނީ ފުލް ޕަވަރުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ރިޝްވަތު ހިއްޕެވި ކަމުގެ ތުހުމުގައި 12 އަހަރުގެ ހުކުމެއް ތަންފީޒްކުރުމަށްޓަކައި ލޫލާ ބަންދުކުރެވުނީ އޭޕްރިލް 7 ގަ އެވެ. އެވެ. އެކަމަކު އަދިވެސް އެމަނިކުފާނަކީ ބްރެޒިލްގައި ވަރަށް މަގުބޫލު ސިޔާސީ ލީޑަރެކެވެ.