ފްލެޓުތަކަށް ފޯމް ބަލައިގަންނަ ވަގުތު އިތުރުކޮށްފި
ފްލެޓުތަކަށް ފޯމް ބަލައިގަންނަ ވަގުތު އިތުރުކޮށްފި

ބޯހިޔާވަހިކަމަށް ސަރުކާރުން ހުޅުވާލި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ދޫކުރުމާއި ބަލައިގަންނަ ވަގުތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ދަރުބާރުގެއިން ފޯމް ބަލައިގަންނަން ފެށިއިރު އެކަން ކުރަމުން އައީ ކޮންމެ ދުވަހަކު ހެނދުނު 10:30 އިން މެންދުރު 1:30 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ދަރުބާރުގެ އިން ފޯމް ބަލައިގަތުމާއި ދޫކުރުން ކުރިއަށް ގެންދިއުމަށެވެ. އަދި އޭގެ ފަހުން ފޯމު ބަލައިގަންނަ ވަގުތަށް ބަދަލު އަންނާނެ ކަމަށާއި އެކަން އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ފްލެޓަށް ފޯމު ހުށަހަޅަން އެދޭ ނަމްބަރު ނަގަން ޖެހެނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށެވެ. އަދި ދަރުބާރުގެ އިން ވެސް ނަމްބަރު ދޫކުރެ އެވެ. ފޯމް ހުށަހަޅަން ކިޔޫގައި ތިބުމުގެ ބަދަލުގައި އަންގާފައިވަނީ ކިއުބީ މެދުވެރިކޮށް ބަލައި ނަމްބަރު ޖެހެން ކައިރިވުމުން ދަރުބާރުގެއަށް ދިއުމަށެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ ވަގުތު އިތުރުކުރީ ގިނަ ބަޔަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ބުރާސްފަތި ދުވަހާ ހަމައަށް ބަލާފައި ފޯމް ބަލައިގަތުމުގެ ވަގުތާ މެދު އިތުރު ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ 7،000 ފްލެޓު، 17 ކެޓަގަރީ އަކަށް ބަހާލައި، ކުރިމަތިލާން ހުޅުވާލުމުން މިހާތަނަށް ގާތްގަނޑަކަށް 50،000 އަށް ވުރެ ގިނަ ފޯމު ވަނީ ނަގައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް 15،000 އެއްހާ މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ 704 މީހުންނަށެވެ.