18 ޖޫން 2018 - 12:28

އަންނަ ސެޕްޓެމްބަރު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލާ ޒުވާނުންގެ އަދަދު، 24،000 އަށް އަރާނެ ކަމަށް، ވޯޓާސް ރަޖިސްޓްރީން ދައްކައިފި އެވެ.
ރިޔާސީ އިންތިހާބުގައި މި އަހަރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާއިރު، އޭގައިވާ ގޮތުން 263،183 މީހުންނަށް ވޯޓުލެވޭނެ އެވެ. އެންމެ ފަހުން 2013 ގައި އޮތް ރިޔާސީ އިންތިހާބުގައި އެ އަދަދު އުޅުނީ 239،165 ގަ އެވެ. އެހެންކަމުން މި އަހަރު އިތުރުވި މީހުންގެ ނިސްބަތް 10 ޕަސެންޓަށް އަރަ އެވެ.
އާ ރަޖިސްޓްރީއަށް ބަލާއިރު މި އަހަރު އިތުރުވެފައި ވަނީ 24،018 މީހުންނެވެ. މިއީ 18 އަހަރު ފުރި، ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލާ މީހުން ކަމަށް ބެލެވެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ރަޖިސްޓްރީ އަދި އާއްމެއްނުކުރެ އެވެ. އިސްލާހުތަކާ އެކު އެ ލިސްޓް ފައިނަލްވުމުން އަލަށް ވޯޓުލާ މީހުންގެ އަދަދަށް ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި އިންތިހާބު ދެ ވަނަ ބުރަކަށް ހިނގައްޖެ ނަމަ އިތުރު ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ވެސް ލިބިދާނެ އެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އަލަށް 30،000 ޒުވާނުން ވޯޓުލި އެވެ. އަދި ދެ ވަނަ ބުރުގައި 60 މީހަކަށް އަލަށް އެ ފުރުސަތު ލިބުނެވެ.
މި އަހަރު ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
ވޯޓާސް ލިސްޓު ހަދާފައިވަނީ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތު އަސްލަކަށް ބަލައިގެންނެވެ. އެހެންވެ، ރާއްޖޭން ބޭރުގައި މަރުވި މީހުންގެ ނަމާއި 18 އަހަރު ނުވާ ކުދިންގެ ނަން ލިސްޓުގައި އޮތުން ފަދަ މައްސަލަތައް ހުރެދާނެ ކަމަށް އީސީން ބުންޏެވެ.