ބެލްޖިއަމްގެ ރަންޖީލު: ކެތްތެރިކަމުގެ ނަތީޖާއެެއް
ބެލްޖިއަމްގެ ރަންޖީލު: ކެތްތެރިކަމުގެ ނަތީޖާއެެއް

ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ދެ ވަނަ ބުރުން ބެލްޖިއަމް ކެޓީ އެ ފަހަރުގެ ޗެމްޕިއަން ބްރެޒިލް އަތުންނެވެ. އޭގެ ފަހުން ދެން އައި ހަތަރު އަހަރަކީ ބެލްޖިއަމް ފުޓްބޯޅައިގެ ބޮޑު ވެއްޓުމެކެވެ. ބައިނަލްއަގްވާމީ މެޗުތަކަށް ބެލްޖިއަމް ނުކުތްއިރު މާ ބޮޑު އުއްމީދެއް ނެތެވެ. ވަރަށް ގިނަ ބަޔެއް އިހުމާލުވުމުގެ ސަަބަބުން ބެލްޖިއަމް ފުޓްބޯޅައިގެ މިސްރާބު އޮތީ ފަހަތަށް ޖަހައިފަ އެވެ. އެ ވިސްނުން ބަދަލުކޮށް ފުޓްބޯޅައިގައި ބެލްޖިއަމްގެ އަޑުގަދަކުރަން 2006 ވަނަ އަހަރު މަސައްކަތް ފެށީ ބެލްޖިއަމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު މިކެލް ސަބްލޮން އެވެ.

ބެލްޖިއަމްގެ ރަންޖީލު: ކެތްތެރިކަމުގެ ނަތީޖާއެެއް
ބެލްޖިއަމްގެ ރަންޖީލު: ކެތްތެރިކަމުގެ ނަތީޖާއެެއް

ސަބްލޮން އަކީ 1986 ވަނަ އަހަރު ބެލްޖިއަމުން ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނުއިރު، ޓީމުގެ ކޯޗިން ސްޓާފުގެ މެމްބަރެކެވެ. ބެލްޖިއަމްގެ ކިބައިގައި ފުޓްބޯޅައިން ކާމިޔާބު ހޯދުމުގެ ގާބިލުކަން ހުރިކަން އޭނާ އަށް އޭރު ވެސް ޔަގީނެވެ. ގިނަ ގޮންޖެހުންތަކާ އެކު ވެސް 2006 ވަނަ އަހަރު ސަބްލޮން ބޭނުންވީ ރަނގަޅު ޕްލޭނަކާ އެކު ކުރިއަށްދާށެވެ. ފާޑުކިޔާނެ މީހުން ގިނަ ވާނެކަން އެނގިހުރި ވެސް އޭނާ ބޭނުންވީ ގޮތުގައި ހުރެ ކުރިއަށްދާށެވެ.

ބެލްޖިއަމްގެ ރަންޖީލު: ކެތްތެރިކަމުގެ ނަތީޖާއެެއް
ބެލްޖިއަމްގެ ރަންޖީލު: ކެތްތެރިކަމުގެ ނަތީޖާއެެއް

އޭނާގެ ފުރަތަމަ މަސައްކަތަކަށްވީ 2000 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު ބެލްޖިއަމްގެ ސަޕޯޓަރުންގެ އިތުބާރު އެ ޓީމަށް ގެއްލެމުންދާތީ ކުރިން އޮތް ވަރަށް ވުރެން ބޮޑު އިތުބާރެއް ޓީމަށް ހޯދައިދޭށެވެ. ބުރަ ބޮޑު ބިޔަ މި މަސައްކަތް ސަބްލޮން ފެށީ 2006 ވަނަ އަހަރުގެ ސްޕްޓެމްބަރު މަހުގަ އެވެ.

ފުރަތަމަ ކަމަކަށް އޭނާ ވިސްނީ ކުރިއަރާފައިވާ ގައުމުތަކުން އެކަން ކުރާ ގޮތް ދަސްކުރުމެވެ. އެންމެ އިސްކަންދިނީ ޔޫތު ސިސްޓަމުގައި ހުރި މައްސަލަތައް ހައްލުކުރާށެވެ. އެ ގޮތުން ޖަރުމަނާއި ފްރާންސް އަދި ނެދަލެންޑްސް ފަދަ ޔޫތު ސިސްޓަމް ވަރުގަދަ ގައުމުތަކުގައި ކަންތައްތައްކުރާ ގޮތް ބެލި އެވެ. އޭނާ އަށް ފެނުނު މަންޒަރަކީ 4-3-3 ސިސްޓަމަށް ކުޅުންތެރިން ހާނުވަމުން އަންނަ މަންޒަރެވެ. އެކަން ފެނުމާ އެކު އޭނާ ބޭނުންވީ އެކަން ބެލްޖިއަމްގައި ވެސް ފަށާށެވެ. ޔޫތު ޓީމުތަކުގެ ކޯޗުންނާއި އެކި މީހުންނަށް ބައްދަލުކޮށް އެ ގޮތަށް އަަމަލުކުރަން ބުންޏެވެ. އެކަމަކު އެކަން ފުރަތަމަ ދިޔައީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. ގިނަ ކޯޗުން ސަބްލޮން ބޭނުންވާ ގޮތް ހަދާކަށެއް ބޭނުމެއްނުވި އެވެ.

ވަރަށް ދުވަހުން ނަމަވެސް ސަބްލޮންގެ ހިތްވަރުން އެ މަސައްކަތް ކާމިޔާބުވި އެވެ. ޔޫތު ކޯޗުން އޭނާގެ ރޭވުމާ އެއްގޮތަށް ކުރިއަށްދާން ފެށުމުން ސަބްލޮން ވިސްނީ އެކަމަށް ކުޅުންތެރިންގެ ފަރާތުން ލިބޭ ސަޕޯޓް ބެލުމަށެވެ. އެ ގޮތުން ޔޫތު ކުޅުންތެރިން ކުޅުނު 1500 މެޗެއް ވީޑިއޯ ކޮށް އެ ދިރާސާ ކުރަން ފެށި އެވެ. ސަބްލޮން އަށް ފެނުނު މަންޒަރަކީ ހަތް އަހަރުން ދަށާއި އަށް އަހަރުން ދަށުގެ ޓީމުތަކަށް ވާދަވެރި މެޗުތައް ދީގެން އެ ކުޅުންތެރިންނަށް ޕްރެޝަރު ކުރުވާ މަންޒަރެވެ. އޭނާ ބޭނުންވީ އެކަން ވެސް ބަދަލުކުރާށެވެ.

"އަހަރެން ބޭނުންވީ ޒުވާން އުމުރުގެ ކުދިން ހުނަރު ތަރައްގީ ކުރަން. އެއްވެސް ޕްރެޝަރެއް ނެތި. އެހެންވެ އަހަރެން އެންގިން ހަތް އަހަރާއި އަށް އަހަރުގެ މުބާރާތްތަކުގައި ވަނަތަކެއް ނުހޮވާނެކަމަށް،" ސަބްލޮން ބުންޏެވެ.

އޭނާގެ މި ވާހަކަތަކުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެހެން ނަމަވެސް ފަސް އެނބުރި ބެލުމުގެ ވިސްނުމެއް ސަބްލޮންގެ ނެތެވެ. އޭނާގެ އަޒުމް މާ ވަރުގަދަ އެވެ. ޔޫތު ސިސްޓަމް ރަނގަޅު ވަމުން އަންނާތީ ސަބްލޮން ދެން ވިސްނީ މެދު އުމުރު ފުރައިގެ ޓީމުތަކުގެ ޕްލޭނަށް ބަދަލުތަކެއް ގެންނާށެވެ. މިއީ ވެސް އޭނާ ހީކުރި ވަރަށް ވުރެން ބުރަ މަސައްކަތެކެވެ.

ސަބްލޮން އެ ފަހަރު ކޯޗުންނަށް އެންގީ 16 އަހަރާއި 17 އަހަރާއި އަދި 21 އަހަރުން ދަށުގެ ޓީމުތައް ކުޅޭއިރު، އެއް ވެސް ކުޅުންތެރިއަކު 17 އަހަރުން ދަށުގެ ޓީމަށް ކުޅުމަށް ފަހު ކިތަންމެ މުހިއްމު މެޗެއް އޮތް ނަމަވެސް 16 އަހަރުން ދަށުގެ ޓީމަށް ނުކުޅުވުމަށެވެ. އަދި ކުޅުންތެރިން އަބަދުވެސް ވިސްނަން ޖެހޭނީ އުމުރުފުރާގެ ޓީމުތަކުން ވެސް ކުރިއެރުމަށް ކަމަށާއި މައްޗަށް ދިއުމަށް ފަހު ދެން ފަސް އެނބުރި ކުރީގެ ޓީމަށް ކުޅުމުގެ ހުއްދަ އޮތަސް އެކަން ނުކުރުމަށެވެ. އޭގެ އަށް މަސައްކަތްކުރިިއިރު، 23 އަހަރުން ދަށުގެ މުބާރާތްތަކުގައި އެއްވެސް ސީނިއާ ކުޅުންތެރިއަކު ނުހިމަނަ އެވެ.

އޭރު އެ ލެވެލްގައި ކުޅެމުން އައި ކުޅުންތެރިންގެ ތެރޭގައި މިހާރުގެ ޓީމުގެ މެދުތެރެ ބަލަހައްޓަމުން އަންނަ އަލެކްސް ވިޓްސެލް އާއި އެންމެ ކުރިއަށް ކުޅޭ ޑްރީސް މާޓެންސް އަދި ފަހަތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިންސެންޓް ކޮމްޕެނީ އަދި ދެ ވަނަ ކީޕަރު ސިމޮން މިންޔޮލޭ ހިމެނެ އެވެ.

ސަބްލޮން މަސައްކަތް ފެށިތާ ތިން ވަނަ އަހަރު ކޮންމެވެސް ވަރަކަށް ނަތީޖާ ފެންނަން ފެށި އެވެ. ޔޫތު ސިސްޓަމް ވަރުގަދަވެ، ބެލްޖިއަމްގެ ޒުވާން ކުޅުންތެރިންނަށް މަޝްހޫރު ގިނަ ޓީމުތަކުން ފުރުސަތު ލިބެން ފެށި އެވެ. އެކަމަކު އެ ހިސާބުން ވެސް ސަބްލޮން ބޭނުންވީ އިތުރަށް މަސައްކަތްކޮށް ބެލްޖިއަމް ވޯލްޑް ކަޕާ ހަމައަށް ގެންދިއުމަށެވެ. ދުނިޔޭގެ ގިނަ ބަޔެއްގެ ލޯ އަމާޒުވާ ފަދަ ޓީމެއް ނުވަތަ ބެލްޖިއަމްގެ ފުޓްބޯޅައިގެ ރަން ޖީލެއް އުފެދުމަށެވެ.

އެ ގޮތުން ބެލްޖިއަމްގެ ކުޅުންތެރިން ދުނިޔޭގެ މަޝްހޫރު ލީގުތަކަށް ފޮނުވުމަށް ސަބްލޮން ބާރު އެޅި އެވެ. ޒުވާން އުމުރުގައި ރޮމެލޫ ލުކާކޫ، އެޑެން ހަޒާޑް، މޫސަ ޑެމްލެބޭ އަދި ޔެން ވާޓޮންގެން ފަދަ ކުޅުންތެރިން ބޭރު ގައުމުތަކަށް ކުޅެން ފޮނުވުމުގައި ކްލަބްތަކާ ވާހަކަ ދައްކައިގެން އެންމެ ބާރު އެޅީ ސަބްލޮން އެވެ.

ސަބްލޮން ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން ރިޓަޔާކުރީ 2012 ވަނަ އަހަރު އެވެ. އެކަމަކު އޭނާ އެކުލަވާލި ޕްލޭނުގެ މަސައްކަތް ކުރިއަށް ދިޔައިރު، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ބެލްޖިއަމް ކޮލިފައިވި އެވެ. މިއީ 12 އަހަރަށް ފަހު ބެލްޖިއަމް ކުޅުނު ފުރަތަމަ ބޮޑު މުބާރާތެވެ. އެ ފަަހަރުގެ ބެލްޖިއަމް ޓީމުގައި ހިމެނޭ 96 އިންސައްތަ ކުޅުންތެރިންނަކީ ސަބްލޮންގެ ޕްލޭނުގެ ތެރެއިން ފައްކާވެގެން އައި ކުޅުންތެރިންނެވެ. ބެލްޖިއަމްގެ ކުޅުންތެރިޔާ މާކް ވިލްމޮޓްސްގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުން ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އަތުން 1-0 އިން ބަލިވުމުންނެވެ. އެ މުބާރާތުން ލިބުނު ތަޖުރިބާގެ އަލީގައި 2016 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމަށް ރަނގަޅު ކާމިޔާބެއް ނުލިބުމުގެ ނަތީޖާ އަަކަށްވީ ވިލްމޮޓްސް އަށް އެ ޓީމުގެ ކޯޗުކަން ގެއްލުމެވެ.

ސަބްލޮން 2016 ވަނަ އަހަރު ދި ގާޑިއަން އަށް ދިން އިންޓަވިއުއެއްގައި ބުނީ ބެލްޖިއަމްގައި ފުޓްބޯޅަ ދެން ކުރިން ވެއްޓުނު ހާލަތަށް ނުދާނެ ކަމަށާއި މިހާރު އެ ގައުމުގެ ސިސްޓަމް އޮތީ ރަނގަޅަށް ކަމަށެވެ. އެހެންކަމުން ބޮޑެތި މުބާރާތްތަކުން އެ ޓީމު ފެންނާނެތީ ކާމިޔާބު ހޯދުމުގެ އުއްމީދު އޭނާ ދޫކޮށްނުލާ ކަމަށް ބުންޏެވެ.

ދެން ބެލްޖިއަމާ ހަވާލުވީ ޔޫތު ފުޓްބޯޅައިގެ ވެސް ތަޖުރިބާހުރި ކުރިން އެވަޓަން އަށް ކޯޗުކޮށްދިން ސްޕެއިނުގެ ރޮބާޓޯ މާޓީނޭޒް އެވެ. އޭނާގެ އެހީތެރިއަކަށް ގެނައީ ފްރާންސް އާއި އާސެނަލްގެ ލެޖެންޑް ތިއަރީ އޮންރީ އެވެ. މާޓިނޭޒާއި އޮންރީގެ މަސައްކަތުން ބެލްޖިއަމް ވަނީ މި ފަހަރުގެ ވޯލްޑް ކަޕަށް ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. ބެލްޖިއަމް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މިހާރު އޮތީ އެ ގައުމުގެ ފުޓްބޯޅައިގެ ރަން ޖީލު ފުރިހަމަ ވެފަ އެވެ. ދެން އޮތީ ކާމިޔާބު ހޯދުމުގެ މަސައްކަތް ކަމަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން މާޓީނޭޒް ބުނީ 21 ވަނަ ގަރުނަށް ބަލާއިރު ރަން ޖީލެއް އުފެދިގެން އައިސް އެންމެ ބޮޑު ކާމިޔާބެއް ހޯދީ ސްޕެއިނުން ކަމަށާއި ރަން ޖީލެއް އޮވެ ކާމިޔާބެއް ނުލިބި ދިޔައީ އިންގްލެންޑް ކަމަށެވެ. އަދި މި ދެ ގައުމުގައި ކަންތައްތައް ހިނގި ގޮތް ބަލައި، ދިރާސާކޮށް ބެލްޖިއަމުން އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު ނުކުންނާނީ މި މުބާރާތުގައި މުޅިން އަލަށް ކުޅޭ ޕެނަމާއާ ދެކޮޅަށެވެ.