19 ޖޫން 2018 - 07:49

ހުކުރު ދުވަހު ރިލީޒްކުރި، ސަލްމާން ހާންގެ ފިލްމް "ރޭސް 3" ވެސް ތިން ދުވަހުގެ ތެރޭގައި 100 ކްރޯޑް ކުލަބުން ޖާގަ ހޯދައިފި އެވެ.
އެ ފިލްމަށް އިންޑިއާ އިން އާދީއްތަ ދުވަހާ ހަމައަށް ލިބުނު އާމްދަނީ ވަނީ 106.47 ކްރޯޑް ރުޕީސް އަރައިފަ އެވެ. އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ފިލްމަށް ލިބުނު އާމްދަނީ އެއްކޮށްލުމުން "ރޭސް 3" ގެ ޖުމްލަ އާމްދަނީ މިހާރު ވަނީ 140.74 މިލިއަން ފަހަނައަޅައިފަ އެވެ.
މިއީ ފިލްމަކީ ރިލީޒް ކުރި ދުވަހު އެންމެ ރަނގަޅު ފެށުމެއް ވެސް މި އަހަރު ލިބުނު ފިލްމެވެ. އެގޮތުން ހުކުރު ދުވަހު އެކަނި ވެސް "ރޭސް 3" އަށް 29.17 ކްރޯޑް ރުޕީސް ލިބުނެވެ.
ރިލީޒް ކުރިތާ ތިން ދުވަހުގެ ތެރޭގައި މީގެ ކުރިން 100 ކްރޯޑް ކުލަބަށް ވަން ސަލްމާންގެ ފިލްމްތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒް ކުރި "ޓައިގާ ޒިންދާ ހޭ" އާއި 2016 ގެ "ސުލްތާން" އަދި 2015 ގެ "ބަޖިރަންގީ ބައިޖާން" ހިމެނެ އެވެ.
ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރި "ރޭސް 3" އަކީ "ރޭސް" ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމާ އަޅާބަލާ އިރު، ވަރަށް ކަމުނުދާ ފިލްމެއް ކަމަށް ކްރިޓިކުން ބުނެފައިވާ އިރު، މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ވަނީ ފިލްމަށް މި ފަހަރު ކިހާ ވަރެއްގެ އާމްދަނީއެއް ލިބޭނެތޯ ސުވާލުކޮށްފަ އެވެ. އެގޮތުން 200، 250 ނުވަތަ 300 ކްރޯޑް ފިލްމަށް ހޯދިދާނެތޯ ސުވާލުކޮށްފައިވެ އެވެ.
ތަރަން ބުނި ގޮތުގައި ވޯލްޑް ކަޕް ވެސް މިހާރު ކުރިއަށް ދިއުމާއި ރަންބީރު ކަޕޫރްގެ "ސަންޖޫ" ވެސް މި މަހުގެ 29 ގައި ސިނަމާތަކަށް އަންނާތީ "ރޭސް 3" ގެ ވިޔަފާރި އަށް މި ކަންކަމުގެ އަސަރު ކުރާނެ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި ސަލްމާންގެ "ޓައިގާ ޒިންދާ ހޭ" އަށް ބޮކްސް އޮފީހުގައި 570.83 ކްރޯޑް (85 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.
"ރޭސް 3" ގައި ކާސްޓުންގެ ތެރޭހައި ސަލްމާނާ އެކު ހިމެނެނީ ޖެކްލިން ފެނާންޑޭޒް، ބޮބީ ޑިއޯލް، ޑެއިޒީ ޝާހް، އަނިލް ކަޕޫރް އަދި ސާގިބް ސަލީމެވެ.
މި އަހަރު 100 ކްރޯޑް ކުލަބުން ޖާގަ ހޯދި އިތުރު ފިލްމްތަކަކީ ދީޕިކާގެ "ޕަދްމާވަތު"، ކަރްތިކް އަރިޔަންގެ "ސޯނޫ ކޭ ޓިޓޫ ކޭ ސްވީޓީ"، ޓައިގާ ޝްރޮފްގެ "ބާގީ 2"، އަޖޭ ދޭވްގަންގެ "ރެއިޑް" އަދި އާލިއާ ބަޓްގެ "ރާޒީ" އެވެ.