މިއީ ލަދުގަންނަން ޖެހޭ ވަރުގެ ބައްޔެއް ނޫން: ލޯ
މިއީ ލަދުގަންނަން ޖެހޭ ވަރުގެ ބައްޔެއް ނޫން: ލޯ

މޮސްކޯ (ޖޫން 18) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ މެކްސިކޯ އަތުން ބަލިވުމަކީ ލަދުގަންނަން ޖެހޭ ވަރުގެ ނަތީޖާއެއް ނޫން ކަމަށް ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނެފި އެވެ.

ފުރަތަމަ ހާފުގައި ހާވިން ލޮޒާނޯ ޖެހި ގޯލާ އެކު ޖަރުމަނުގެ މައްޗަށް 1-0 އިން މެކްސިކޯ އިން ކުރި ހޯދިއިރު، މިއީ ފާއިތުވި 33 އަހަރު ތެރޭ މެކްސިކޯ އަށް ޖަރުމަނު އަތުން ލިބުނު ފުރަތަމަ މޮޅެވެ. މިއީ އެންމެ ފަހުން ކުޅުނު އަށް ވޯލްޑް ކަޕްގެ ތެރޭގައި ޖަރުމަނަށް މުބާރާތުގެ ފުރަތަމަ މެޗުން މޮޅެއް ނުލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

"ފުރަތަަމަ ހާފުގައި އަހަރެމެންނަށް އެންމެ ރަނގަޅަށް ނުކުޅެވުން. އަހަރެމެން އާންމުކޮށް ކުޅޭ ވަރުގެ ޕާސިން އަދި އެޓޭކިން ކުޅުމެއް ނުދެއްކޭ. އެކަމަކު ޔަގީނުން ވެސް މިއީ އަހަރެމެން ލަދުގަންނަން ޖެހޭ ވަރުގެ ބައްޔެއް ނޫން،" ލޯ ބުންޏެވެ.

ވޯލްޑް ކަޕްގެ އެންމެ ފަހުގެ ދެ މުބާރާތުގައި ވެސް އެންމެ ފަހުގެ ޗެމްޕިއަން ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް މުބާރާތުގައި ކުޅުނު އޭރުގެ ޗެމްޕިއަން ސްޕެއިން ގްރޫޕް ސްޓޭޖުން ކެޓިއިރު، 2010 ވަނަ އަހަރުގެ މުބާރާތުގައި އޭރުގެ ޗެމްޕިއަން އިޓަލީ ވެސް ވަނީ ކަޓައިފަ އެވެ. އަދި 2002 ވަނަ އަހަރު ފްރާންސް ވެސް ކެޓީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި ވާދަކުރަނިކޮށެވެ.

ޖަަރުމަނު މިހާތަނަށް އަދި ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުން ކަޓާފައިނުވާއިރު، އެ ޓީމުގެ ކޯޗު ލޯ ހުރީ ފުރިހަމަ އިތުބާރާ އެކު އެވެ. ކުރިއަށް ދެން އޮތީ ދެކުނު ކޮރެއާ އާއި ސްވިޑެންއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ.

"ބަލިވުމުން ދެން ހަދާނެ ގޮތް މި ޓީމުގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭ. އަދި އަހަރެމެންނަށް ދޮރު ބަންދެއް ނުވޭ. ދެން އޮތީ އެންމެ މުހިއްމު މަސައްކަތް ދެން ކުޅޭ މެޗުން މޮޅުވުން މަޖުބޫރު،" ލޯ ބުންޏެވެ.

އޭނާ ވަނީ ދަނޑުބޭރުން ޖަރުމަނަށް ދިމާވާ ގޮންޖެހުންތަކުގެ އަސަރު ކުޅުންތެރިންނަށް ކުރާ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ.

ޖަރުމަނު ދެން ކުޅޭ މެޗުގައި މި މަހު 23 ވަނަ ދުވަހު ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ސްވިޑެން މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދެކުނު ކޮރެއާއާ އެވެ.