19 ޖޫން 2018 - 07:45

އިސް މަގާމުތަކުގައި އަންހެނުން ތިބުމުން ކޮރަޕްޝަނުގެ މައްސަލަތައް މަދުވާނެ ކަމެއް ކަމަށް ދިރާސާއެއްގައިި ބުނެފި އެވެ.
އިކޮނިމިކް ބިހޭވިއާ އެންޑް އޮގަނައިޒޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ސަރުކާރުގެ އިސް މަގާމުތަކާއި ގާނޫނު ހަދާ މަޖިލިސް ފަދަ ތަންތަނުގައި މަސައްކަތް ކުރާ އަންހެނުންގެ ނިސްބަތް އިތުރުވުމަކީ ކޮރަޕްޝަނާ ދެކޮޅަށް ރަނގަޅު ކަމެކެވެ.
ދުނިޔޭގެ 125 އަށް ވުރެ ގިނަ ގައުމުގެ ޑޭޓާ އެއްކޮށްގެން ހެދި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އަންހެނުން އިސް މަގާމުތަކުގައި ތިބި ގިނަ ގައުމުތަކުގައި ރިޝްވަތާއި ކޮރަޕްޝަނުގެ މައްސަލަތައް މަދެވެ.
ދިރާސާގައި ބުނި ގޮތުގައި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކޮށް، ލީޑަޝިޕް ފުރުސަތުތައް އަންހެނުންނަށް ފަހިކޮށް ދިނުމަކީ ނަޒާހާތްތެރި ކަމަށް ހުޅުވައިލެވޭނެ ދޮރެކެވެ. އެހެންވެ މިހާރަށް ވުރެ ބޮޑަަށް އަންހެނުން ބާރުވެރިކޮށް، ކަންކަން ނިންމާ މަރުހަލާގައި މަސައްކަތް ކުރެވޭނެ ފުރުސަތު އަންހެނުންނަށް ފަހިކޮށް ދިނުން މުހިއްމު ކަމަށް ވެސް ދިރާސާގައި ބުންޏެވެ.
"ވަކިން ހާއްސަކޮށް މިއީ ސިޔާސީ ގޮތުން އަންހެނުންގެ ދައުރު ކުޑަ ގައުމުތަކުން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް،" އެމެރިކާގެ ވާޖިނިއާ ޓެކްގެ އިކޮނޮމިކް ޕްރޮފެސަރު ސުދިޕްތާ ސަރަންގީ ވިދާޅުވި އެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޕޮލިސީތައް އެކުލައިވާ މަރުހަލާގައި މަސައްކަތް ކުރެވޭނެ ފުރުސަތު އަންހެނުންނަށް ހޯދައި ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.