18 ޖޫން 2018 - 10:27

ސީރިޔާ ސަރުކާރު ސިފައިންގެ އަމާޒުތަކަކަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ ހަމަލާތަކެއް ދީ އެތައް ބަޔަކު މަރާލައިފި އެވެ.
ސީރިޔާގެ އަސްކަރީ މަސްދަރުތަކަކާ ހަވާލާދީ، އެގައުމުގެ ހަބަރު ފަތުރާ ރަސްމީ އިދަރާ "ސަނާ" އިން ބުނި ގޮތުގައި އެމެރިކާގެ މަތިންދާބޯޓުތަކުން އިއްޔެ ހަމަލާ ދިނީ އިރުމަތީ ސީރިޔާގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒަކަށެވެ. މި ހަމަލާގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވި އެވެ. ނަމަވެސް މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތަފްސީލީ އަދަދުތަކެއް ސީރިޔާ ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބުނި ގޮތުގައި ކޮން ތަނެއްގެ ބޯޓުތަކެއް ކަން ނޭނގޭ އަސްކަރީ މަތިންދާބޯޓުތަކަކުން އިއްޔެ ހަމަލާ ދިނީ ސީރިޔާގެ އިރުމަތީގައި، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ތިބި މަރުކަޒަކަށެވެ. އޭގެ އިތުރުން ސީރިޔާ ސަރުކާރާ ގުޅިގެން ހަނގުރާމަ ކުރަމުންދާ އަމިއްލަ އަސްކަރީ ޖަމާއަތެއްގެ މަރުކަޒުތަކަކަށް ވެސް އެ ބޯޓުތަކުން އިއްޔެ ހަމަލާ ދިނެވެ.
ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ސީރިޔާ އަށް އަތް ގަދަކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކުރުމަށް ސީރިޔާ ސަރުކާރުގެ ސިފައިންނާ ގުޅިގެން ހަނގުރާމަ ކުރަމުން ދަނީ، އީރާންގެ ޝީއީ ހަނގުރާމަވެރިންގެ އިތުރުން، ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންނާއި އިރާގުގެ ޝީއީ ހަނގުރާމަވެރިންނެވެ.
ސީރިޔާގެ އިރުމަތީ ސަރަހައްދުތަކަށް އަތް ގަދަކޮށްގެން އުޅޭ އައިއެސް ޖަމާއަތް އަދިވެސް އެކުގައި ބަލިކޮށްނުލެވޭ ކަމަށް ސީރިޔާ ސަރުކާރުން ބުނެ އެވެ. ސީރިޔާ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމެރިކާ އާއިި ވިލާތުގެ ގައުމުތަކުގެ އިތުރުން ތުރުކީ ވިލާތުންނެވެ. އަދި އަރަބި ބައެއް ގައުމުތަކުން ވެސް ސީރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.