ސްވިޒަލެންޑުން ގަދަފަދަ ބްރެޒިލް ހިފަހައްޓައިފި
ސްވިޒަލެންޑުން ގަދަފަދަ ބްރެޒިލް ހިފަހައްޓައިފި

ރޮސްޓޯފް-އޮން-ޑޮން (ޖޫން 18) - ފީފާ ވޯލްޑް ކަޕުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައިވާ ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި މިރޭ ސްވިޒަލެންޑާ 1-1 އިން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދީފައިވަނިކޮށް ސްވިޒަލެންޑުން އެއްވަރުކުރީ ދެ ވަނަ ހާފުގެ ކުރީކޮޅެވެ.

މި ފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ލަފާކުރެވިފައިވާ ޓީމުތަކުގެ ތެރެއިން ފްރާންސް ފިޔަވައި އެއްވެސް ޓީމަކަށް ފުރަތަމަ މެޗުން އަދި މޮޅެއް ނުހޯދެ އެވެ. ޕޯޗުގަލްއާ 3-3 އިން ސްޕެއިން އެއްވަރުވިއިރު އާޖެންޓީނާ ވަނީ އައިސްލެންޑާ 1-1 އިން އެއްވަރުވެފަ އެވެ. އަދި ޗެމްޕިއަން ޖަރުމަން ވަނީ މިއަދު މެކްސިކޯ އަތުން 1-0 އިން ބަލިވެފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލުން ވަނީ ވަރަށް ރަނގަޅު އެޓޭކިން ކުޅުމެއް ދައްކައިފަ އެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއްގައި ކުޅުމާ ދުރުގައި ހުރުމަށް ފަހު ދާދި ފަހުން އެނބުރި އައި ނޭމާއާ އެކު ބްރެޒިލް ފެނުނީ ވަރުގަދަކޮށެވެ. އެ ޓީމުން 11 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. އެކަމަކު ނޭމާ ދިން ބޯޅަ އޭރިއާ ތެރެއިން ޕައުލީނިއޯ ޖައްސާލުމުން ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ބްރެޒިލަށް ކުޓީނިއޯ ލީޑު ނަގައިދިނީ 19 ވަނަ މިނެޓުގަ އެވެ. ކެޕްޓަން މާސެލޯ އޭރިއާ ތެރެއަށް ނެގި ހުރަހެއް ސްވިޒަލެންޑް ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ނުކުތް ވަގުތު ކުޓީނިއޯ އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ލިވަޕޫލް ދޫކޮށް ރެކޯޑް އަގަކަށް ޖެނުއަރީ މަހު ބާސެލޯނާ އަށް ބަދަލުވި ކުޓީނިއޯގެ މި ގޯލަކީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ހިތްގައިމު އެއް ގޯލެވެ.

ދެ ވަނަ ހާފު ފަށައިގެން ފަސް މިނެޓުގެ ތެރޭގައި ސްވިޒަލެންޑުން ނަތީޖާ ހަމަހަމަކުރި އެވެ. ކޯނަރަކުން ޒެރްދާން ޝަގީރީ ހުރަސްކުރި ބޯޅަ ބޮލުން ޖަހައި ގޯލަށް ވައްދާލީ ސްޓީވެން ޒޫބާ އެވެ. އޭރު އޭނާ މާކްކޮށްގެން ހުރި ބްރެޒިލްގެ ޑިފެންޑަރު މިރާންޑާ ހުރީ ހަރަކާތް ހުއްޓިފަ އެވެ.

މި ގޯލަށް ފަހު މެޗުގެ ކޮންޓްރޯލް ކޮންމެވެސް ވަރަކަށް ސްވިޒަލެންޑަށް ލިބުނެވެ. އެ ޓީމުން ވަރަށް އޯގަނައިޒްކޮށް ކުޅެމުން ދިޔައިރު ބްރެޒިލަށް މި ހާފުގައި ހަމަލާތަކެއް އުފެއްދުމުގައި މައްސަލަތަކެއް ކުރިމަތިިވި އެވެ. އެ ޓީމުގެ ކޯޗު ޓީޓޭ ވަނީ ފެނާންޑީނިއޯ އާއި ރެނާޓޯ އޮގަސްޓޯ އަރުވައި މެދުތެރެ ބަދަލުކޮށް އަދި ފޯވާޑް ރޮބާޓޯ ފިރްމީނިއޯގެ ބޭނުން ވެސް ހިފައިގަ އެވެ. އެއާ އެކު އެ ޓީމުން މެޗުގެ ފަހުބައިގައި ސްވިޒަލެންޑަށް ނުރައްކާކުރި އެވެ.

އެ ޓީމަށް މި ހާފުގައި ވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 69 ވަނަ މިނެޓުގައި ކުޓީނިއޯ އަށެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ޝޮޓް މި ފަހަރު ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މެޗު ނިމެނިކޮށް އޭރިއާ ތެރެއިން ފިރްމީނިއޯ އަށް ހުހަށް ލިބުނު ފުރުސަތުގައި ބޮލުން ފޮނުވާލި ބޯޅަ ސްވިޒަލެންޑް ގޯލްކީޕަރު މަތަކުރި އެވެ. އޭގެ ފަހުން ނުރައްކާތެރި ހިސާބަކުން ހިލޭ ޖެހުމެއް ލިބުނު ނަމަވެސް ނޭމާ އަށް އޭގެ ބޭނުމެއް ނުކުރެވުނެވެ.

ގްރޫޕް އީ ގެ އެއް ވަނައިގައި އޮތީ މިއަދު މެންދުރުފަހު ކޮސްޓާ ރީކާ އަތުން 1-0 އިން މޮޅުވި ސާބިއާ އެވެ. ބްރެޒިލާއި ސްވިޒަލެންޑަށް އެއް ޕޮއިންޓް ލިބިފައިވާއިރު ކޮސްޓާ ރީކާ އަށް ޕޮއިންޓެއް ނުލިބެ އެވެ. ދެން އޮންނާނީ ހުކުރު ދުވަހު ކޮސްޓަ ރީކާއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗާއި ސާބިއާ އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗެވެ.