17 ޖޫން 2018 - 21:54

މޮސްކޯ (ޖޫން 17) - އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މިރޭ މެކްސިކޯ އަތުން 1-0 އިން ބަލިވެއްޖެ އެވެ.

މި މެޗުން ޖަރުމަނު ބަލިވިއިރު، ވޯލްޑް ކަޕުގައި އެ ޓީމުން ދަމަހައްޓަމުން އައި ރެކޯޑަކަށް ވަނީ ނިމުން އައިސްފަ އެވެ. އެންމެ ފަހުން ކުޅުނު ހަތް ވޯލްޑް ކަޕްގައި ވެސް ޖަރުމަނު ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އެ ޓީމު އެންމެ ފަހުން މޮޅުނުވެދިޔައީ 1986 ވަނަ އަހަރު އެވެ. އެ ފަހަރު އުރުގުއޭއާ ދެކޮޅަށް ކުޅެ އެ ޓީމު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މިއީ 33 އަހަރަށް ފަހު މެކްސިކޯ އަށް ޖަރުމަނު އަތުން ހޯދުނު ފުރަތަމަ މޮޅެވެ. އެ ޓީމު އެންމެ ފަހުން ޖަރުމަނު އަތުން މޮޅުވީ 1985 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ.
ވޯލްޑް ކަޕްގައި އެންމެ ފަހުން ދެ ފަހަރު ވެސް ފާއިތުވި އަހަރުގެ ޗެމްޕިއަނުންނަށް ދިޔައީ ބަދު ނަސީބު ކޮށެވެ. ޖަރުމަނުގައި 2006 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން އެއްވަރުވިއިރު، ގްރޫޕް ސްޓޭޖުން ކެޓީ އެވެ. އަދި އެ ފަހަރުގެ ޗެމްޕިއަން ސްޕެއިން ވަނީ ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބަލިވެ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
މިރޭގެ މެޗަށް ޖަރުމަން ނުކުތީ އެކަން ބަދަލު ކުރުމަށެވެ. އެކަމަކު މެޗުގެ ފުރަތަމަ މިނިޓުން ފަށައިގެން މެކްސިކޯ އިން ދިޔައީ އެ ޓީމުގެ ކުރިއަށް ކުޅޭ ހަލުވި ކުޅުންތެރިންނާ އެކު ޖަރުމަނުގެ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. އެ ގޮތުން ހަވިއޭ ހެނާންޑޭޒާއި ކާލޮސް ވެލާ އަދި ކޮލިފައިންގައި މެކްސިކޯ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ހާވިން ލޮޒޯނާ އަށް ލިބޭ ބޯޅަތަކުގައި ޖަރުމަނުގެ ފަހަތަށް ވަރަށް ބާރުބޮޑުވި އެވެ.
ޖަރުމަނުގެ އެންމެ ކުރި ބަލަހައްޓަމުން ދިޔަ ޒުވާން ފޯވާޑް ޓިމޯ ވާނާ އޭރިއާ ތެރެއިން ލިބުނު ދެ ބޯޅައެއް ގޯލަށް ފޮނުވާލި ނަމަވެސް ބާރެއް ނެތުމުން މެކްސިކޯގެ ކީޕަރު ގުއިލެރްމޯ އޮޗޯއާ ވަނީ އަތަށް ނަގައިފަ އެވެ. ޖަރުމަނުގެ ޖޫލިއަން ޑްރެކްސްލާ އާއި މެސުތު އޮޒިލް އަދި ތޯމަސް މުލާގެ ފަރާތުން އެންމެ ފުރިހަމަ އެޓޭކްތަކެއް ފުރަތަމަ ހާފުގައި ނުފެނުނެވެ.
މެޗު ކުރިއަށްދާ ވަރަކަށް ހައިލައިންކޮށް ޑިފެންސްކުރަމުންދިޔަ ޖަރުމަނުގެ ޑިފެންޑަރުންނަށް މެކްސިކޯ އިން ދިޔައީ ނުރައްކާ ކުރަމުންނެވެ. އެ ގޮތުން ހާފުގެ މެދުތެރެއިން ދެ ފަހަރެއްގެ މަތިން ޖަރުމަނުގެ އޮފްސައިޑް މަޅިން ސަލާމަތްވެ ހެނާންޑޭޒާއި ލޮޒޯނާ އަށް ރަނގަޅު ދެ ފުރުސަތެއްގެ ބޭނުން ނުހިފުނެވެ.
އެކަމަކު މެޗުގެ 35 ވަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ހެނާންޑޭޒް ދިން ބޯޅައަކުން ލޮޒާނޯ ވަނީ މެކްސިކޯ އަށް ލީޑުނަގައިދީފަ އެވެ. ނެދަލެންޑްސްގެ ޕީއެސްވީ އަށް ކުޅޭ ލޮޒޯނާ ލަނޑު ޖެހީ އޭރިއާ ތެރެއިން ޖަރުމަނުގެ ޑިފެންޑަރެއް ކައިރިން ދެމިގަތުމަށް ފަހު ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ހާފު ނިމުމުގެ ކުރިން ޖަރުމަނަށް ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. ލިބުނު ހިލޭ ޖެހުމަކުން ޓޮނީ ކްރޫސް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ކީޕަރު އޮޗޯއާ އަތުގެ އިތުރުން ހުރަސް ދަނޑީގައި ވެސް ޖެހިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން ޖަރުމަނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މެކްސިކޯ ހާފް ތެރޭގައި ކުޅެމުންދިޔައިރު، އެ ޓީމުން ވަނީ ހަމަލާތަކެއް ވެސް އުފައްދައިފަ އެވެ. އެކަމަކު އެ ޓީމުން ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. ގިނަ ހަމަލާތައް ފޮނުވާލީ ޓިމޯ ވާނާ އާއި ޑްރެކްސްލާ އެވެ.
ޖަރުމަނުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ކައުންޓަ އެޓޭކުގައި މެކްސިކޯ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު އެންމެ ފަހު ވަގުތު ހެނާންޑޭޒް ޖައްސާލި ބޯޅަ ބާރުވުމުން އޭރިއާ ތެރެއިން ވެލާ އަށް އެ ބޯޅަ ލިބޭގޮތެއްނުވި އެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ޖަރުމަނުން ވަނީ މާކޯ ރެއުސް އަރުވައިފަ އެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. މެޗުގެ ފަހު ދިހަ މިނިޓަށް ޖަރުމަނުން ވަނީ ފަހަތަށް ކުޅެމުންދިޔަ މާވިން ޕްލެޓެންހާޑްގެ ބަދަލުގައި ކުރިއަށް ކުޅޭ މާރިއޯ ގޯމޭޒް ކުޅެން އަރުވައިފަ އެވެ. އެ އަށް ފަހު އެ ޓީމުން ވަރަށް ބޮޑަށް އެޓޭކަށް ވިސްނި އެވެ.
ޖަރުމަނުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެކްސިކޯގެ މިގޭލް ލަޔޫން އަށް ހުސްކޮށް ދެ ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ.
މެޗުގެ ފަހު ވަގުތު ޖަރުމަނުގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ތިބީ މެކްސިކޯ ހާފުގަ އެވެ. އެ ޓީމުން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މެކްސިކޯގެ ކީޕަރު އޮޗޯއާ ކައިރިން ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ. މެކްސިކޯ އެންމެ ފަހުން ވޯލްޑް ކަޕްގެ ފުރަތަމަ މެޗަކުން ބަލިވީ 1994 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ޓީމު އަދި ވޯލްޑް ކަޕްގެ ފުރަތަމަ މެޗަކުން ބަލިނުވެ އެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި ދެކުނު ކޮރެއާ މާދަމާ ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ.