އާޒިމް ވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި
އާޒިމް ވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

އާޒިމް ވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި
އާޒިމް ވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި އަދި އިދިކޮޅު ކޯލިޝަންގެ ހިޔަނި ކެބިނެޓްގައި ވެސް ހިމެނިވަޑައިގަންނަވާ އާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މިރޭ ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ޕާޓީއާ އާޒިމް ގުޅިވަޑައިގަތުމާ އެކު، ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ނާއިންސާފާއި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މިއަދު އޭނާ ފަށަނީ އާ މަސައްކަތެއް ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ނުވެ އެ މަސައްކަތް ކާމިޔާބު ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ރާއްޖެއަށް ޑިމޮކްރަސީ ގެންނަން އެންމެ ފުރަތަމަ މަސައްކަތް ކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ގާސިމް ކުރައްވާ މަސައްކަތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޖުމްހޫރީ ޕާޓީއާ ގުޅުމަށް އޭނާ އެދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ޒުވާނުންނަށާއި ގިނަ ރައްޔިތުންނަށް ހުޅުވިފައިވާ ޕާޓީއެއް ކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ އިނގޭ. ހުރިހާ ބޭފުޅުން ވަޑައިގެން މި ޕާޓީ ބޮޑުކޮށް، ޕާޓީ ހަރުދަނާ ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ އަޅުގަނޑުގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް.،" އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ އިތުރުން ގާނޫނީ ވަކީލް މުހައްމަދު ފަރީދު ވެސް މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ.

ފަހަކަށް އައިސް ސިިޔާސީ ގިނަ ބޭފުޅުންތަކެއް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ގިނަ ސިޔާސީ ބޭފުޅުުންތަކެއް ޖުމްހޫރީއާ ގުޅިވަޑައިގެންފައިވާއިރު، މިމަހުގެ ފަހުކޮޅު އެ ޕާޓީގެ ކޮންގްރެސް ވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ އެހެން މަގާމުތަކަށް ވެސް ބޭފުޅުން އިންތިޚާބު ކުރާނެ އެވެ.