ކޮސްޓަ ރިކާ އަތުން ސާބިއާ އަށް މުހިއްމު މޮޅެއް
ކޮސްޓަ ރިކާ އަތުން ސާބިއާ އަށް މުހިއްމު މޮޅެއް

ސަމާރާ (ޖޫން 17) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކޮސްޓަ ރިކާ އަތުން 1-0 އިން ސާބިއާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

ކޮސްޓަ ރިކާ އަތުން ސާބިއާ އަށް މުހިއްމު މޮޅެއް
ކޮސްޓަ ރިކާ އަތުން ސާބިއާ އަށް މުހިއްމު މޮޅެއް

މި ގްރޫޕުގައި ދެން އޮތް ދެ ޓީމު ކަމަށްވާ ބްރެޒިލާއި ސްވިޒަލެންޑަކީ އަނެއް ބުރަށްދާނެ ކަމަށް ގިނަ ބަޔަކު ބުރަވާ ދެ ޓީމު ކަމަށްވުމުން ކޮސްޓަ ރިކާ އާއި ސާބިއާ މި މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދައި ހަމަޖެހިލުމަށެވެ.

މިއީ ސާބިއާ ވަކި ޓީމެއްގެ ގޮތުގައި ވޯލްޑް ކަޕްގައި ކުޅެން ފެށި ފަހުން އެ ޓީމު ހޯދި ދެ ވަނަ މޮޅެވެ. މީގެ ކުރިން އެ ޓީމު މޮޅުވީ 2010 ވަަނަ އަހަރު ޖަރުމަން އަތުންނެވެ. ކުރިން ޔޫގޯސްލާވިއާގެ ނަމުގައި ކުޅުނު ސާބިއާ ވަނީ 2006 ވަނަ އަހަރު ސާބިއާ އެންޑް މޮންޓަނެގްރޯގެ ނަމުގައި ވެސް ކުޅެފަ އެވެ. ފަހުން ސާބިއާ އާއި މޮންޓަނެގްރޯ ވެސް ވަނީ ވަކިވެފަ އެވެ.

ކޮސްޓަ ރިކާ ވަނީ އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނު ހަތަރު ފަހަރުގެ ތެރެއިން ދެ ފަހަރު ދެ ވަނަ ބުރުގައި ކުޅެފަ އެވެ. އެ ޓީމަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެންމެ ހައިރާންކުރަނިވި ނަތީޖާތައް ނެރުނު ޓީމެވެ. އެ ފަހަރު އެ ޓީމުން ދެ ވަނަ ބުރުގެ ޖާގަ ހޯދީ އުރުގުއޭ އާއި އިޓަލީ އަދި އިންގްލެންޑް އޮތް ގްރޫޕެއް ކާމިޔާބު ކޮސްގެންނެވެ. އެކަމަކު މި ފަހަރު ފުރަތަމަ މެޗުން ބަލިވުމުން އެ ޓީމަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ފުރުސަތު ލިބުނީ ކޮސްޓަ ރިކާ އަށެވެ. އެ ޓީމުގެ ފަހަތަށް ކުޅޭ ޖިއަންކާލޯ ގޮންޒާލޭޒަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ވަރުގަދަކޮށް ފެނުނު ސާބިއާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކީ ނިމެންޏާ މަޓިޗް އާއި ލޫކަ މިލިވޯޔެވިޗް އަދި ސާގޭ މިލިންކޮވިޗް-ސަވިޗް ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅެ ކޮސްޓަ ރިކާ ފަހަތަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ. ޑޫސާން ޓަޑިޗާ އާއި އެޑަމް ލަލިޗް އަރިމަތިން ގިނަ ހުރަސްތަކެއް ނެގި ނަމަވެސް އޭގެ ތެރެއިން ނުރައްކާކޮށް ދިޔަ ބޯޅަތައް ކޮސްޓަ ރިކާ އަށް ކުޅޭ ރެއާލް މެޑްރިޑްގެ ކީޕަރު ކޭލޯ ނަވާސް ވަނީ މަތަކޮށްފަ އެވެ.

ވޯލްޑް ކަޕްގައި މިހާތަނަށް ކޮސްޓަ ރިކާ އިން ނެރުނު އެންމެ ދުވަސްވީ އެގާރަ ކުޅުންތެރިންނާ އެކު އެ ޓީމުން ކުޅެމުން ދިޔަ ނަމަވެސް ލިބޭ ބޯޅަތަކުގައި އެ ޓީމުން ވެސް ދިޔައީ ސާބިއާ ފަހަތަށް ބާރު ބޮޑު ކުރަމުންނެވެ. ހާއްސަކޮށް ކޮސްޓަ ރިކާގެ ކުރިއަަށް ކުޅޭ މާކޯ އުރޭނިއާ އަށް ލިބޭ ބޯޅަތަކުގައި ސާބިއާގެ ޑިފެންޑަރުން ހާސްކޮށްލި އެވެ.

ފުރަތަމަ ހާފުގެ ފަހު ޝޮޓަކީ ސާބިއާގެ މިލިންކޮވިޗް-ސަވިޗް ފޮނުވާލި އޯވަހެޑް ކިކެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ހިތްގައިމު އޯވަހެޑް ކިކަކުން އޭނާ ފޮނުވާލިއިިރު، ކީޕަރު ނަވާސް ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ޖެހިއިރު އޮފްސައިޑް ކަމަށް ލައިންސްމަން ދިދަ ނެގިނަމަވެސް ރީޕްލޭއިން ދައްކާ ގޮތުގައި މިލިންކޮވިޗް-ސަވިޗް ހުރީ އޮފްސައިޑްގައެއް ނޫނެވެ.

ދެ ވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނިޓްގައި ލީޑުނަގަން ސާބިއާގެ އަލެކްސަންޑަ މިޓްރޮވިޗަށް ލިބުނު ރަނުގެ ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ކީޕަރު ނަވާސް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަ މިނިޓް ފަހުން ސާބިއާ އަށް ލީޑުނަގައިދިނީ މެޗުގެ 56 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން އަލެކްސަންޑަ ކޮލަރޯވް އެވެ. އޭނާ މި ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

ކޮސްޓަ ރިކާ އިން ވަނީ ކްރިސްޓިއަން ބޮލާނިއޯސް އާއި ޖޮއެލް ކޭމްބަލް ކުޅެން އަރުވައިފަ އެވެ. އެކަމަކު ދެން ވެސް ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސާބިއާ އަށެވެ. ސާބިއާގެ ޓަޑިޗް ނަގައިިދިން ހުރަހަކުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ފިލިޕް ކޮސްޓިޗަށް އެ ބޯޅަ ގޯލަށް ފޮނުވާނުލެވުނީ އޭނާ އަށް ބޯޅަ ލިބުމުގެ ކުރިން ކީޕަރު ނަވާސް އެ ބޯޅައިގައި އަތްލުމުންނެވެ.

މެޗުގެ އިތުރު ވަގުތުގައި ކޮސްޓަ ރިކާ ބެންޗު ކައިރިން ބޯޅައެއް ބޭރުވި ވަގުތު ސާބިއާގެ މަޓިޗް އާއި ކޮސްޓަ ރިކާގެ އޮފިޝަލަކާ ދެމެދު ހަމަނުޖެހުމެއް ހިނގިއިރު، އެތަނަށް ދެ ޓީމުގެ ކުޅުންތެރިން އެއްވި އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު ރެފްރީ ވަނީ އެ ވަގުތުގެ ތެރޭގައި ފިޔަވަޅެއް އަޅަން ޖެހޭފަދަ ކަމެއް ނުހިނގާ ކަމަށް ނިންމައިފަ އެވެ. އޭގެ ފަހުން ބޯޅަ ނެތިސް ސާބިއާގެ ފޯވާޑް އަލެކްސަންޑާ ޕްރިޔޯވިޗް ވަނީ ކޮސްޓަ ރިކާ ކުޅުންތެރިއަކަށް ހަމަލާދީފަ އެވެ. ވީއޭއާރްގެ އެހީ ހޯދުމަށް ފަހު ރެފްރީ ވަނީ އޭނާ އަށް ރީނދޫ ކާޑު ދައްކައިފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި މިރޭ ބްރެޒިލާއި ސްވިޒަލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.