"މޭޑް އިން ޗައިނާ" ގައި ރާޖްކުމާރް ރާއޯ
"މޭޑް އިން ޗައިނާ" ގައި ރާޖްކުމާރް ރާއޯ

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން މިހާރު އެންމެ ބިޒީ އެއް އެކްޓަރު ކަމަށްވާ ރާޖްކުމާރް ރާއޯ "މޭޑް އިން ޗައިނާ" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފިލްމަކީ ދާދި ފަހުން އޭނާ ޝޫޓިން ނިންމައިލި ހޮރޯ/ކޮމެޑީ "ސްޓްރީ" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ޗައިނާ އާއި އަހުމަދުއާބާދުގައި ޝޫޓް ކުރަން ހަމަޖެހިފައިވާ "މޭޑް އިން ޗައިނާ" ގެ ޑައިރެކްޓް ކުރަނީ "ރޯންގް ސައިޑް ރާޖޫ" އިން ނެޝަނަލް އެވޯޑް ހާސިލްކޮށްފައިވާ މިޙިލް މުސާލޭ އެވެ.

"މޭޑް އިން ޗައިނާ" އާ ބެހޭ ގޮތުން ދިނޭޝް ބުނީ އޭނާ ޕްރޮޑިއުސް ކުރާ އިތުރު ފިލްމެއް ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު ރާޖްކުމާރަށް ދިނީ "ސްޓްރީ" ގެ ތަޖުރިބާ ރަނގަޅުވުމުން ކަމަށެވެ. އަދި އޭނާއަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށް ބުންޏެވެ.

ދިނޭޝް މިދިޔަ އަހަރު ޑައިރެކްޓް ކުރި "ރާބްތާ" ގައި ވެސް ރާޖްކުމާރް ވަރަށް ތަފާތު ކެރެކްޓާއެއް ކުޅެފައިވެ އެވެ.

"މޭޑް އިން ޗައިނާ" ގެ ޝޫޓިން ފަށާނެ އިރަކާއި ފިލްމްގެ ބަތަލާއަކީ ކާކު ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.

ރާޖްކުމާރް މިހާރު އަންނަނީ ކަންގަނާ ރަނާވަތުއާ އެކު ކުޅޭ ފިލްމް "މެންޓަލް ހޭ ކިޔާ" ގެ މަސައްކަތް ލަންޑަންގައި ކުރަމުންނެވެ.

އުމުރުން މިހާރު 33 އަހަރުގެ އެކްޓަރުގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ މެއި މަހު ރިލީޒް ކުރި "އޮމެރްތާ" އެވެ. އޭނާގެ އިތުރު 8 ފިލްމެއް އަދި މި އަހަރު ރިލީޒްވާން އެބަ އޮތެވެ.

އެގޮތުން ދެން އެންމެ އަވަހަށް ރާޖްކުމާރް ފެނިގެން ދާނީ އައިޝްވާރިޔާ ރާއީ އާއި އަނިލް ކަޕޫރާ އެކު އޮގަސްޓް 3 ގައި ރިލީޒް ކުރާ "ފެނީ ހާން" އިންނެވެ. ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި "ސްޓްރީ" އާއި "މެންޓަލް ހޭ ކިޔާ" ގެ އިތުރުން "5 ވެޑިންސް"، "ޝިމްލާ މިރްޗް"، "އޭކް ލަޅްކީ ކޯ ތޭކާ ތޮ އޭސާ ލަގާ"، "ލަވް ސޯނިއާ" އަދި ބެންގާލީ ފިލްމް "އަމީ ސައިރާ ބާނޯ" ހިމެނެ އެވެ.

މިދިޔަ އަހަރު ވެސް ރާޖްކުމާރްގެ 6 ފިލްމެއް ސިނަމާތަކަށް އައި އިރު، "ބޯސް: ޑެޑް/އެލައިވް" ކިޔާ ވެބް ސީރީޒަކުން ވެސް އޭނާ ފެނިފައިވެ އެވެ.